ކުޅިވަރު

ތަޖުރިބާކާރު މިޑްފީލްޑަރު ބަކާ ޔުނައިޓެޑް ވިކްޓަރީއަށް

ގައުމީ ޓީމުގެ ތަޖުރިބާކާރު މިޑްފީލްޑަރު މުހައްމަދު އާރިފް (ބަކާ) ޔުނައިޓެޑް ވިކްޓަރީއާ ގުޅިއްޖެއެވެ.

ކުރިއަށް އޮތް ސީޒަނަށް ބަކާ ޔުނައިޓެޑް ވިކްޓަރީއާ ގުޅުނުކަން އެ ކުލަބުން ޔަގީން ކޮށްދީފައިވާއިރު، ބަކާ އެ ކުލަބަށް ބަދަލުވީ ކުލަބު އީގަލްސް އިންނެވެ.

ބަކާއަކީ ރާއްޖެ ދުށް އެންމެ ކާމިޔާބު އެއް މިޑްފީލްޑަރެވެ. އައްޑޫ ޔޫތު ޑިވެލޮޕްމަންޓް ޕްރޮގުރާމުގެ ތެރެއިން ވިދާލި ބަކާގެ ފުޓުބޯޅަ ކެރިއަރު، 2004 ވަނަ އަހަރު ފަށާފައި ވަނީ އައިލެންޑް އެފްސީންނެވެ. އޭގެފަހުން ވީބީ އައްޑޫ އެފްސީން ނެރުނު ތަރިންގެ ޓީމުގައި ބަކާ ހިމެނުނުއިރު، އޭނާ ވަނީ ވެލެންސިއާ، ނިއު ރޭޑިއަންޓް، ވިކްޓަރީގެ އިތުރުން އީގަލްސް އާއި މާޒިޔާއަށް ވެސް ކުޅެފަ އެވެ.

ބަކާ ވަނީ 2015 ވަނަ އަހަރު ރާއްޖެއިން ބޭރުގެ ކްލަބަކަށް ވެސް ކުޅެފަ އެވެ. މިޔަންމާ ލީގުގެ ކަންބައުޒާއަށް ބަކާ އެއަހަރު ކުޅެފައިވާއިރު، އޭނާއަކީ 2010 ވަނަ އަހަރު ރާއްޖޭގެ އެންމެ މޮޅު ކުޅުންތެރިޔާ އެވެ. އަދި ޖެހިގެން އައި 2011 ވަނަ އަހަރު ބަކާ ވަނީ ރާއްޖޭގެ ދެވަނަ ކުޅުންތެރިޔާގެ މަގާމު ވެސް ހޯދައިފަ އެވެ.

ގައުމީ ޓީމަށް 47 މެޗު ކުޅެދީފައިވާ ބަކާ ވަނީ 2005 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި ވެސް ކުޅެފަ އެވެ. އަދި އޭގެ ފަހުން 2008 ވަނަ އަހަރު ރާއްޖެއިން ތަށި ހޯދި ޓީމުގައި ވެސް ބަކާ މުހިއްމު ރޯލެއް އަދާކުރި އިރު، އެންމެފަހުން 2018 ވަނަ އަހަރު ސާފްގެ ރަން މެޑަލް ހޯދި ޓީމުގައި ވެސް އޭނާ ހިމެނިފައިވެ އެވެ.

ކޮވިޑް 19އާ ގުޅިގެން ރާއްޖޭގެ ލީގުގައި ކުޅޭ ޓީމުތަކުގެ ފަރިތަކުރުންތަކަށް ވެސް ބުރުއަރާފައިވާ އިރު، އަދި ލީގު ފެށޭނެ ތާރީހެއް އިއުލާން ކޮށްފައެއް ނުވެ އެވެ.