އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކް (އައިއެސްޑީބީ) ގްރޫޕްގެ މެންބަރެއް ކަމަށްވާ ދި އިންޓަނޭޝަނަލް އިސްލާމިކް ޓްރޭޑް ފައިނޭންސް ކޯޕަރޭޝަން (އައިޓީއެފްސީ) އިން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އަށް ފަސް މިލިއަން ޑޮލަރުގެ މުރާބަހާ ފައިނޭންސިން ފެސިލިޓީއެއް ހަމަޖައްސައިދީފި އެވެ.
އައިޓީއެފްސީން ފުޅާ ދާއިރާއެއްގައި ޕްރައިވެޓް ސެކްޓާއަށް އަމާޒުކޮށް އެހީތެރިވުމަށް އެކި ގައުމުތަކުގެ ލޯކަލް ބޭންކުތައް މެދުވެރިކޮށް ފައިނޭންސް ދޫކުރަމުންދާއިރު، ބީއެމްއެލް އެ ކޯޕަރޭޝަނާ ގުޅިގެން ރާއްޖެއަށް ފައިނޭންސް ހަމަޖައްސައިދޭ ފުރަތަމަ ބޭންކެވެ.
ބީއެމްއެލުން ބުނީ، އެ ކޯޕަރޭޝަނުން ހަމަޖައްސައިދިން ފަސް މިލިއަން ޑޮލަރުގެ މުރާބަހާ ފައިނޭންސިން ފެސިލިޓީ އަކީ ބޭންކުގެ ޕްރައިވެޓް ވިޔަފާރިތަކާއި ހާއްސަކޮށް ރާއްޖޭން ބޭރުގެ މާކެޓްތަކުން މުދާ ގެންނަ (ރޯ މެޓީރިއަލް) ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް އެހީތެރިވުމުގެ ގޮތުން ބޭންކަށް ދޫކޮށްފައިވާ ފައިނޭންސިން ފެސިލިޓީއެއް ކަމަށެވެ.
މިކަމާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑައިރެކްޓަރު ޓިމް ސޯޔާ ވިދާޅުވީ ކޮވިޑުގެ ބަލިމަޑުކަމާ ގުޅިގެން އިގްތިސާދަށް ނުހަނު ބޮޑަށް އަސަރުކޮށްފައިވާއިރު ބޭންކުން ދަނީ ރާއްޖޭގެ ވިޔަފާރިތަކަށް އެހީތެރިވުމުގެ ގޮތުން އެކި މަސައްކަތްތައް ކުރަމުން ކަމަށެވެ.
"މި މަސައްކަތުގެ ތެރެއިން އައިޓީއެފްސީއާ ގުޅިގެން ވިޔަފާރިތަކަށް ހާއްސަކޮށް ފަސް މިލިއަން ޑޮލަރުގެ ޓްރޭޑް ފައިނޭންސިން އެއް ހަމަޖެހިގެންދާކަމީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް. ރާއްޖޭގެ ވިޔަފާރިތައް ކުރިއެރުވުމަށް ކުރަމުންދާ މަސައްކަތުގައި މި ފައިނޭންސް އެހީތެރިވެދެވޭނެ." ސޯޔާ ވިދާޅުވި އެވެ.
މުރާބަހާ ފައިނޭންސިން ފެސިލިޓީއާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން އައިޓީއެފްސީގެ ސީއީއޯ އީއެންޖީ ހާނީ ސަލިމް ސޮންބޮލް ވިދާޅުވީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް އެހީތެރިކަން ފޯރުކޮށްދެވި، އަދި މުދާ އިމްޕޯޓްކުރުމަށް ބީއެމްއެލްއާ ގުޅިގެން މި ފައިނޭންސް ތައާރަފް ކުރެވޭކަމީ ލިބޭ ފަހުރެއް ކަމަށެވެ.
"އައިޓީއެފްސީގެ ސްޓްރެޓެޖީގެ މައިގަނޑު އެއް އަސާސަކީ ގައުމުތަކުގައި ހިންގަމުންދާ ބޭންކު އޮފް މޯލްޑިވްސް ފަދަ މާލީ އިދާރާތަކާ ގުޅިގެން އެފަރާތްތައް މެދުވެރިކޮށް ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ހިންގުމަށް ބޭނުންވާ މާލީ އެހީތެރިކަން ފޯރުކޮށްދިނުން. މިގޮތުން އެ ވިޔަފާރިތަކުގެ ސަބަބުން އެ ގައުމެއްގެ އިގްތިސާދަށް ކުރިއެރުން ލިބި އަދި ދުނިޔޭގެ ވިޔަފާރީގެ މަސްރަހުގައި ބައިވެރިވުމަށް ފުރުސަތު ތަނަވަސް ވެގެންދާނެ ވެސްމެ. އަދި ހަމައެހެންމެ އޯއިސީގެ ގައުމުތަކުގެ މެދުގައި ވިޔަފާރި ގުޅުންތައް ރަނގަޅުވެ، ގިނަ ގައުމުތަކެއްގެ އިޖްތިމާއީ އަދި އިގްތިސާދީ ގޮތުން ކުރިއެރުމަށް ގިނަ ގައުމުތަކަކަށް ފުރުސަތު ހުޅުވިގެންދާނެވެސްމެ." އައިޓީއެފްސީގެ ސީއީއޯ ވިދާޅުވި އެވެ.
އައިޓީއެފްސީން މިވަގުތު ދޫކުރުމުންދާ ފައިނޭންސް އާއި ހިލޭ އެހީއަކީ އައިއެސްޑީބީ ގްރޫޕުން ކޮވިޑް-19 ރެސްޕޯންސް ޕެކޭޖުގެ ދަށުން މި ބަލިމަޑުކަމުން އަރައިގަތުމަށް ތައްޔާރުވުމުގެ ގޮތުން ބޭހުގެ ބާވަތްތަކާއި ކާބޯތަކެތީގެ އިތުރުން ދަނޑުވެރިކަމަށް ބޭނުންވާ ގަސްކާނާ ހޯދުމަށް އޯއިސީގެ ގައުމުތައް ކަމަށްވާ ބަންގްލަދޭޝް، މިސްރު، ކިރިގިސްތާން، ރާއްޖޭގެ އަދި ސެނެގާލް ހިމެނޭ ގޮތަށް ދެމުންދާ މާލީ އެހީތެރިކަމެކެވެ.
ވިޔަފާރި
ވިޔަފާރި
ވިޔަފާރި
ވިޔަފާރި