ޚަބަރު

ނޫސްވެރިންނަކީ ގާބިލް އަދި ތަމްރީން ލިބިފައިވާ ބަޔަކަށް ހެދުމަށް އައިޔޫއެމްއާއެކު ބްރޯޑްކޮމް އިން އެއްބަސްވެއްޖެ

އަލީ ޔާމިން

ނޫސްވެރިކަމާއި ހިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ތެރެއިން ބްރޯޑްކާސްޓް ކުރުމުގެ ސުލޫކީ މިންގަނޑާއި އުސޫލުތައް ދަމަހައްޓައި ދިވެހި މީޑިއާގެ ވެއްޓަކީ ސުލޫކީ މިންގަނޑު ހިފަހައްޓައި އިސްލާމީ ހަމަތަކަށް އިހުތިރާމުކުރާ ވެއްޓަކަށް ހެދުމަށް ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވާސިޓީ (އައިޔޫއެމް) އާއި މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް)އާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

އިސްލާމިކް ޔުނިވާސިޓީގައި އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި އެ އެއްބަސްވުމުގައި ބްރޯޑްކޮމްގެ ފަރާތުން ސޮއިކުރެއްވީ އެ ކޮމިޝަންގެ ރައީސާ މަރިޔަމް ވަހީދާ އެވެ. އައިޔޫއެމްގެ ފަރާތުން ސޮއިކުރެއްވީ ވައިސް ޗާންސެލާ ޑރ. އިބްރާހީމް ޒަކަރިއްޔާ މޫސާ އެވެ.

އެ ރަސްމިއްޔާތުގައި އިސްލާމިކް ޔުނިވާސިޓީގެ ބައެއް އިސްވެރިންނާއި ބްރޯޑްކޮމްގެ ނައިބު ރައީސް އަހުމަދު ގައިސް އާއި ކޮމިޝަނަރު އަމްޖަދު ވަހީދާއި ކޮމިޝަނަރު އަލީ ޔޫސުފާއި ކޮމިޝަނަރު އާމިނަތު އަމީނާ އަދި އެކްޓިން ސެކްރެޓަރީ ޖެނެރަލް އާއިޝަތު ޝާހީން ބައިވެރިވެ ވަޑަގެންނެވި އެވެ.

ބްރޯޑްކޮމް އިން ބުނީ، އިސްލާމިކް ޔުނިވާސިޓީއާއެކު ސޮއިކުރެވުނު އެއްބަސްވުމުގެ މަގުސަދަކީ ދިވެހި ނޫސްވެރީންނަކީ ބްރޯޑްކާސްޓް ނޫސްވެރިކަމާ ގުޅޭ ގާނޫނުތަކާއި ގަވާއިދުތަކާއި ހަމަތަކަށް އަދި ސުލޫކީ މިންގަނޑަށް އަހުލުވެރި، ގާބިލު ބައެއް ކަމުގައި ހެދުމާއި މި ދާއިރާގައި ހަރަކާތްތެރިވާ ނޫސްވެރިންގެ ފެންވަރު މަތިކޮށް، ނޫސްވެރިންނަކީ ގާބިލް އަދި ތަމްރީން ލިބިފައިވާ ބަޔަކަށް ހެދުމުގެ އިތުރުން ނޫސްވެރިކަމުގެ ބެސްޓް ޕްރެކްޓިސްއަށް ނޫސްވެރިން އަހުލުވެރިކުރުވުން ކަމަށެވެ.

ތިން އަހަރު ދުވަހުގެ މި އެއްބަސްވުމުގެ ދަށުން، އިސްލާމީ އުސޫލުތަކަށާއި ދިވެހި ގައުމިއްޔަތަށާއި ދިވެހި ބަހަށް ނޫސްވެރިން އަހުލުވެރިކުރުވުމާއި ދިވެހި މީޑިއާ ހެޔޮ ގޮތުގައި ދަމަހައްޓައިދޭނެ ޒިންމާދާރު ނޫސްވެރީން އުފެއްދުމާއި މީޑިއާގައި ހުރި މައްސަލަތައް ދެނެގަތުމަށްޓަކައި އިލްމީ ދިރާސާތައްކޮށް ނޫސްވެރިކަމުގެ ވެށި ކުރިއެރުވުމުގެ އިތުރުން ނޫސްވެރިންގެ ގަދަރު މަތިކޮށް މުޖުތަމައުގެ އިތުބާރާއި ޔަގީންކަން ކަށަވަރުކޮށްދިނުމަށް ބްރޯޑްކޮމް އާއި އައިޔޫއެމް ގުޅިގެން ގިނަ މަސައްކަތްތަކެއް ކުރުމަށް ވަނީ ނިންމައިފަ އެވެ.