އާންމުކޮށް ބީލަމަށް ހުޅުވާނުލައި ބީލަން ކުރިއަށް ގެންދިއުމަށް މާލިއްޔަތު ގަވާއިދުގައި ބުނާ މާއްދާ އުވާލަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އަނެއްކާވެސް ފިނޭންސް މިނިސްޓްރީއަށް ލަފާދީފި އެވެ.
ފެބްރުއަރީ 20، 2017 ވަނަ އަހަރު އެކުލަވާލި މާލިއްޔަތު ގަވާއިދުގައި ބިޑްކުރުމަކާ ނުލައި މަސައްކަތްތައް ހަވާލުކުރެވޭނެ ކަމަށް ބުނެފައިވަނީ އެ ގަވައިދުގެ 10.27 ގަ އެވެ.
އެ މާއްދާގައި ބުނަނީ ދައުލަތުގެ ފަރާތުން ރައްޔިތުންނަށް ދޭން ޖެހޭ ހިދުމަތެއް ބިޑް ކުރުމަކާނުލައި ސަރުކާރުގެ މެޖޯރިޓީ ހިއްސާ އޮންނަ ކުންފުންޏަކާ ނުތަވަ މޯލްޑިވްސް ސްޓޮކް އެެކްސްޗޭންޖުގައި ލިސްޓުކޮށްފައިވާ ސަރުކާރުގެ ހިއްސާ ހިމެނޭ ކުންފުންޏަކާ ނުވަތަ ގައުމީ ޖަމިއްޔާއެއް ނުވަތަ ޖަމާއަތެއް ކަމަށް ސަރުކާރުން ގަބޫލުކުރާ މުއައްސަސާއަކާ ހަވާލުކޮށްގެން އެ މަސައްކަތެއް ކުރުވިދާނެ ކަމަށެވެ.
ނަމަވެސް މަސައްކަތެއް ހަވާލުކުރާނޭ ފަރާތެއް ކަނޑައަޅަންވާނީ ނެޝަނަލް ޓެންޑަރު ބޯޑަށް ހުށަހަޅައި، މިނިސްޓަރުގެ ލަފާގެ މަތިން އެބޯޑުގެ ހުއްދަ ލިޔުމަކުން ހޯދުމަށްފަހުގައި ކަމަށް ބުނެފައިވެއެވެ.
އެ މާއްދާގެ (ށ)ގައި ބުނާ ގޮތުން ބޭރު ގައުމެއްގެ އެހީގައި ނުވަތަ ކޮންސެޝަނަލް ލޯނެއްގެ ދަށުން ހިންގާ މަޝްރޫއުތަކާއި ސަރުކާރުން ކަނޑައަޅާ ބިޔަ މަޝްރޫއެއް ހިންގުމުގައި ވެސް ބިޑްކުރުމަކާ ނުލައި ބަޔަކާ ހަވާލުކޮށްގެން ހިންގިދާނެ އެވެ. ނަމަވެސް އެގޮތަށް ހަވާލުކުރެވޭނީ ވަޒީރުންގެ މަޖިލީހުން ނުވަތަ މަޖިލީހުގެ ކޮމިޓީއެއްގެ މަޝްވަރާގެ މަތިން ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅާ ފަރާތަކާއެވެ.
އެ މާއްދާ އުވާލަން ރައީސް ޔާމީންގެ ސަރުކާރުގައި އޮތް އޭސީސީގެ ކޮމިޝަނުން ވެސް ލަފާ ދިނެވެ. އަދި އޭސީސީގައި މިހާރު އޮތް ކޮމިޝަނުން ވެސް މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައި ފިނޭންސަށް އެގޮތަށް ލަފާ ދީފައިވެ އެވެ. އެފަހަރު އެގޮތަށް ލަފާ ދިނީ ދައުލަތުގެ މާލިއްޔަތު ގަވާއިދުގެ ބިޑްކުރުމަކާއި ނުލައި ސަރުކާރުގެ މަސައްކަތްތައް ހަވާލުކުރުމުގެ އުސޫލުގެ ކޮރަޕްޝަން ރިސްކް ދިރާސާއެއް ތައްޔާރުކުރުމަށްފަހުގަ އެވެ.
އޭސީސީގެ މީޑިއާ އޮފިޝަލް ހަސަން މަނިކު މިއަދު "ވަން" އަށް ވިދާޅުވީ، މާލިއްޔަތު ގަވާއިދުގެ އެ މާއްދާ އުވާލަން ލަފާދީ އެ ކޮމިޝަނުން އިއްޔެ ފިނޭންސް މިނިސްޓްރީއަށް ސިޓީއެއް ފޮނުވާފައިވާނެ ކަމަށެވެ. އެގޮތަށް އޭސީސީން ލަފާދިނީ ހަސަން ވިދާޅުވި ގޮތުގައި އެ މާއްދާ އޮތް ގޮތުން ބީލަމުގެ ވާދަވެރިކަން ގެއްލި ހާމަކަން ކުޑަވެ ކޮރަޕްޝަން ހިންގުމުގެ ފުރުސަތު ހުޅުވިގެންދާ ކަމެއް ކަމަށް ގަބޫލުކުރެވޭތީ ކަމަށެވެ.
އޭސީސީން ތައްޔާރުކޮށްފައިވާ ދިރާސާ ކަރުދާހުގައި ބުނެފައިވާ ގޮތުން، ބިޑް ކުރުމަކާ ނުލައި މަސައްކަތެއް ހަވާލުކޮށް، އެ މަސައްކަތެއް ސަރުކާރުގެ ކަމާބެހޭ ފަރާތަކަށް ނުކުރެވުމުން ތިންވަނަ ފަރާތަކަށް ހަވާލުކުރަނީ ބީލަމަށް ނުލައި ދައުލަތަށް ގެއްލުންވާ ގޮތަށް ކަމަށެވެ. އެއީ ވަކި ފަރާތަކަށް ފައިދާ ހޯދައިދިނުމަށް މަގުފަހިވާ ކަމެއް ކަމަށް ވެސް ބުނެފައިވެ އެވެ.
އެހެންކަމުން އޭސީސީން ވަނީ ބިޑް ކުރުމަކާ ނުލައި ސަރުކާރު ހިއްސާވާ ކުންފުނިތަކަށް މަޝްރޫއުތައް ދޫކުރަން ޖެހިއްޖެނަމަ މާލިއްޔަތު ގަވާއިދުގައި އެކަމާ ގުޅޭ މާއްދާއެއް ހިމެނުމަށް ލަފާ ދީފަ އެވެ.
އެންޓި ކޮރަޕްޝަން ކޮމިޝަން
އެންޓި ކޮރަޕްޝަން ކޮމިޝަން
އެންޓި ކޮރަޕްޝަން ކޮމިޝަން