ޚަބަރު

އެމެރިކާއިން ރާއްޖެއަށް 60 ވެންޓިލޭޓަރު ހަދިޔާކޮށްފި

މަރިޔަމް ޝަހުދާ

ކޮވިޑް 19 އާ ގުޅިގެން އެމެރިކާ ސަރުކާރުން ރާއްޖެއަށް 60 ޕޯޓަބަލް ކްރިޓިކަލް ކެއާ ވެންޓިލޭޓަރު ހަދިޔާކޮށްފިއެވެ.

ފޮރިން މިނިސްޓްރީން މައުލޫމާތު ދިން ގޮތުގައި މި ވެންޓިލޭޓަރުތައް ރާއްޖެއާއި މިއަދު ހަވާލުކޮށްފައިވަނީ އޮންލައިންކޮށް ބޭއްވި ރަސްމިއްޔާތެއްގައެވެ.

އެގޮމި ރަސްމިއްޔާތުގައި އެމެރިކާގެ ސަރުކާރުގެ ފަރާތުން މި ވެންޓިލޭޓަރުތައް ރާއްޖެއާ ހަވާލުކޮށްދެއްވީ އެމެރިކާ އިން ރާއްޖެ އާއި ސްރީލަންކާއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އެލައިނާ ޓެޕްލީޒް ކަމަށް ފޮރިން މިނިސްޓްރީން މައުލޫމާތުދެއެވެ. އަދި ރާއްޖޭގެ ސަރުކާރުގެ ފަރާތުން މިތަކެއްޗާ ހަވާލުވެވަޑައިގަތީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުއެވެ.

ފޮރިން މިނިސްޓްރީން މައުލޫމާތު ދޭ ގޮތުގައި އެމެރިކާ ސަރުކާރުން ރާއްޖެއަށް ހަދިޔާ ކުރި މި ވެންޓިލޭޓަރުތަކަކީ ޔުނައިޓަޑް ސްޓޭޓްސް އެޖެންސީ ފޯ އިންޓަނޭޝަނަލް ޑިވަލޮޕްމަންޓް (ޔޫއެސްއޭއައިޑީ)ގެ އެހީތެރިކަމާއެކު ރާއްޖެއަށް ހަދިޔާކޮށްފައިވާ ސާމާނުތަކެކެވެ. އައި މިއީ ރާއްޖޭގެ ސަރުކާރުން ކޮވިޑުގެ ބަލިމަޑުކަމާ ދެކޮޅަށް ކުރަމުން އަންނަ މަސައްކަތްތަކުގައި އެތަކެއް އެހީތެރިކަމެއް ފޯރުކޮށްދޭނެ ވަސީލަތެއް ކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރު ޝާހިދު ވަނީ ރާއްޖެއަށް ދިމާވާ ދަތި ހާލަތްތަކުގައި އެމެރިކާއިން އަބަދުވެސް ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދެއްވާކަން ފާހަގަކުރައްވައި، އެކަމަށް ޝުކުރު ދަންނަވައިފައެވެ.

ކޮވިޑް 19ގެ ހާލަތުގައި އެމެރިކާއިން ވަނީ މިހާތަނަށް ރާއްޖެއަށް ހަތަރު މިލިއަން ޑޮލަރަށް ވުރެ އިތުރަށް އެހީ ފޯރުކޮށްދީފައެވެ. މީގެ ތެރޭގައި ދެ މިލިއަން ޑޮލަރުގެ ހިލޭ އެހީގެ އިތުރުން ރާއްޖެއަށް ހަދިޔާ ކޮށްފައިވާ ޕީޕީއީ، ޕީސީއާރު މެޝިން އަދި އެއާ ގުޅޭ އެކި ސާމާނު ހިމެނޭ ކަމަށް ފޮރިން މިނިސްޓްރީން މައުލޫމާތުދެއެވެ.

ފޮރިން މިނިސްޓްރީން މައުލޫމާތުދޭ ގޮތުގައި މިއަދު އެމެރިކާއިން ރާއްޖެއަށް ހަދިޔާކުރި ވެންޓިލޭޓަރުތައް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހުރި ހޮސްޕިޓަލުތަކަށް ހެލްތު މިނިސްޓްރީން ގެންދާނެއެވެ.