ރައްޔިތުންގެ މަޖިލީހުގެ ދާންދޫ ދާއިރާގެ މެންބަރު ޔައުގޫބު އަބްދުﷲގެ ގޮނޑި ގެއްލިފައިވާ ކަމަށް ކަނޑައަޅައި ދިނުމަށް އެދި ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ އެ ކޯޓުން ބަލައިގެންފި އެވެ.
ޔައުގޫބްގެ މެންބަރުކަމުގެ ގޮނޑިއާމެދު ސުވާލު އުފެއްދީ ޗާޓަޑް އެކައުންޓެންޓުންގެ ގާނޫނުގެ ދަށުން އުފެދުނު އިންސްޓިޓިއުޓް އޮފް ޗާޓަޑް އެކައުންޓެންޓްސްގެ ކައުންސިލް މެންބަރުކަން ގަބޫލު ކުރެއްވުމުންނެވެ. އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުއްވީ ސިވިލް ކޯޓުގެ ކުރީގެ ގާޒީ މުހައްމަދު ހަލީމެވެ.
ހަލީމު "ވަން" އަށް ވިދާޅުވީ، ޔައުގޫބުގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނަޑައަޅައި ދިނުމަށް ހުށަހެޅި މައްސަލަ ސުޕްރީމް ކޯޓަށް ބަލައިގަނެފައިވާ ކަމަށް އެ ކޯޓުން މިއަދު އަންގާފައިވާ ކަމަށާއި އެކަމުގެ ލިޔުން ވެސް މިހާރު ހަވާލު ކޮށްފައިވާ ކަމަށެވެ.
ހަލީމު ވިދާޅުވި ގޮތުގައި އެ މައްސަލަައަކީ ގާނޫނުއަސާސީގެ 73 ވަނަ މާއްދާގެ (ރ)ގެ ތިންވަނަ ނަންބަރާއި އަށްވަނަ ނަންބަރާ ޔައުގޫބު ހިލާފުވެފައިވާތީ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި ދިނުމަށް އެދި ހުށަހެޅި މައްސަލެއް ކަމަށެވެ. އަދި އެއީ ވަރަށް ސާފު މައްސަލައެއް ކަމަށް ވެސް ވިދާޅުވި އެވެ.
ހަލީމު އިތުރަށް ވިދާޅުވީ އިންސްޓިޓިއުޓް އޮފް ޗާޓަޑް އެކައުންޓެންޓްސްގެ ކައުންސިލް މެންބަރު ކަމުން ޔައުގޫބު މިހާރު އިސްތިއުފާ ދެއްވާފައިވީ ނަމަަވެސް، އެ މަގާމަށް އައްޔަންކޮށް މަގާމު ގަބޫލުކުރެއްވި ހިސާބުން ޔައުގޫބުގެ ގޮނޑި ގެއްލިފައިވާ ކަމަށެވެ.
ގާނޫނުއަސާސީގެ 73 ވަނަ މާއްދާ ބުނާ ގޮތުން، މެންބަރެއްގެ ހައިސިއްޔަތުން އަދާކުރަންޖެހޭ ވަޒީފާއެއް ފިޔަވައި ދައުލަތުގެ އެހެން ވަޒީފާއެއް މެންބަރުން އަދާކޮށްގެން ނުވާނެ އެވެ.
ސުޕްރީމް ކޯޓް