މާލިއްޔަތު ގަވާއިދުން ކޮރަޕްޝަނަށް ހުރި ހިރާސްތައް ކުޑަކުރަން، އެ ގަވައިދަށް އިސްލާހު ގެނެސް ގެޒެޓްކުރަން ފޮނުވާފައިވާ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެ އެވެ.
މިއީ މި ސަރުކާރުގައި އެ ގަވައިދަށް އިސްލާހު ގެންނަ ދެ ވަނަ ފަހަރެވެ. އެގޮތުން މިއަހަރުގެ ޖުލައި މަހުގެ ތެރޭގައި ވެސް އެ ގަވައިދަށް އިސްލާހު ގެނެސްފައިވެ އެވެ.
އެ ގަވައިދަށް އިސްލާހު ގެނެސްފައިވާ ކަމަށް މިނިސްޓަރު އަމީރު ވިދާޅުވި އިރު، އާންމުކޮށް ބީލަމަށް ހުޅުވާނުލައި ބީލަން ކުރިއަށް ގެންދިއުމަށް މާލިއްޔަތު ގަވާއިދުގެ 10:27 ވަނަ މާއްދާ އުވައިލަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ދެވަނަ ފަހަރަށް ފިނޭންސް މިނިސްޓްރީގައި ވަނީ އެދިފަ އެވެ.
އޭސީސީން އެގޮތަށް އެދުނީ، އެ މާއްދާ އޮތް ގޮތުން ބީލަމުގެ ވާދަވެރިކަން ގެއްލި ހާމަކަން ކުޑަވެ ކޮރަޕްޝަން ހިންގުމުގެ ފުރުސަތު ހުޅުވިގެންދާ ކަމެއް ކަމަށް ގަބޫލުކުރެވޭތީ އެވެ.
މާލިއްޔަތު ގަވާއިދު ފުރަތަމަ އާންމުކުރި އިރު އެ ގަވައިދުގެ 10.27 ގައި ބުނަނީ ދައުލަތުގެ ފަރާތުން ރައްޔިތުންނަށް ދޭން ޖެހޭ ހިދުމަތެއް ބިޑް ކުރުމަކާނުލައި ސަރުކާރުގެ މެޖޯރިޓީ ހިއްސާ އޮންނަ ކުންފުންޏަކާ ނުތަވަ މޯލްޑިވްސް ސްޓޮކް އެެކްސްޗޭންޖުގައި ލިސްޓުކޮށްފައިވާ ސަރުކާރުގެ ހިއްސާ ހިމެނޭ ކުންފުންޏަކާ ނުވަތަ ގައުމީ ޖަމިއްޔާއެއް ނުވަތަ ޖަމާއަތެއް ކަމަށް ސަރުކާރުން ގަބޫލުކުރާ މުއައްސަސާއަކާ ހަވާލުކޮށްގެން އެ މަސައްކަތެއް ކުރުވިދާނެ ކަމަށެވެ.
ނަމަވެސް މަސައްކަތެއް ހަވާލުކުރާނޭ ފަރާތެއް ކަނޑައަޅަންވާނީ ނެޝަނަލް ޓެންޑަރު ބޯޑަށް ހުށަހަޅައި، މިނިސްޓަރުގެ ލަފާގެ މަތިން އެބޯޑުގެ ހުއްދަ ލިޔުމަކުން ހޯދުމަށްފަހުގައި ކަމަށް ބުނެފައިވެ އެވެ.
ނަމަވެސް އެ މާއްދާ އުވައިލަން އޭސީސީން މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައި އެދުމުން މި އަހަރުގެ ޖުލައި މަހުގެ ތެރޭގައި އެ ގަވައިދު ވަނީ އިސްލާހު ކޮށްފަ އެވެ. އިސްލާހުކުރި އިރު އޮތީ، ކޯޕަރޭޓިވް ސޮސައިޓީ އަދި ގައުމީ ޖަމިއްޔާތަކަށް ސިންގަލް ސޯސްކޮށް ދެވޭ ގޮތަށް ކުރިން ގަވާއިދުގައި އޮތް ގޮތް ބަދަލުކޮށްފަ އެވެ.
މިނިސްޓަރު އަމީރު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ފިނޭންސް މިނިސްޓްރީން އިސްނަގައިގެން، އެޓާނީ ޖެނެރަލް އާއި އޮޑިޓާ ޖެނެރަލް އަދި އޭސީސީ ވެސް ހިމެނޭ ގޮތަށް ކޮމިޓީއެއް ހެދި، އެ ކޮމެޓީގެ ބައިވެރިވުމާއެކު މާލިއްޔަތު ގަވައިދަށް އިތުރު ބަދަލު ގެނެސް، ގެޒެޓް ކުރަން ފޮނުވާފައިވާ ކަމަށެވެ. އެ އިސްލާހު ގެޒެޓް ކުރަން ފޮނުވީ މި ހަފްތާގެ ތެރޭގަ އެވެ.
- ގެޒެޓްކުރަން ފޮނުވި ބަދަލުތަކުގައި އޮތީ، މާލިއްޔަތު ގަވާއިދުގެ އެހެން މާއްދާއެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައި އޮތަސް ދައުލަތުގެ ފަރާތުން ބިޑު ކުރުމަކާ ނުލައި ހަވާލުކުރެވޭނެ ގޮތްތަކެއް ކަނޑައަޅައިފަ އެވެ.
- 1. ދައުލަތުން ކުރިއާލައި ރާވައިގެން ދައުލަތުގެ ބަޖެޓުން ހަރަދުކުރާ ބޮޑެތި މަޝްރޫއުތަކުގެ މަސައްކަތް، އާއްމުކޮށް ބީލަމަށް ހުޅުވާ ނުލައި ސަރުކާރުގެ 50 ޕަސެންޓަށް ވުރެ ބޮޑު މެޖޯރިޓީ ހިއްސާއެއް އޮންނަ ކުންފުނިތަކާއި އެ ކުންފުނިތަކުގެ ސަބްސިޑަރީ ކުންފުނިތަކާއި މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖްގައި ލިސްޓު ކޮށްފައިވާ ސަރުކާރުގެ މެޖޯރިޓީ ހިއްސާ ހިމެނޭ ކުންފުންޏަކާ ހަވާލުކޮށްގެން ކުރެވިދާނެ އެވެ.
- 2. މި މާއްދާގެ (ހ)ގެ 1 ވަނަ ނަމްބަރުގެ ދަށުން މަސައްކަތް ހަވާލުކުރާ ހާލަތުގައި އެ މަސައްކަތް ހަވާލުކުރާ ކުންފުނި ވާންވާނީ އެ ކުންފުނީގެ މަސައްކަތްތަކުގެ ތެރޭގައި އެ މަސައްކަތް ހިމެނޭ ކުންފުންޏަކަށެވެ.
- 3. މި މާއްދާގެ (ހ)ގެ 1 ވަނަ ނަމްބަރުގެ ދަށުން މަސައްކަތް ހަވާލުކުރާ ހާލަތުގައި އެ މަސައްކަތް ހަވާލުކުރެވޭ ކުންފުނިން، އެ ކުންފުންޏާ ހަވާލުކުރާ މަސައްކަތް އެހެން ތިން ވަނަ ފަރާތަކާ ހަވާލުކޮށްގެން ނުވާނެ އެވެ.
- 4. މި މާއްދާގެ (ހ)ގެ 3 ވަނަ ނަމްބަރުގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް މަސައްކަތް ހަވާލުކޮށްފައިވާ ފަރާތުން، އެ މަސައްކަތެއްގެ ބާވަތުން، ދެ ވަނަ ފަރާތަކާ ހަވާލުކޮށްގެން ނޫނީ ކުރިއަށް ނުގެންދެވޭނެ ފަދަ މަސައްކަތްތައް މި ގަވާއިދުގެ 10.09ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ހުއްދަ ހޯދައިގެން އެހެން ތިން ވަނަ ފަރާތަކާ ހަވާލުކޮށްގެން ކުރިއަށް ގެންދަންވާނެ އެވެ.
- 5. މި މާއްދާގެ (ހ)ގެ 1 ވަނަ ނަމްބަރާއި 4 ވަނަ ނަމްބަރުގެ ދަށުން މަސައްކަތް ހަވާލުކުރެވޭ ފަރާތަކީ މާލީ ގޮތުންނާއި ފަންނީ ގޮތުން ގާބިލް ފަރާތެއް ކަން ކަށަވަރުކުރަންވާނެ އެވެ.
- 6. މި މާއްދާގެ (ހ)ގެ 4 ވަނަ ނަމްބަރުގެ ދަށުން މަސައްކަތް ހަވާލުކުރެވޭ ފަރާތަކީ އިތުރު ތިން ވަނަ ފަރާތަކާ ހަވާލުކޮށްގެން ނޫނީ ކުރިއަށް ގެންދެވޭނެ މަސައްކަތެއް ނޫން ކަން މަސައްކަތް ހަވާލުކުރާ ފަރާތުން ކަށަވަރުކުރަންވާނެ އެވެ.
- 7. މި މާއްދާގެ (ހ)ގެ 1 ވަނަ ނަމްބަރުގެ ދަށުން މަސައްކަތް ހަވާލުކުރާ ހާލަތުގައި މަސައްކަތް ހަވާލުކުރާނޭ ފަރާތެއް ކަނޑައަޅާން ވާނީ މަސައްކަތުގެ ބާވަތާއި އަގާއި މަސައްކަތް ހަވާލުކުރާ ފަރާތް ހިމެނޭ ގޮތަށް އެ އޮފީހުގެ މާލީ ޒިންމާދާރުވެރިޔާ މި މާއްދާގެ ދަށުން އެ ފަރާތަކަށް ބީލަން ހަވާލުކުރަން ނިންމި ސަބަބު ބަޔާންކޮށް މިނިސްޓަރަށް އެ މައުލޫމާތު ހުށަހަޅާއި މިނިސްޓަރުގެ ލަފާގެ މަތިން، މި ގަވާއިދުގެ 10:09ގެ ދަށުން ހުއްދަ ހޯދައިގެންނެވެ.
މި މާއްދާއަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި އޮތް އޭސީސީގެ ކޮމިޝަނުން ވެސް އުވާލަން ލަފާދިން މާއްދާ އެކެވެ. އަދި އޭސީސީގައި މިހާރު އޮތް ކޮމިޝަނުން އެ މާއްދާ ފުރަތަމަ އުވާލަން ލަފާ ދިނީ، ދައުލަތުގެ މާލިއްޔަތު ގަވާއިދުގެ ބިޑްކުރުމަކާއި ނުލައި ސަރުކާރުގެ މަސައްކަތްތައް ހަވާލުކުރުމުގެ އުސޫލުގެ ކޮރަޕްޝަން ރިސްކް ދިރާސާއެއް ތައްޔާރުކުރުމަށްފަހުގަ އެވެ.
އެ ދިރާސާ ކަރުދާހުގައި ބުނެފައިވާ ގޮތުން، ބިޑް ކުރުމަކާ ނުލައި މަސައްކަތެއް ހަވާލުކޮށް، އެ މަސައްކަތެއް ސަރުކާރުގެ ކަމާބެހޭ ފަރާތަކަށް ނުކުރެވުމުން ތިންވަނަ ފަރާތަކަށް ހަވާލުކުރަނީ ބީލަމަށް ނުލައި ދައުލަތަށް ގެއްލުންވާ ގޮތަށް ކަމަށެވެ. އެއީ ވަކި ފަރާތަކަށް ފައިދާ ހޯދައިދިނުމަށް މަގުފަހިވާ ކަމެއް ކަމަށް ވެސް ބުނެފައިވެ އެވެ.
އެހެންކަމުން އޭސީސީން ވަނީ ބިޑް ކުރުމަކާ ނުލައި ސަރުކާރު ހިއްސާވާ ކުންފުނިތަކަށް މަޝްރޫއުތައް ދޫކުރަން ޖެހިއްޖެނަމަ މާލިއްޔަތު ގަވާއިދުގައި އެކަމާ ގުޅޭ މާއްދާއެއް ހިމެނުމަށް ލަފާ ދީފަ އެވެ.
ޚަބަރު
ޚަބަރު
ޚަބަރު