ސިޔާސީ ޕާޓީތަކުގެ ގާނޫނަށް ގެންނަ އިސްލާހުތަކުގެ ތެރެއިން އޮޅުވާލައިގެން މީހުން ޕާޓީތަކަށް ވެއްދުން ހުއްޓުވޭނެ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވެއްޖެ އެވެ.
ސިޔާސީ ޕާޓީތަކުގެ ގާނޫނަށް އީސީން ގެންނަން ނިންމާފައިވާ އިސްލާހުތަކަށް ހިޔާލު ހޯދުމަށްޓަކައި މަޝްވަރާ ކަރުދާހެއް މިހާރު ވަނީ ސިޔާސީ ޕާޓީތަކަށް ފޮނުވައިފަ އެވެ. ބައެއް ސިޔާސީ ޕާޓީތަކުން ވަނީ، އެ ކަރުދާހަށް ހިޔާލު ހުށަހެޅުމަށް އެ ޕާޓީތަކުގެ މެންބަރުންނަށް ވެސް ފުރުސަތު ހުޅުވާލައިފަ އެވެ.
އޭގެ އިތުރުން އެ ގާނޫނަށް ގެންނަން ފެންނަ އިސްލާހުތަކާ ގުޅޭ ގުޅޭގޮތުން ސިޔާސީ ޕާޓީތަކާއެކު އަންނަ ހަފްތާގެ އަންގާރަ ދުވަހު މަޝްވަރާ ބައްދަލުވުމެއް ބާއްވަން އީސީން ވަނީ ނިންމައިފަ އެވެ.
ސިޔާސީ ޕާޓީތަކުގެ ގާނޫނަށް ގެންނަން އީސީން ހުށަހަޅާފައިވާ އިސްލާހުތަކާ ގުޅޭ ގޮތުން ޝަރީފް ވިދާޅުވީ، ސިޔާސީ ޕާޓީތަކުގެ ގާނޫނަށް ގެނެވޭ އެންމެ މުހިންމު އިސްލާހުތަކުގެ ތެރޭގައި އޮޅުވާލައިގެން ނުވަތަ ނޭންގި މީހުން ޕާޓީއަށް ވެއްދުން ހުއްޓުވުމުގެ އިތުރުން ދައުލަތުން ޕާޓިތަކަށް ދޭ ފައިސާގެ އެހީއަށް ޕާޓީތަކުން ޒިންމާދާރުވުން ހަރުދަނާވާނެ ކަމަށެވެ. އަދި ބަޖެޓުން ސިޔާސީ ޕާޓީތަކަށް ފައިސާ ކަނޑައަޅާފައި އޮތް ގޮތް ވެސް ބަދަލުކުރަން ހުށަހަޅާފައިވާ ކަމަށް ވިދާޅުވި އެވެ.
އެގޮތުން ސިޔާސީ ޕާޓީތަކުގެ ގާނޫނުގައި މިހާރު އޮންނަ ގޮތުން ޕާޓީތަކަށް ދޫކުރާނީ ދައުލަތުގެ އަހަރީ ބަޖެޓުގެ 0.1 ޕަސެންޓާއި 0.2 ޕަސެންޓާ ދެމެދުގެ އަދަދެކެވެ. ނަމަވެސް ގާނޫނަށް ހުށަހަޅާފައިވާ އިސްލާހުގައި އެކަން ބަދަލުކޮށް ސިޔާސީ ޕާޓީތަކަށް ދޫކުރަން ކަނޑައަޅާފައިވަނީ ދައުލަތުގެ ބަޖެޓުގެ 0.1 ޕަސެންޓެވެ.
އޭގެ އިތުރުން ޖޫރިމަނާ ކުރުމަށްފަހު ޕާޓީ އުވާލެވޭ ގޮތަށް ގާނޫނުގައި މިހާރު އޮތް ނަމަވެސް، އިންޒާރު ދިނުމާއި ޖޫރިމަނާ ކުރުމަށްފަހު ސަސްޕެންޑް ކުރުމަށް ޑްރާފްޓުގައި ހިމަނައި ޕާޓީ އުވާލުމަށް އިތުރު ހަރުދަނާ އުސޫލުތަކެއް ވަނީ ހިމަނައިފަ އެވެ. އަދި ޕާޓީތަކުގެ ލީޑާޝިޕް ނުވަތަ ކައުންސިލްތަކުގެ 33 ޕަސެންޓް އަންހެނުންނަށް ހާއްސަ ކުރުމަށާއި ޕާޓީތަކުގެ އަހަރީ ރިޕޯޓް ހުށަހަޅަން މިހާރު އޮންނަ ތާރީހު ބަދަލުކުރަން ވެސް ޑްރާފްޓްގައި ހިމަނާފައިވެ އެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު