(އެއްތިރީސްވަނަ ބައި)

ތަނަވަސް ކޮޓަރިއެއްގެ ރީތިވާ މޭޒު ކުރިމަތީގައި ހުއްޓިހުރި ޔުނާ ޝޯލްގައި ޕިންތައް ހަރުކުރަމުން ދިޔައެވެ. އަވަސް ޙަރަކާތްތަކެއްގައި އެކަން ކުރަމުން ދިޔައިރު ދޭތެރެދޭތެރެއިން ގަޑިއަށް ނަޒަރު ހިންގެމުން ދިޔައެވެ.

އެމްސްޓާޑަމްގެ ގަޑިން އެވަގުތު ރޭގަނޑު 9 ޖަހަން ގާތްވަމުން ދަނީއެވެ. ގަޑިއަށް ބެލެމުން ދިޔަ ކޮންމެ ފަހަރަކު ހިތް އަވަސްވަމުން ދިޔައީ އެރޭ ޔުނިވާރސިޓީއަށް ގަޑިއަށް ނުދެވިދާނެހެން ހީވަމުން ދިޔައީތީވެއެވެ. ޢާއްމުގޮތެއްގައި ޔުނާގެ ކުލާސްތައް އޮންނަނީ ދުވާލުގައެވެ. އެހެނަސް އެސައިންމެންޓަކާއި ގުޅޭ ޕްރެޒެންޓޭޝަނެއް ހަމަ އެދުވަހުން އެދުވަހަށް ނިންމަން ގަދަ ހެދި ޕްރޮފެސަރަކު އެރޭ އިތުރު ގަޑިއެއް ބާއްވަން ނިންމީއެވެ.

ޝޯލް އަޅައި ނިންމުމަށްފަހު ފަހު ފަހަރަށް މޫނުބަލާ ލޯގަނޑުން އޭނަގެ ސޫރައަށް ބަލައިލިއެވެ. ގަދަ ދަނބުކުލައިގެ ޝޯލްއަކާއި ނޫކުލައިގެ އަތްދިގު މައްޗަކާއިއެކީ ކަޅުކުލައިގެ ޖިންސެއްގައި ޔުނާ ފެންނަމުން ދިޔައީ ރީތިކޮށެވެ. އެހެނަސް އޭނަ އެ ޝޯލްގެ ބަދަލުގައި ޒަމާނުގެ ފެޝަނަކާއި އެއްގޮތަށް ގޮތަކަށް އިސްތަށިގަނޑު ހަދައިގެން ހުރިނަމަ މިއަށްވުރެ ރީތިވީހޭ ޔުނާގެ ހިތް ބުނީ ޖިނާހުގެ ބަސްތަކުގެ މަތިން ވެސް ހަނދާން ކުރަމުންނެވެ. އޭނަ ބުރުގާ އަޅައިގެން ހުރިތަން ޖިނާހަށް ފެނުނު ފުރަތަމަ ދުވަހުވެސް ޖިނާހުގެ ފަރާތުން ފެނިގެން ދިޔައީ ނުރުހުންތެރިކަމެވެ. ތީ ކޯޗެއްތޯ ބުނެ މަލާމާތުގެ ޒާތަށް ޖިނާހު ހީލިއެވެ. ޔުނާއާއި ބުރުގާ ނުވެސް ގުޅޭ ކަމަށް ބުނެ ވާހަކަ ދެއްކިއެވެ. ޔުނާ ބުރުގާ އެޅުމުގެ ކުރިން މާ ރީތި ކަމަށް އެކި ބައްދަލުވުންތަކުން ތަކުރާރުކޮށް ބުންޏެވެ.

މިހުރިހާ ކަމެއްގެ ސަބަބުން ޔުނާވެސް ބުރުގާ އެޅުމާއިމެދު ހިތްހަމަނުޖެހުނެވެ. ދޮންބެ ބުންޏެއްކަމަކު އަދި ދިގު ހެދުންތަކަށް ހެދުން ބަދަލު ނުކުރެވިހުރި ސަބަބަކީ ވެސް އެއީއެވެ. ޖިނާހު އެންމެ ފުރަތަމަ ނުރުހުންތެރިކަން ފާޅުކުރި ދުވަހުއްސުރެ ވެސް ބުރުގާ ނަގާލަން ހިތަށްއެރިއެވެ. އެހެނަސް އެކަން ކުރަން ނުކުޅެދުނީ އެއީ އެންމެ ރަނގަޅު ގޮތް ނޫންކަމަށް ތަކުރާރުކޮށް ބުނަމުން ދިޔަ ހިތެއްގެ ސަބަބުންނެވެ.

ޖިނާހުގެ ބަސްތަކުގެ މަތިން ހަނދާންކުރަމުން ޔުނާއަށް ފުން ނޭވައެއް ދޫކޮށްލެވުނެވެ. މިރޭ އޭނަ ދޭންޖެހިފައި އޮތް ޕްރެޒެންޓޭޝަނާއިމެދު އޭނަ ހިސާބަކަށް ނުތަނަވަސްވެފައިވިއެވެ. އެފަދަ ޕްރެޒެންޓޭޝަންތައް ދެމުން އެ ޤައުމުގައި ކިޔަވަމުންދާތާ މިއީ ދެވަނަ އަހަރަށް ވިޔަސްމެއެވެ. ޖިނާހު ދެއްކި ވާހަކަތަކުން އޭނަ އަމިއްލަ ނަފްސަށް ކުރާ އިތުބާރަށް އަސަރުކޮށްފައިވެއެވެ. އެކަން އެނގުންވިއެއްކަމަކު ދެންވެސް ޔުނާގެ ނަޒަރުން ޖިނާހު ގޯހެއް ނުވިއެވެ.

ޔުނާއަށް އެޚިޔާލުތަކުން ދުރުވެލެވުނީ އޭނަގެ ފޯނު ރިންގުވާން ފެށުމުންނެވެ. ފޯނު ނެގުމާއެކުހެން އެކޮޅުން ކޭޓްގެ ކަންބޮޑުވުން އެކުލެވިގެންވި އަޑު އިވިގެން ދިޔައެވެ. 9:15 ގެ ބަދަލުގައި 9 އަކުން ކުލާސް ފަށަން ޕްރޮފެސަރު އެންގި ވާހަކަ އިވުމުން ޔުނާގެ ދެލޯ ބޮޑުވިއެވެ. ގަޑިއަށް ބަލައިލިއިރު 9 ޖަހަން ބާކީ އޮތީ އެންމެ 10 މިނެޓެވެ. އޭނަ އެދާ ގޮތަށް ގޮސް ބަހަށް އެރިޔަސް ޔުނިވާރސިޓީއަށް ފޯރާނީ 5 މިނެޓް ލަހުންކަން އެނގުންވުމާއެކުހެން ފޯނު ކަނޑާލަމުން އަވަސް އަރުވާލިއެވެ. އަދި ކިޔަވާ މޭޒުމަތީގައި ހުރި އޭނަގެ ލެޕްޓޮޕް ދަބަސް ނަގައި އެއްކޮނޑުގައި އަޅުވާލަމުން ކޮޓަރިން ނިކުންނަން ދިޔައެވެ.

ދިގު ފިޔަވަޅުތަކެއްގައި ޔުނާ ގޮސް އުޅޭ ޢިމާރާތުން ނިކުތް ވަގުތު ވައިގައި ތެތްފިނިކަމެއް އެކުލެވިފައިވިއެވެ. އޭގެ ގަޑިއިރެއްހާއިރު ކުރިން ވެހުނު ވާރޭގެ ސަބަބުން ގާ އެޅިފައިވި މަގުމަތީގައި ވާރޭގެ ތުނި ފަށަލައެއް ހެދިފައިވިއެވެ.

ޢިމާރާތުން ނިކުމެ މަޑުވެސް ނުކޮށް ޔުނާ މިޞްރާބުޖެހީ ކަނާތް ފަރާތުން ތަންކޮޅެއް ދުރު ހިސާބަކުން ފެންނަމުން ދިޔަ ބަސްހުއްޓިއާއި ދިމާލަށެވެ. އެދިމާލަށް ހިނގަން ފެށީ ވެސް އެހާ ހިސާބަށް ދެވެންދެން ވާރޭ ނުވެހޭނެ ގޮތަށްވުމަށް އެދި ހިތާހިތުން ދުޢާކުރަމުންނެވެ. އެހެނަސް ޔުނާއަށް އެދިމާލަށް 5 ފިޔަވަޅުވެސް ނޭޅެނީސް މެދުމިނަކަށް ވާރޭ ވެހެން ފެށުމުން އެންމެ ފުރަތަމަ ފިޔަވަޅުތައް އަވަސްކުރިއެވެ. އެހެނަސް އެގޮތަށް ހެދިއްޔާ ބަސްހުއްޓިއާއި ހަމައަށް ދެވުމުގެ ކުރިން ވެސް ފާހަގަވާ ވަރަށް ތެމިދާނެތީ، ޚިޔާލު ބަދަލު ކޮށްލަމުން ޢިމާރާތުގެ ކުރިމައްޗަށް ވާ ގޮތަށް ހުރި ފިހާރައާއި ދިމާލަށް ދުވެފައި ދިޔައެވެ.

އެ މެދުފަންތީގެ ފިހާރައަށް ގޮސް ވަންއިރު އޭނަ ފިޔަވައި އެ ފިހާރައިން އެހެން މީހަކު ފެންނާކަށް ނެތެވެ. ފިހާރައަށް ވަދެވުމާއި އެކުހެން ޔުނާ ވަށައިގެން އަވަސް ނަޒަރެއް ދިނީ ކުޑައެއް ފެނޭތޯއެވެ. ޢާއްމު ގޮތެއްގައި އެ ފިހާރައިން ކުޑަ ފެންނަ ހަރުގަނޑުންނާއި އެހެން ހަރުގަނޑަކުން ވެސް ކުޑައެއް ނުފެނުމުން ޔުނާ ކައުންޓަރާއި ދިމާލަށް ނަޒަރެއް ދިނީ ފިހާރައިގެ ވެރިމީހާ ކައިރިން އެކަމާއިމެދު ސުވާލުކުރުމަށެވެ. ހަމަ އެވަގުތު އެ ކައުންޓަރު މަތީގައި ބޭއްވިފައި އޮތް ރަތް ކުލައިގެ ކުޑައެއް ފެނިފައި ވީ އުފަލާއިއެކީ ޔުނާ ދިގު ފިޔަވަޅުތަކެއްގައި ކައުންޓަރު ކައިރިއަށް ދިޔައެވެ.

"ހައި....އައި ވިލް ޓޭކް ދިސް. ހައު މަޗް؟" ޔުނާ ކައުންޓަރު ދޮށުގައި ހުރި މުސްކުޅި ފިރިހެނެއް ކައިރި ބުނަމުން އޭނަގެ ދަބަހުގެ އަރިމަތީ ޖީބުގައި އަތްޖެއްސީ ކޭޝް ކާޑު ނެގުމަށެވެ. އެވަގުތު އެ ކުޑައިގެ ހިފާތަނާއި ދިމާލުން ނޯޓުކޮޅެއް އެލުވިފައިވިތަން ޔުނާއަށް ފެނުނެވެ. ރީތި ފޮންޓަކުން އެ ނޯޓުކޮޅުގައި ލިޔެވިފައިވީ 'ފޯ އަ ބިއުޓިފުލް އެންޑް ކޮންފިޑެންޓް ލޭޑީ' އެވެ. އެ ބަސްތައް ފެނިފައި މިއީ ހަމަ އޭނައަށްޓަކައި މިރެއަށް ތައްޔާރު ކުރެވިފައިވި 'ހަދިޔާ' އެއްކަމަށް ޔުނާއަށް ޤަބޫލުކުރެވުނެވެ.

އެހެނަސް ހަމަ އެވަގުތު އެ މުސްކުޅި ފިރިހެން މީހާ އެ ޤައުމުގެ ބަހުރުވައިން އެއްޗެކޭ ކިޔުނެވެ. ޔުނާއަށް އެ ބުނި އެއްޗެއްގެ މާނައެއް ނޭނގުނެވެ. އެ ޤައުމުގެ ގިނަ މީހުންނަށް އިނގިރޭސި ވެސް އެނގޭތީ ޔުނާ ވަކި އެ ބަސް ދަސްކުރަން މަސައްކަތް ކޮށްފައި ނުވަނީއެވެ. ޚުދު އެ ފިހާރައިގައި ޢާއްމުކޮށް ހުންނަ އަންހެން ކުއްޖާއަށް ވެސް އިނގިރޭސި އެނގޭނެއެވެ. އެހެނަސް މިރީ މިހިރި މުސްކުޅި ފިރިހެން މީހާއަށް ނޭނގެނީތާއޭ ހިތަށްއެރިއެވެ.

އެމީހާ ބުނި އެއްޗެއް ނޭނގުނަސް ދެއްކި އަތުގެ ޢިޝާރާތުން ބުނެލީ އޭނައަށް އެ ކުޑަ ނުދެވޭނެ ވާހަކަކަން ޔުނާއަށް އެނގުންވިއެވެ. އެއާއިއެކު ޔުނާއަށް ޙައިރާންކަމެއް ލިބުނެވެ. ބަހަށް އަރަން ލަސްވަމުން ދިޔައީތީ އޭނަ ވީ ހާސްކަމުގެ ތެރެއިން 'ވައި' އޭ ބުނެލެވުނެވެ. އޭގެ ޖަވާބުގައި ވެސް އެ މީހާ އެއްޗެކޭ ބުނީ އޭނަގެ ބަހުރުވައިންނެވެ. ޔުނާގެ ދަބަހުގެ ޖީބުގައި އޭނަގެ ކާޑު ނެތްކަން ވެސް ޔުނާއަށް އެނގުންވީ އެވަގުތެވެ. އެއާއެކު ލިބިގެން ދިޔަ އިތުރު ހާސްކަމާއިއެކީ ޔުނާއަށް ވާހަކަ ދެކެވުނެވެ.

"ލުކް އައިމް ރަނިންގް ލޭޓް....އައި ވިލް ޕޭއި ޔޫ ލޭޓާރ. ޕްލީޒް!!!" ޔުނާ އާދޭހުގެ ރާގަކަށް ގޮތް ހުސްވެފައިވާ ފަދައަކުން ބުނެލަމުން އެ ކުޑަ ނަގަން އޭގައި އަތް އެޅިއެވެ. ބަދަލުގައި އެ ފިރިހެން މީހާ ނުރުހުންތެރިކަމާއެކީ އަޑު އިސްކުރަމުން ކުޑަ ކައުންޓަރު މަތިން ނެގިއެވެ.

ހަމަ އެވަގުތު ޔުނާގެ ފަހަތުން ޒުވާން ފިރިހެންވަންތަ އަޑެއް އެ ޤައުމުގެ ބަހުރުވައިން އެއްޗެކޭ ބުނެލި އަޑު އިވުނެވެ. އެއާއިއެކު ކައުންޓަރުގައި ހުރި ފިރިހެން މީހާއާއެކީ ޔުނާއަށް ވެސް އެދިމާލަށް ބެލުނެވެ. އެހެނަސް އެވަގުތު ކައުންޓަރުގައި ހުރި މީހާ އެއްޗެކޭ ބުނެލި އަޑަށް ވަގުތުން އެދިމާލަށް ނަޒަރު ބަދަލުކުރެވުނީ އެ ކުޑަ ހޯދަން ހިތް އެދިއެދި އޮތް ވަރުންނެވެ. ފަހަތުގައި ހުރި ޒުވާނާގެ ކިބައިން ޔުނާއަށް ފާހަގަވިހާ ވެސް ކަންތަކަކީ އެ ދިގު އިސްކޮޅާއި އަލި މޫނާއި ލައިގެން ހުރި ދިގު މުށިކުލައިގެ ޖެކެޓެވެ. ރަނގަޅަށް ނުބެލުނީތީ އެއީ އެ ފިހާރައިގެ ހިންގުމާއިގެން އުޅޭ މި ޤައުމުގެ މީހެއްކަމަށް ހީކުރެވުނެވެ.

އެ ޒުވާނާ ބުނި އެއްޗަކަށްފަހު ކައުންޓަރުގައި ހުރި މީހާ ޖަވާބުގައި އެއްޗެކޭ ބުނުމުން އަނެއްކާވެސް އެ ޒުވާނާ އެއްޗެކޭ ބުންޏެވެ. އެއާއެކު ޔުނާގެ ކުރިމަތީގައި ހުރި ފިރިހެން މީހާ ލަސްލަހުން އެ ކުޑަ ޔުނާގެ އަތަށް ދިއްކޮށްލިއެވެ. ޝުކުރުވެރިކަމުން ފުރިގެން ދިޔަ ހިތަކާއެކީ ޔުނާ 'ތެންކިއު'އޭ ބުނަމުން ފަހަތުގައި ހުރި ޒުވާނާއަށް ވެސް ލުއި ނަޒަރެއް ދީފައި ކުޑައާއި އެކީ ފިހާރައިން ނިކުންނަން ދިޔައެވެ.

ކުޑަ ހުޅުވަމުން މަގަށް ނިކުތް ވަގުތު އަނެއްކާވެސް އަތްގަނޑުގެ ކައިރިން އެލުވިފައި އޮތް ނޯޓުކޮޅު ޔުނާގެ ލޮލުގައި އެޅިއެވެ. މިއީ ހަމަ މި ކުޑަ ފިހާރައަށް ގެނައި އިރުވެސް މީގައި އެލުވިފައި އޮތް ލިޔުންކޮޅެއްތޯ ހިތަށްއެރިއެވެ. އެހެނަސް މިވީ ދެ އަހަރުގެ ތެރޭގައި އެ ޤައުމުން އެ ޒާތެއްގެ ކުޑައެއް ޔުނާއަށް ފެނިފައެއްނެތެވެ.

ވިސްނިވިސްނިހެން ކުޑައަކީ ފިހާރައިގައި ހުރި ޒުވާނާއަށްޓަކައި ތައްޔާރުކުރެވިފައިވި ކުޑައެއްތޯ ހިތް ސުވާލުކުރިއެވެ. އެކަން އެހެންވުން ނުހަނު ގާތްހެން ހީވި ވަގުތު ޔުނާގެ ދެލޯ ބޮޑުވިއެވެ. އިސާހިތަކު އަނބުރާ ފިހާރައަށް ދާން ހިތަށްއެރިއެއްކަމަކު އެވަގުތު އޭނަ އަރަންޖެހޭ ބަސް އަންނަން ފެށުމުން ޔުނާ ފަހަތް ބެލުމެއްނެތި ކުޑައާއެކީ ކުރިއަށް ދިޔައެވެ. މާދަމާ ވިޔަސް އެ ޒުވާނާއާއި ހަމައަށް މި ކުޑަ އަނބުރާ ގެންގޮސްދިނުމަށް ޢަޒުމް ކަނޑައަޅަމުންނެވެ.

**

"ރީތިދޯ ހަނދުވަރުގެ ތެރެއިން ކޮޅިތައް ފެންނަ ގޮތް؟" ޔުނާ ފްލައިޓްގެ ކުޑަދޮރުން ބޭރަށް ނަޒަރު ހުއްޓައިގެން ޚިޔާލަށް ގެއްލިފައި ވަނިކޮށް ޒިހާން ސުވާލުކުރިއެވެ. ޔުނާއަށް އޭނަގެ ޚިޔާލުތަކުން ނިކުންނަމުން ޒިހާނާއި ދިމާލަށް ބަލައިލެވުނެވެ. އާދައިގެ މަތިން ޒިހާންގެ ހިނިތުންވުން ފެނިފައި ޔުނާއަށް ވެސް ހިނިތުންވެލެވުނެވެ.

"ހުމް.... ހީވަނީ އެކޮޅަށް ވިއްސާރަވާނެހެން. މޫސުން ބެލިއިރު ކުރިއަށް އޮތް 24 ގަޑިއިރު ތެރޭގަ އެކޮޅަށް ވާރޭ ވެހޭނެ ވާހަކަ އޮތީ." ޔުނާ ބުނެލިއެވެ. އެވަގުތު އޭގެ އިރުކޮޅެއްކުރިން އޭނައަށް ކުރެވުނު ޚިޔާލުގެ މަންޒަރުތައް ނުހަނު ސާފުކޮށް ލޯ ކުރިމަތިން ސިފަވަމުން ދިޔައެވެ. އެދުވަސްމަތިން ހަނދާންވަނީ އެކޮޅަށް ވިއްސާރަވާނެތީތޯ ޔުނާގެ ހިތް ސުވާލުކުރިއެވެ.

އެދުވަހުއްސުރެ އޭނަ އެ ޒުވާނާއާއި އެ ކުޑަ ޙަވާލުކުރަން ކުރި ހުރިހާ މަސައްކަތެއްވީ ބޭކާރެވެ. އޭގެ އަނެއްދުވަހު ހެނދުނު ޔުނާ އެ ކުޑައާއިއެކީ ފިހާރައަށް ދިޔައެވެ. އޭރު ފިހާރައިގައި ހުރީ އެތާނގައި ޢާއްމުކޮށް އިންނަ އަންހެން ކުއްޖާއެވެ. އޭގެ ކުރީ ރޭ ފިހާރައިގައި ހުރި އެކުއްޖާގެ ބައްޕަ ގެނެސްގެން އެ ކުޑައަށް ލާރި ދޭން އުޅުނެވެ. އެހެނަސް އެ މީހާ ބުނިގޮތުން އެ ކުޑައަކީ ޔުނާ އޭތި ނެގިއިރު ވެސް އެ ޒުވާނާ ގަނެފައި އޮތް އެއްޗެކެވެ. އަދި އެ ޒުވާނާ ޔުނާއަށް އޭތި ދިނީ ހަދިޔާއެއްގެ ގޮތުގައި ކަމަށް ބުންޏެވެ. އެކަމަށްޓަކައި ޔުނާ އެ ޒުވާނާއަށް ޝުކުރު އަދާކުރަން ބޭނުންވިއެއްކަމަކު އެކަން ނާދިރު ކަމަކަށްވިއެވެ. އެ ފިހާރައިގައި ހުރި ކުއްޖާއަށާއި އެކުއްޖާގެ ބައްޕައަށް އެ ޒުވާނާގެ ނަމެއްހާ މިންވަރު ވެސް ނޭނގުނީތީވެއެވެ. އެ ޒުވާނާއަކީ އެމީހުންނަށް ޢާއްމުކޮށް ފެންނަ ޒުވާނަކަށް ނުވުމުން އެއީ އެހެން ޞަރަޙައްދެއްގައި އުޅޭ ޒުވާނެއްކަމަށް ތިން މީހުންނަށް ވެސް ނިންމުނެވެ.

ޒިހާން ޔުނާގާތު ސަޅި މޫސުމެއްދޯއޭ ބުނެލި ވަގުތަކީ ފްލައިޓް އޭގެ މަންޒިލާއި ގާތްވަމުން ދިޔަ ވާހަކަ ޕައިލެޓް އަންގަން ފެށި ވަގުތެވެ.

އޭގެ މިނެޓްތަކެއްފަހުން ޒިހާނާއި ޔުނާ ދަތުރު ކުރަމުން ދިޔަ ފްލައިޓް ޝިޕޯލް އެއާރޕޯޓުގައި ޖެއްސީ އެމްސްޓާޑަމްގެ ގަޑިން ދަންވަރު 12 ޖެހި ވަގުތެވެ. އެއާރޕޯޓުން ލަގެޖް ނަގައިގެން ޓެކްސީއަށް އަރަން ދިޔަ ވަގުތު ޔުނާ ބުނި ފަދައިން ތުނިކޮށް ވާރޭ ވެހެމުން ދިޔައެވެ.

ޔުނާއާއި ޒިހާން އެމީހުން ކުރިއަށް އޮތް 20 ދުވަހަށް އުޅެން ނިންމާފައި އޮތް ޢިމާރާތަށް ދާން ދަތުރު ފެށީ ޓެކްސީގައެވެ. އެ ދަތުރު ފެށިތާ މާ ގިނައިރެއްނުވެ ވިއްސާރަ ބޯވެގެން ދިޔުމުން ކުޑަދޮރުގެ ބޭރުން ވެސް އެއްވެސް މަންޒަރެއް ސާފެއް ނުވިއެވެ. ނަތީޖާއެއްގެ ގޮތުން އެ ދަތުރުމަތީގައި މާ ގިނަ ވާހަކައެއް ނުދެކެވެއެވެ. ފްލައިޓް މަތީގައި ނިދާފައިވުމުން ނިދި ފިލާފައިވިއެއްކަމަކު ދެމީހުން ވެސް ދަތުރު ވަރުބަލިވެފައިވިއެވެ.

އެމީހުން އުޅޭ ޢިމާރާތަށް ދެވި ޢިމާރާތުގެ އެންމެ މަތީ ފަންގިފިލާގައި ހުރި އެޕާޓްމެންޓާއި ހަމައަށް ދެވުމުން އެންމެ ފުރަތަމަ ކަމަކަށް ދެމީހުން އެޕާޓްމެންޓްގެ އެކި ބައިތައް ބެލިއެވެ. އެއީ ސިޓިންގް ރޫމަކާއި ދެ ކޮޓަރިއާއި ބަދިގެއަކާއި ކާގެއެއް އެކުލެވިގެންވި ބޮޑު އެޕާޓްމެންޓެކެވެ. އެކި ތަންތަން ބަލަމުން ގޮސް ޔުނާ އެތެރޭގެ ކޮޓަރިއަށް ވަދެ ދޮރު ލައްޕައިލީ ތިމަންނައަށް އެންމެ ރީތީ މިތަނޭ ބުނަމުންނެވެ. ޔުނާގެ އެ ޙަރަކާތުން ޒިހާނަށް ހީލެވުނެވެ. އެއަށްފަހު ޒިހާން ވެސް އޭނައަށް އެވަގުތު ހުރެވުނު ކޮޓަރީގައި ހުރެގެން ހެދުން ބަދަލުކުރިއެވެ.

ހެދުން ބަދަލު ކުރުމަށްފަހު ޒިހާން ގޮސް މަޑުކޮށްލީ އޭނަގެ އިސްކޮޅާއި އެއްވަރަށް ހުރި ކުޑަދޮރު ބަރީގެ ކައިރީގައެވެ. ފަސޭހަ އަތްދިގު ޓީޝާޓަކާއި ދޫ ހަރުވާޅެއްގައި ޒިހާން ހުއްޓިހުރީ ކުޑަދޮރަށް ޙަމަލާދެމުން ދިޔަ ވާރޭ ތިކިތައް ތިރިއަށް ފައިބާ މަންޒަރަށް ބަލަހައްޓައިގެންނެވެ. ހަރުވާޅުގެ ޖީބަށް އަތް ޖަހައިގެން އެހެން ހުރިއިރު އެކި ޒާތްޒާތުގެ ޚިޔާލުތައް ޒިހާންގެ ސިކުނޑިއަށް ވެރިވަމުން ދިޔައެވެ.

ޒިހާން ކިތަންމެ ބޭނުމެއްނުވިޔަސް އެ ޚިޔާލުތަކުގައި ކުރި ހޯދަމުން ދިޔައީ އޭނަގެ މާޒީގެ ހިތި ހަނދާންތަކެވެ. އެއީ އޭނައަށް އެވަގުތު ހުރެވުނު ޤައުމުގެ ސަބަބުން ކަންނޭނގެއެވެ. ތަކުރާރުކޮށް ލޮލަށް ސިފަވަމުން ދިޔައީ އޭނަ ރޯންޖެހުނު ދުވަސްތަކެވެ. އެ ދުވަސްތައް ހަނދާންވަމުން ދިޔަދިޔަހެން ވެސް ޒިހާންގެ އަރުތެރެ ބެދެމުން ދިޔައެވެ. އޭނައަށް އަމާޒުވެގެން ދިޔަހާ އަނިޔާތައް ހަނދާންވުމުން ވެސް އެ ތަދު ހަށިގަނޑު އެކި ތަންތަނުން ކުރެވެން ފެށިހެން ޒިހާނަށް ހީވިއެވެ. ހަމަ އެހިނދު އޭނަގެ ދެބުމަ ކައިރިވީ ހިނދު އެ ފިނި ކޮޓަރީގެ ތެރޭގައި ހުރެވެސް އޭނަގެ ނިތުން ދާހިއްލަން ފެށިއެވެ.

"ޕޮއް!" ހެދުން ބަދަލުކޮށްގެން އައި ޔުނާ ކުއްލި ގޮތަކަށް އެހެން ކިޔައި އޭނަގެ ކުރިމައްޗަށް އެރި ގޮތުން ޒިހާން ސިއްސައިގެން ދިޔައީ މާ ބޮޑަށެވެ. އެވަގުތު އޭނަގެ ޙާލަތު ހުރި ގޮތުން އެ ލިބުނު ސިހުމާއެކީ އޭނައަށް ނޭވާ ލެވެން ފެށީ ވެސް އުދަގޫ ގޮތަކަށެވެ. ޒިހާނަށް އެއައި ބަދަލާއެކީ ޔުނާގެ ހިނިތުންވުން ފިލައި ދިޔައެވެ.

"ސް...ސޮރީ ޒިހާން....އާރ ޔޫ އޯކޭ؟ ހިނގާބަލަ އެތާ ސޯފާގަ އިށީންނަން. އާދޭ!" ޔުނާ އެހެން ބުނެ ޒިހާންގެ އެއްއަތް އޭނަގެ ކޮނޑުމަތިން ގެންގޮސް އޭނަގެ އެއްއަތުން ޒިހާންގެ ބުރަކަށީގައި ހިފަހައްޓާލިއެވެ. ދަތި ގޮތަކަށް ނޭވާ ލެވެމުން ދިޔަ ޒިހާން ޔުނާއާއެކީ ހިނގަމުން ގޮސް އެ ކުޑަދޮރުގެ ކައިރީގައި ބެހެއްޓިފައިހުރި ސޯފާގައި ބޭންދިއެވެ.

"ފެންވެސް ނެތްދޯ މިތާ؟ އަހަރެން އަންނާނަން ކާގެއިން ފެންފުޅިއެއް ހިފައިގެން. ފުން ނޭވާތަކެއް ލާން މަސައްކަތްކުރޭ ޒިހާން. އަހަރެން އަންނަންދެން މިތަނުން ނުތެދުވާތި. އައިއްސަ އަހަރެން އެހީވެދޭނަން އެނދާއި ހަމައަށްދާން. އޯކޭ؟" ޔުނާ ސުވާލުކުރިއެވެ. ޒިހާން އެ ވާހަކައަށް ވަކި އެއްޗެކޭ ނުބުނުމުން ޔުނާ މަޑުކުރުމެއްނެތި ކޮޓަރިން ނިކުންނަން ދިޔައެވެ.

ޔުނާ ދިޔަ ދިމާލަށް ބަލަން ސޯފާއަށް ލެނގިލައިގެން އޮތް ޒިހާން އެވަގުތު އިހުނަށްވުރެ ގަދައަށް ދާހިއްލަން ފަށާފައިވިއެވެ. އެހިނދު ޔުނާ އޭނަ ސޯފާއާއި ހަމައަށް ވެސް ގެންދަން ޖެހުނު ކަމަށްޓަކައި އަމިއްލަ ނަފްސާއިމެދު ހިތްހަމަނުޖެހުނެވެ. ގައިގައި ނެތް ވަރެއް އެއްކޮށްގެން އެތައް މަސައްކަތުން ސޯފާއިން ތެދުވުނީ އެ ހިތްހަމަނުޖެހުމުގެ ސަބަބުންނެވެ. އަދި އޭނައަށް އެއްބާރުލުން ދޭން ދެކޮޅު ހަދަމުން ދިޔަ ފަޔާއިއެކީ ވެސް އެނދާއި ހަމައަށް ދިޔައީ އޭނަގެ ސަބަބުން ޔުނާއަށް އިތުރު ބުރައެއް ޖައްސަން ހިތް ނޭދުމުންނެވެ.

ކަން ދިމާކުރި ގޮތުން ޒިހާން އެނދާއި ހަމައަށް ގޮސް އެނދުމައްޗަށް ވެއްޓިގަންނަން އުޅުމުން ބާރަށް ގޮއްސަ އިށީނދެވުނީ ޓައިލްސް މަތީގައެވެ. އެއާއިއެކު ވީ ތަދާއެކީ ޒިހާނަށް ލުއި އާހެއްގެ އަޑު ލައްވާލެވުނެވެ. އެވަގުތަކީ ފެންތަށްޓެއް ހިފައިގެން ކޮޓަރީގެ ދޮރުމައްޗަށް ޔުނާ އައި ވަގުތެވެ. ޒިހާނަށް ވީ ގޮތް ފެނިފައި ޔުނާ ކަންބޮޑުވުމަކާއެކީ ޒިހާންގެ ނަމުން ގޮވަމުން ޒިހާންގެ ކައިރިއަށް އައެވެ.

"ސީރިއަސްލީ ޒިހާން! ކީއްކުރަން އަމިއްލައަށް އައީ؟ ބުނީމެއްނު އަހަރެން އަންނަންދެން މަޑުކުރާށޭ؟!" ޔުނާ ޒިހާންގެ ކުރިމަތީގައި ކަކޫމައްޗަށް ތިރިވެ ހިސާބެއްގެ ނުރުހުންތެރިކަމާއެކީ ބުނެލިއެވެ. އޭނަގެ އެ ސުވާލަށް ޒިހާން ވަކި ޖަވާބެއް ނުދިނުމުން ޔުނާ އިތުރަށް ވާހަކަ ދެއްކިއެވެ.

"ދެން ފެން ބޯލާ....އަހަރެން ފެން ދޭނީ...ބޯލާ." ޔުނާ އޭނަ ގެނައި ފެންތަށި ޒިހާންގެ ތުނބުގައި ޖައްސަން މަސައްކަތް ކުރަމުން ބުނެލިއެވެ.

"އަހަރެން އަމިއްލައަށް ބޯނީ..." ޒިހާން އެހެން ބުނެ ތަށި ތުރުތުރު އަޅަމުން ދިޔަ އަތުން ތަށި ހޯދަން އުޅުނެވެ.

"ޒިހާން ޔޫ ކާންޓް.....އަހަރެން ދޭނަން."

"އަމިއްލައަށް ބޮވޭނެއޭ ޔުނާ.....އެހާ ބައްޔެއްނޫން އަހަރެން..."

"ޒިހާން....ނޯ! ޒިހާންގެ އަތަށް ވާ ގޮތް ބަލާބަލަ!"

"އަތް ރަނގަޅުވެދާނެ ޔުނާ ދީ!"

"ޒިހާން...."

"ދޭށޭ ބުނީމަ ދޭނީ!!!"

ޒިހާން އެ ފަހު ބަސްތައް ބުނެލީ ރުޅިވެރި ހަރު އަޑަކުންނެވެ. އެއާއެކު ދެމީހުންގެ ހަތަރުކަޅި ބައްދަލުވެގެން ދިޔައެވެ. ހިތުގެ ތެޅުން ހިސާބަކަށް އަވަސްވެފައިވި ޔުނާއަށް ޒިހާންގެ ނުރުހުންތެރި މޫނާއި ދިމާލަށް ބަލަހައްޓައިގެން ސިކުންތުކޮޅެއް ވަންދެން އިނދެވުނެވެ. އެއަށްފަހު އިތުރު އެއްޗެކޭ ނުބުނެ ލަސްލަހުން ޒިހާންގެ އަތަށް ފެންތަށި ލައިދިނީ އޭނަ އިތުރަށް ވާހަކަ ދައްކަން އުޅުނަސް ކުރިއެރުމެއް ނުލިބޭނެކަން ދަނެގެންނެވެ.

ޒިހާން ތުރުތުރު އަޅަމުން ދިޔަ އަތުން ފެންބޯން ފެށުމުން ޔުނާ ހުރިތަނުން ތެދުވެލަމުން ގޮސް ޒިހާންގެ ކުރިމައްޗަށް ވާ ގޮތަށް ހުރި ސޯފާގެ ކައިރިން ޓައިލްސް މަތީގައި އިށީނެވެ. ހަމަ އެވަގުތު ފެން ބޮމުން ދިޔަ ޒިހާން ކޮށި އަރައި ކެއްސަން ފެށިއެވެ. އެހެނަސް ޔުނާ އިތުރު ކަމެއް ނުކޮށް އަދި ބަހެއް ވެސް ނުބުނެ ޒިހާނަށް ބަލަން އިނެވެ. ޔުނާ ބަލަބަލާ ހުއްޓާ ޒިހާން އުދަގުލާއެކީ އެ ފެންތަށި ކައިރީގައި ހުރި އަރިމަތީ މޭޒުމަތީގައި ބެހެއްޓިއެވެ. އެއަށްފަހު ފުން ނޭވައެއް ދޫކޮށްލިއެވެ.

"ސް...ސޮރީ ޔުނާ...ހަމައެކަނި އަހަންނަށް ވާހަކަ ދެކެވުނު ގޮތަށް ނޫން މަޢާފަށް އެދެން ބޭނުންވަނީ. އަހަރެންގެ ސަބަބުން ޔުނާ ކަންބޮޑުވެ ބުރަ އުފުލަން ޖެހޭތީވެސް މަޢާފަށް އެދެން..." ޒިހާން ޔުނާއާއި ހަތަރުކަޅި ހަމަކުރަން ވެސް ބޭނުން ނުވެފައި އިނދެ ބުނެލިއެވެ.

"ވާހަކަ ދެކެވުނު ގޮތަށްޓަކައި މަޢާފުކޮށްފިން....އެކަމަކު ބަލިވުމަކީ މަޢާފަށް އެދެންޖެހޭ ވަރުގެ ކަމެއް ނޫން. ބަލިވުމުން މީހެއްގެ އެހީ ހޯދުމަކީ ވެސް ގޯސްކަމެއް ނޫން ޒިހާން....." ޔުނާ ބުނެލިއެވެ.

ޒިހާން ދެންމެ ވާހަކަ ދެއްކި ގޮތުން އެ ހިތުގެ އަޑީގައިވާ އެކަނިވެރިކަން ޔުނާއަށް އެނގުންވިއެވެ. މާޒީގެ ބޮޑުބައެއް އެކަނިވެރިކަމުގައި ހޭދަކޮށްފައިވުމުން ޒިހާންގެ ފަރާތުން މިއަދު ފެންނަމުން މިދަނީ އޭގެ އަސަރުތަކެވެ. ހުރިހާ ކަމެއް އަމިއްލައަށް ތަޙައްމަލުކުރުމުގެ އެދުމެއް އެ ވަނީ އެހެންވެއެވެ.

ޔުނާ ވިސްނުމެއްގައި ވަނިކޮށް ޒިހާން އޭނަ ބުނި ވާހަކައަށް ވަކި އެއްޗެކޭ ނުބުނެ ލޯ މަރާލަމުން އެނދަށް ލެނގިލީ ފުން ނޭވާތަކެއް ލަމުންނެވެ. ޒިހާންގެ މާޒީއާއި މެދު އޭނައަށް އިވިފައިވާ ވާހަކަތަކާއި އަޅާ ބަލާއިރު ޒިހާންގެ ފަރާތުން ފެންނަމުން މިދަނީ މަދު ޢަލާމާތްތަކެއްކަން އެވަގުތު އޭނައަށް އެނގުންވިއެވެ. އެހާ ހަގު ޢުމުރެއްގައި އަނިޔާއާއި އެކަނިވެރިކަން ތަޙައްމަލުކުރާ ކުދިން ޢާއްމުގޮތެއްގައި ބޮޑުވުމުން ވެގެން ދަނީ ހިތްހަރު، ރުޅިގަދަ އަދި އެހެން މީހުންނަށް އަނިޔާ ކުރާ ފަދަ ޒުވާނުންނަށެވެ. ވީއިރު ކީއްވެ ހެއްޔެވެ؟

"ޒިހާން ކިހިނެއް ސަލާމަތްވީ؟" އެއްދިމާލަކަށް ނަޒަރު ހުއްޓައިގެން އިނދެ ޔުނާއަށް އެ ސުވާލުކޮށްލެވުނީ އެތައް މާނައެއް އެކުލެވޭފަދަ ގޮތަކަށެވެ. ޔުނާ އެ ސުވާލުކޮށްލުމުން ޒިހާން އޭނައަށް ބަލައިލިއެވެ. އެއާއިއެކު ހިމޭންކަމުގެ ވަގުތުކޮޅެއް ވޭތުވިއެވެ. ކުޑަ ދޮރު ބަރި ހުރި ދިމާލުންނާއި ސީލިންގްއާއި ދިމާލން އިވެމުން ދިޔަ ވާރޭގެ އަޑު ފިޔަވައި އެހެން އެއްވެސް އަޑެއް ނުއިވެއެވެ.

"ކޮން ކަމަކުން؟" ޒިހާން އަހާލިއެވެ. ޔުނާ ޒިހާނަށް ބަލައިލަމުން ފުން ނޭވައެއް ދޫކޮށްލިއެވެ.

"ޒިހާންގެ ދޮންތަ އަހަންނަށް ކިޔައިދިން ޒިހާންގެ ބް....މާޒީގެ ވާހަކަ. އެހާ ގިނަ އަނިޔާތަކެއް ލިބުމަށްފަހު ވެސް މަޑު ހިތެއް ތި ގެންގުޅެނީ ކީއްވެ؟ މި ދުނިޔެއިން އެހާ ގިނަ އަނިޔާތަކެއް ލިބުނީމަ ދުނިޔެ މަތިން ފޫއްސެއް ނުވޭތަ؟" ޔުނާއަށް އެ ސުވާލުކޮށްލެވުނީ ހަމަ ޙަޤީޤަތުގައި ވެސް އަޖާއިބުވެފައިވި މިންވަރުންނެވެ. މިއީ އެއްގޮތަކަށް ވެސް އޭނަ ކައިރިއަށް އެހީއަށް އަންނަ ބަލި މީހެއްގެ ކައިރިން އޭނަ ކުރާނެ ޒާތުގެ ސުވާލެއް ނޫނެވެ. އެހެނަސް އެހެން ނާހާ ނުހުރެވުނީ އެނގެން ބޭނުންވި މިންވަރުންނެވެ.

ޔުނާގެ އެ ސުވާލުން ޒިހާން އަސަރެއްނެތް ގޮތަކަށް ހީލުމުން ޔުނާއަށް އިތުރު ޙައިރާންކަމެއް ލިބުނެވެ.

"ދުނިޔެއަށް ފޫހިވަންޏާ އަހަރެން ފޫހި ވާނީ ﷲ އަހަންނަށް ދެއްވި ނިޢުމަތްތަކަށް ނޫންތަ؟ އެ އަނދިރި ދުވަސްތައް އައުމުގެ ކުރިންނާއި އެ އިމްތިޙާންތަކުގެ ތެރެއިން ވެސް ﷲ އަހަންނަށް ނިޢުމަތްތަކެއް ދެއްވި. އެކަލާނގެ އިރާދަކުރެއްވިނަމަ އެ އަނިޔާތަކުގެ ސަބަބުން އަހަރެންގެ ޙިއްސުތައް ގެއްލުނީސް....ހެލިފެލިވެ އަމިއްލައަށް ހިނގައި ނުއުޅެވުނީސް. އެކަމަކު އެކަލާނގެ އަހަންނަށް ލިބުނު ކޮންމެ އަނިޔާއަކަށް ފުރިހަމަ ޝިފާ ދެއްވި. އަދި އެންމެ ފަހުން އަހަރެންގެ މުޅި އެ ޙާލަތްވެސް ބަދަލުކޮށް ދެއްވައި ހެޔޮ ޢަމަލުތައް ކުރުމަށް އިތުރު ފުރުޞަތުތަކެއް ދެއްވި. ތިބުނިހެން ދުނިޔެއާއިމެދު ހިތްހަމަނުޖެހުނު ދުވަސްތަކެއް ވެސް އައި. އަހަރެންގެ ސަބަބުން މަންމައަށް އިތުރު އަނިޔާތަކެއް ލިބުނުހެން ހީވި ދުވަހު އަމިއްލަ ނަފްސަށް ވަރަށް ރުޅި އައި. އަމިއްލައަށް މަރުވާން ބޭނުންވި ދުވަސްތައް ވެސް ގޮއްސި. އެކަމަކު އެ ފިޔަވަޅު ނޭޅި ހުރީ ވެސް އެކަލާނގެ ހަނދުމައިން މި ހިތަށް ލިބުނު ސާބިތުކަމުން....."

ޒިހާންގެ އެ ވާހަކަ ނިމުނުއިރު އެ އަޑު ރޫރޫ އަޅައިގެން ދިޔަ ހިނދު ޒިހާންގެ ލޮލުން ކަރުނަތައް ފައިބައިގެން އައެވެ. އެ ހިނދު ޔުނާއަށް އަޖާއިބުވެފައި ޒިހާނަށް ބަލަން އިނދެވުނެވެ.

(ނުނިމޭ)