ޒްލަޓަން އިބްރަހިމޮވިޗް

ކޮވިޑް އަހަރެންނާ ޗެލެންޖު ކޮށްފި، އެ ހެދީ ގޯހެއް: ޒްލަޓާން

އޭސީ މިލާންގެ ސްވިޑެން ފޯވަޑް ޒްލަޓާން އިބްރަހިމޮވިޗް ކޮވިޑް 19އަށް ޕޮޒިޓިވް ވެފައިވާ ކަމަށް މިރޭ އިއުލާންކޮށްފިއެވެ.

އަބަދުވެސް "ގަދަ ބަސް" ބުނާ ކުޅުންތެރިއެއްގެ ގޮތުގައި ޒްލަޓާން މަޝްހޫރުވެފައިވާ އިރު، އެ ހަބަރާއެކު ގިނަ ބަޔަކު އިންތިޒާރުކުރީ އޭނާގެ ބަހަކަށެވެ. އެ އިންތިޒާރުގައި ތިއްބައި ޒްލަޓާން ކޮވިޑަށް ދިން ބަހުގެ ހަމަލާ ވަނީ މާ ބޮޑަށްވެސް ވައިރަލް ވެފައެވެ.

"އަހަރެން އިއްޔެ ކޮވިޑަށް ނެގެޓިވް. މިއަދު ޕޮޒިޓިވް. އެއްވެސް އަލާމާތެއް ނެތް. ކޮވިޑް އަހަރެންނާ ޗެލެންޖު ކުރުމުގެ ހިތްވަރު އެބަހުރި. އެއީ ބޮޑު ގޯހެއް،" ޒްލަޓާން ކޮށްފައިވާ ޓުވީޓެއްގައި ބުނެފައިވެއެވެ.

ޒްލަޓާން ކޮވިޑަށް ޕޮޒިޓިވްވުމާ ގުޅިގެން މިރޭ އޭސީ މިލާނުން ޔޫރޮޕާ ލީގުގައި ނޯވޭގެ ބޮޑޭގްލިމްޓާ ދެކޮޅަށް ކުޅޭ މެޗުގައި އޭނާއަށް ނުކުޅޭނެއެވެ. އޭސީ މިލާނުން ބުނެފައިވަނީ ޒްލަޓާން މިވަގުތު ހުރީ ކަރަންޓީނުގައި ކަމަށާއި ކްލަބުގެ އެހެން ހުރިހާ ކޯޗުންނާއި ކުޅުންތެރިން ނެގެޓިވް ވެފައިވާ ކަމަށެވެ.

މިހާތަނަށް މި ސީޒަނުގައި ކުޅުނު ދެ މެޗުން ޒްލަޓާން ވަނީ ތިން ގޯލް ޖަހައިފައެވެ. އުމުރުން 38 އަހަރުގެ ޒްލަޓާން މި ސީޒަނަށް ރިޓަޔާކުރާނެ ކަމަށް ކުރިން ބެލެވުނު ނަމަވެސް، އޭނާ ބުނެފައިވަނީ ފުޓުބޯޅަ ކުޅުން ހުއްޓާލަން އަދި ނުވިސްނާ ކަމަށެވެ.

ކޮވިޑް 19އާ ގުޅިގެން ކުޅިވަރުގެ ގިނަ ކަންކަމަށް ބަދަލުތައް ގެންނަން މަޖުބޫރުވެފައިވާ އިރު، ކޮންމެ މެޗެއްގެ ކުރިން މިހާރު ކުޅުންތެރިން ޓެސްޓް ކުރެއެވެ. މެޗުތައް ސްޕޯޓަރުން ނުވައްދާ ކުރިއަށް ގެންދާ އިރު، ޓީމުތަކުގެ ބެންޗުންވެސް ފެންނަނީ ގައިދުރުކަމާއި މާސްކެވެ.