ލާޔާ ސްޕޯޓްސް އެކަޑަމީއިން ބޭއްވި ފުރަތަމަ ވުމެންސް ހޭންޑްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ޓީމް ސެވަން ސްޓާއިން ހޯދައިފިއެވެ.
އިއްޔެ ކުޅުނު މުބާރާތުގެ ފައިނަލް މެޗުގައި ވާދަކޮށްފައިވަނީ ފަސްޓް ވޭވް އަދި ސެވަން ސްޓާއެވެ. ފައިނަލް މެޗު، 5 ލަނޑު 4 ލަނޑުން ކާމިޔާބުކުރީ ސެވަން ސްޓާއެވެ. އިއްޔެ ނިމިގެންދިޔަ ލާޔާ އެކަޑެމީގެ ހޭންޑްބޯޅަ މުބާރާތަކީ ގދ. ގައްދޫގައި ބޭއްވި މިފަދަ ފުރަތަމަ ހޭންޑްބޯޅަ މުބާރާތެވެ.
ޗެމްޕިއަން ޓީމަށް ފައިސާގެ އިނާމު ހުށަހެޅިފައިވާ މި މުބާރާތުގައި ޖުމްލަ 6 ޓީމް ވާދަކޮށްފައި ވެއެވެ. މުބާރާތް ކުރިޔަށް ގެންދިޔައީ ގދ. ގައްދޫ މެޓް ދަނޑުގައެވެ. މުބާރާތުގައި ބައިވެރިވެފައިވާ ޓީމްތަކަކީ ފަސްޓް ވޭވް، ސެވަން ސްޓަރ، ކުރަގި، ބޯލް ބަސްޓާރސް، ފޯޓީ ޕްލަސް އަދި ވަނާޗިކާއެވެ.
ލާޔާ އެކަޑެމީން ބުނެފައި ވަނީ މުބާރާތް ކުރިޔަށް ގެންދިޔުމުގެ މަގުސަދަކީ އަންހެނުން ބާރުވެރިކުރުމަށާއި، ގެވެށި އަނިޔާ ހުއްޓުވުމަށް މީހުން ހޭލުންތެރި ކުރުވުން ކަމަށެވެ. އެގޮތުން މުބާރާތް ކުރިޔަށް ގެންދިޔައިރު ގެވެށި އަނިޔާ ހުއްޓުވުމާއި ގުޅޭ އެކި މެސެޖްތައް އޯޑިއަންސަށް ފޯރުކޮށްދީފައި ވެއެވެ.
ފޯރިގަދަކޮށް ފެނިގެންދިޔަ މުބާރާތް ކުރިއަށް ގެންގޮސްފައި ވަނީ ގައްދޫ ކައުންސިލް އަދި ގައްދޫ ސިއްހީ މަރުކަޒާއި ޓާސްކް ފޯސްގެ އެހީތެރިކަމާއިއެކު އެޗްޕީއޭގެ ގައިޑްލައިންތަކާ އެއްގޮތްވާ ގޮތުގެމަތިން ކަމަށް އިންތިޒާމް ކުރި ފަރާތުން ވަނީ މައުލޫމާތު ދީފައެވެ.
"މިމުބާރާތް ކުރިޔަށް ގެންދިޔައީ ވަރަށް ގިނަ ފަރާތްތަކެއްގެ އެއްބާރުލުމާއި އެހީތެރިކަމާއިއެކު. އެގޮތުން އެކި ގޮތްގޮތުން އެހީތެރި ވެދެއްވި ހުރިހާ ފަރާތްތަކަށް މި ފުރުސަތުގައި ޝުކުރު ދަންނަވަން،" އިންތިޒާމް ސެކްރެޓަރީ ހަދީޖާ އަހްމަދު ޣަޒާލް ވިދާޅުވިއެވެ.
މުބާރާތުގެ ފެއާ ޕްލޭ ޓީމްއަކީ 40 ޕްލަސްއެވެ. މި މުބާރާތް ކުރިޔަށް ދިޔައިރު ސަޕޯޓަރުންގެ ފަރާތުންވެސް އެންމެ މޮޅު ކުޅުންތެރިޔާ، އެންމެ މޮޅު ކީޕަރ، އެންމެ މޮޅު ކޯޗް އަދި އެންމެ މޮޅު މެޑިކަލް ހޮވާފައި ވެއެވެ. އެކަމަށް ވޯޓުލުން ކުރިޔަށް ގެންދިޔައީ ލާޔާ ސްޕޯޓްސް އެކަޑަމީގެ ފޭސްބުކް ޕޭޖުގައި އޮންލައިންކޮށެވެ.
މުބާރާތުގެ އެންމެ މޮޅު 7 ކުޅުންތެރިންތެރިން:
ފަސްޓް ވޭވް/ އައިމިނަތު ސިތުނާ
ފަސްޓް ވޭވް/ އައިޝަތު ނާއިލާ
ފަސްޓް ވޭވް/ ޝިފާނާ ޢާދިލް
ފަސްޓް ވޭވް/ އަންޖަލީ އިބްރާހީމް މަނިކު
ސެވަން ސްޓަރ/ ނަދީމާ އިބްރާހީމް
ސެވަން ސްޓަރ/ މަރިޔަމް ހިފްނާ
ބޯލް ބަސްޓާރސް އައިޝަތު ނިފްޙާ އަޙްމަދު
ލާޔާ ސްޕޯޓްސް އެކަޑަމީއަކީ ލާޔާ އެސޯސިއޭޝަންގެ ދަށުން ރަޖިސްޓްރީ ކޮށްފައިވާ އެކަޑަމީއެކެވެ.
ކުޅިވަރު
ކުޅިވަރު
ކުޅިވަރު
ކުޅިވަރު