ކުޅިވަރު

ޒުވާން ޓީމަކާއެކު ނުކުތް ސިޓީއަށް މުހިންމު މޮޅެއް

އިނގިރޭސި ލީގު ކަޕުގެ ތިންވަނަ ބުރުގައި ރޭ މެންޗެސްޓާ ސިޓީން ބޯންމައުތާ ދެކޮޅަށް ކުޅުނު މެޗު 2-1ގެ ނަތީޖާއަކުން ސިޓީ ކާމިޔާބު ކޮށްފި އެވެ.

އެތިހާދު ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗުން ސިޓީ މޮޅުވެފައިވާ އިރު، އެންމެ ބޮޑަށް ފާހަގަވެގެން ދިޔައީ ސިޓީން މެޗަށް ނެރުނު ޒުވާން ފުރަތަމަ 11 އެވެ. ޓީނޭޖުގެ ފަސް ކުޅުންތެރިއެއްގެ އިތުރުން 20 އަހަރުގެ ދެ ކުޅުންތެރިން ވެސް ފުރަތަމަ 11 ގައި ހިމަނާފައިވާ އިރު، އާންމުކޮށް ސިޓީގެ މެޗުތަކުގައި ފެންނަ ސީނިއާ ކުޅުންތެރިންގެ ތެރެއިން ރޭގެ މެޗަށް ނެރެފައިވަނީ ކައިލް ވޯކާގެ އިތުރުން އެރިކް ގާސިއާ އަދި މަހަރޭޒް އާއި ފެރަން ޓޮރެސް އެކަންޏެވެ.

ރޭގެ މެޗުގައި ސިޓީގެ 17 އަހަރުގެ ފޯވަޑް ލިއަމް ޑެލިޕް ގޯލް ޖަހާފައިވާ އިރު، ކުޅުނު ސީނިއާ ފުރަތަމަ މެޗުގައި ގޯލް ޖެހުމަކީ އަބަދުވެސް ދެކެމުންދިޔަ ހުވަފެނެއް ކަމަށް އޭނާ ބުނެފައިވެ އެވެ. ސިޓީގެ ދެވަނަ ގޯލް ފިލް ފޮޑަން ޖެހި އިރު، ބޯންމައުތުގެ ގޯލް ޖެހީ ސުރަޖެވެ.

ރޭ ލިވަޕޫލުން ލީގު ކަޕުގައި ކުޅުނު މެޗުގައި ލިންކޮއިން ސިޓީ ބަލިކުރީ 7-2ގެ ނަތީޖާ އަކުންނެވެ.

ލިވަޕޫލުން ވެސް ޓީމަށް ބޮޑެތި ބަދަލުތަކަކާއެކު ރޭގެ މެޗަށް ނުކުތް އިރު، ފޯވަޑް ލައިނުން ފެނިގެން ދިޔައީ ކާޓަސް ޖޯންސް އާއި މިނަމީނޯގެ އިތުރުން ޝަގީރީ އަދި އޮރިގީ އެވެ. މެޗުގައި މިނަމީނޯ އަދި ކާޓަސް ޖޯން ވެސް ދެ ގޯލް ޖަހާފައިވާއިރު، ލިވަޕޫލުން ދެން ގޯލް ޖެހީ ޝަގީރީ އާއި ގްރުޖިކް އެވެ. އަނެއް ގޯލަކީ ބައިކޮޅަށް ވަން ގޯލެކެވެ. ރޭގެ މެޗުން މޮޅުވި ލިވަޕޫލް ހަތަރުވަނަ ބުރުގައި ކުޅެން ޖެހޭނީ އާސެނަލްއާ ދެކޮޅަށެވެ.