މަދު އަދަދެއްގެ ސަޕޯޓަރުންނާއެކު ކުޅުނު ޔޫއެފާ ސުޕަ ކަޕް ބަޔާން މިއުނިކުން ކާމިޔާބު ކޮށްފިއެވެ.
ހަންގޭރީގެ ބުޑަޕެސްޓްގައި ރޭ ކުޅުނު މެޗު ބަޔާނުން ކާމިޔާބުކުރީ ސެވިއްޔާއާ ވާދަކޮށް، 2-1ގެ ނަތީޖާއަކުން މެޗު ކާމިޔާބު ކޮށްގެންނެވެ. މެޗުގެ 90 މިނެޓް ހަމަވި އިރު، 1-1 އިން އެއްވަރުވެފައި އޮތުމުން ނަތީޖާ ނެރުނީ އިތުރު ވަގުތު ކުޅެގެންނެވެ.
ރޭގެ މެޗަކީ ކޮވިޑް 19ގެ ފިޔަވަޅުތައް އެޅިފަހުން ސަޕޯޓަރުންނާއެކު ކުޅުނު ފުރަތަމަ ރަސްމީ މެޗެވެ. 67،000 މީހުންގެ ޕުސްކަސް އެރީނާގައި މެޗު ކުޅުނުއިރު، ގައިދުރުކަން ކަށަވަރު ކުރުމަށް ރޭގެ މެޗަށް ވައްދާފައި ވަނީ 15،180 ސަޕޯޓަރުންނެވެ. ހަންގޭރީގެ ލީގަކީ ކޮވިޑާ ގުޅިގެން ވެސް މެދު ކަނޑާނުލާ ކުރިއަށް ގެންދިޔަ ހަމައެކަނި ލީގު ވެސް މެއެވެ.
ރޭގެ މެޗަށް ނުކުތް އިރު ޗެމްޕިއަންސް ލީގުގެ ޗެމްޕިއަން ބަޔާން އޮތީ ފެވަރިޓުންގެ ގޮތުގަ އެވެ. އެހެން ނަމަވެސް ޔޫރޮޕާ ލީގު ރެކޯޑު އަދަދަކަށް ހޯދާފައިވާ ސެވިއްޔާ އަކީ ވެސް އަބަދުވެސް ވާދަވެރި، ހިތްވަރު ގަދަ ޓީމެއްގެ ގޮތުގައި ފާހަގަވެފައި އޮތުމުން ރޭގެ މެޗު ބަޔާންއަށް ފަސޭހަ ނުވާނެ ކަމަށް ބެލެވުނެވެ.
މެޗު ފެށިގެން ބަޔާނުން ޕޮސެޝަން ގޭމެއް ކުޅެމުން ދިޔަ ނަމަވެސް 13 ވަނަ މިނެޓުގައި ސެވިއްޔާ އިން ވަނީ ލީޑު ނަގައިފަ އެވެ. ބާސާއިން ސެވިއްޔާއަށް ބަދަލުވި މިޑްފިލްޑަރު ރަކެޓިޗަށް ބަޔާންގެ އޭރިއާ ތެރެއިން އަލާބާ ކުރި ފައުލަކަށް ރެފްރީ ދިން ޕެނެލްޓީ ކާމިޔާބު ކުރީ ލޫކާސް އޮކާމްޕޯސް އެވެ. އޭނާ ޖެހީ "ނޯ ލުކް" ޕެނެލްޓީއެކެވެ.
މެޗުގައި ބަޔާނުން ވަރަށް ބޮޑަށް ކުރިއަށް ޖެހިގެން ކުޅުނުތަން ފެނުނު އިރު، ފުރަތަމަ ހާފުގައި ބަޔާނުން ނަތީޖާ ހަމަހަމަކުރި އެވެ. ތޯމަސް މުލާގެ ރީތި ބޯޅައެއް، ލެވަޑޮސްކީ އޭރިއާ ތެރެއިން ހޯދައި މަޑުމަޑުން ޕާސްކޮށްލީ ގޮރެޓްސްގާ އަށެވެ. އޭނާ ފަސޭހަ ކަމާއެކު ބޯޅަ ގޯލަށް ވައްދާލި އެވެ.
ދެވަނަ ހާފުގައި ވެސް ޕްރެސް ކޮށްގެން ބަޔާނުން ކުޅުނުއިރު، މުލާ އާއި ލެވަޑޮސްކީއަށް ލިބުނު ފުރުސަތުތައް ފާހަގަކޮށްލެވުނެވެ. ކައުންޓާ އެޓޭކުގައި ސެވިއްޔާ އުފެއްދި ދެ ހަމަލާއެއް ނޯޔާ ދިފާއު ކުރި އިރު، އިތުރު ވަގުތުގައި ބަޔާން މޮޅުވި ގޯލު ޖަހައިދިނީ ހަވީ މާޓިނޭޒް އެވެ.
މިދިޔަ ސީޒަނުގައި ޓްރެބަލް ހޯދި ބަޔާން އެންމެ ފަހުން ކުޅުނު 32 މެޗުން ބަލިވެފައި ނުވާއިރު، ރޭގެ ބައްޔަކީ 21 މެޗަށްފަހު ސެވިއްޔާއަށް ކުރިމަތިލާން ޖެހުނު ފުރަތަމަ ބައްޔެވެ.
ކުޅިވަރު
ކުޅިވަރު
ކުޅިވަރު
ކުޅިވަރު