ދުނިޔެ

ޖޯންސަން އެންޑް ޖޯންސަންސް އިން އުފައްދާ ކޮވިޑް ވެކްސިންގެ ތިން ވަނަ މަރުހަލާ ފަށައިފި

މުހައްމަދު އައުޒަމް

ކޮވިޑް-19 އަށް އެމެރިކާގެ މެޑިކަލް ޑިވައިސް ކުންފުނި، ޖޯންސަން އެންޑް ޖޯންސަންސް އިން އުފައްދާ ވެކްސިންގެ ކްލިނިކަލް ޓްރަޔަލްތަކުގެ ތިން ވަނަ މަރުހަލާ ފަށައިފި އެވެ.

ޖޯންސަން އެންޑް ޖޯންސަންސް އިން ބުނީ، ތިން ވަނަ ފޭސްގައި 60،000 މީހުން ބައިވެރިވާނެ ކަމަށާއި އަދި ތަހުލީލުތައް އެމެރިކާގެ އިތުރުން ދުނިޔޭގެ 215 ސައިޓެއްގައި ކުރިއަށް ދާނެ ކަމަށެވެ.

ޖޯންސަން އެންޑް ޖޯންސަންސް އަކީ ކޮވިޑަށް ވެކްސިނެއް އުފައްދާ ކުންފުނިތަކުގެ ތެރެއިން އެންމެ ގިނަ ބަޔަކު ބައިވެރިކޮށްގެން ޓެސްޓުތައް ހަދަމުން އަންނަ އެއް ކުންފުންޏެވެ.

އެ ކުންފުނީގެ އިތުުރން މޮޑާނާ އަދި ބަޔޯޓެކް އާއި އެސްޓްރާޒެންކާ އިން އުފެއްދުމުގެ މަސައްކަތް ކުރާ ވެކްސިންތަކުގެ ވެސް މިހާރު ކުރިއަށްދަނީ އެންމެ ފަހު މަރުހަލާގެ ތަހުލީލުތަކެވެ.

އެހެން ވެކްސިންތަކާ ހިލާފަށް ޖޯންސަން އެންޑް ޖޯންސަންސް އިން އުފައްދާ ވެކްސިން ދޭން ޖެހޭނީ އެންމެ ޑޯޒެކެވެ. އެކުންފުނިން މިހާތަނަށް ކޮށްފައިވާ ޓެސްޓުތަކުގެ ނަތީޖާއިން ދައްކާ ގޮތުން އެންމެ ޑޯޒަކުން ވެސް ވެކްސިން ދޭ މީހާގެ ހަށިގަނޑުގައި އިމިއުންވާ ނިސްބަތް ރަނގަޅެވެ. އަދި މިހާރު ފަށާފައިވާ ތިން ވަނަ މަރުހަލާގައި އެކަން ކަށަވަރު ވާނެ ކަމަށް ބެލެވެ އެވެ.