ކުއްޔަށް ދިނުމަށް ވެފައިވާ އެއްބަސްވުމުގައި ކޮންމެ ގޮތަކަށް އޮތް ނަމަވެސް، ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތާއި ކާރިސާގެ ހާލަތްތަކުގައި، ކުއްޔަށް އުޅޭ މީހުން އެމީހުން އުޅޭ ތަނުން ނެރޭނަމަ 60 ދުވަހުގެ ނޯޓިހެއް ދޭންޖެހޭ ގޮތަށް ފާސްކުރި ބިލު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ތަސްދީގުކުރައްވައިފިއެވެ.
ކޮވިޑާ ގުޅިގެން ކުރިމަތިވެފައިވާ އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތާއި ގުޅޭ ހާއްސަ އުސޫލުތައް ކަނޑައެޅުމަށް ފަރުމާކޮށްފައިވާ "އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ބިލު 2020" ފާސްކޮށްފައިވަނީ މި މަހުގެ ހަ ވަނަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައެވެ.
މި ބިލުގެ މަގުސަދުތަކުގެ ތެރޭގައި ކޮވިޑާ ގުޅިގެން ކުރިމަތިވެފައިވާ އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތުގެ ސަބަބުން ޒަރޫރީ ބޭނުންތައް ފުއްދުމަށް ދަތިވެފައިވާ އާއިލާތަކަށް އެހީތެރިކަން ފޯރުކޮށްދިނުމާއި ބޯހިޔާވަހިކަން ގެއްލިފައިވާ ފަރާތްތަކަށް ވަގުތީ ބޯހިޔާވަހިކަން ހޯދައިދިނުން ހިމެނެއެވެ. އަދި އެއްވެސް ފަރާތެއް މަގުމަތިވިޔަ ނުދިނުމަށްޓަކައި ގާނޫނުން ފޯރުކޮށްދޭންޖެހޭ ރައްކާތެރިކަން ފޯރުކޮށްދިނުމުގައި އަމަލުކުރަންޖެހޭ އުސޫލުތައްވެސް ހިމަނާފައިވެއެވެ.
މީގެ އިތުރުން ކޮވިޑާ ގުޅިގެން ވަޒީފާގެ މަސްއޫލިއްޔަތުތައް އަދާކުރުމަށް ހުރަސްއެޅިފައިވާ ފަރާތްތަކަށް ހާއްސަ ޗުއްޓީ ހަމަޖައްސައިދިނުމާއި ހާއްސަ އިސްތިސްނާ ހާލަތްތަކެއްގައި މެނުވީ ކޮވިޑާ ގުޅިގެން ވަޒީފާގެ ހާލަތަށް ބަދަލުގެނައުން ހުއްދަނުވާނެ ކަމުގައި ކަނޑައެޅުންވެސް މި ބިލުގައި ހިމަނާފައިވެއެވެ. އަދި ކޮވިޑާ ގުޅިގެން ކުރިމަތިވެފައިވާ މި ހާލަތުގައި ދައުލަތް ހިންގުމުގެ ނިޒާމު މެދުކެނޑުމެއް ނެތި ކުރިއަށްގެންދިއުމަށް މަގުފަހިކުރުމަށްޓަކައި އެކަށައަޅަންޖެހޭ ހާއްސަ އުސޫލުތައް އެކަށައެޅުން ވެސް މި ބިލުގައި ހިމަނާފައިވެއެވެ.
ބިލުގައިވާ ގޮތުން ތަން ކުއްޔަށް ދީފައިވަނީ ލިޔުމުން ވެވޭ އެއްބަސްވުމަކުން ނޫންކަމަށް ވިޔަސް، ތަން ދޫކޮށް ދިއުމަށް ތަނުގެ ވެރި ފަރާތަށް އެންގޭނީ މަދުވެގެން 60 ދުވަހުގެ ނޯޓިހެއް ދިނުމަށްފަހުގައެވެ. އެ މުއްދަތުގެ ކުރިން އެފަދަ ފަރާތެއް ނެރުމަށް އެންގުމާއި އެފަދަ އެއްވެސް އަމަލެއް ކޮށްގެން ނުވާނެ ކަމަށްވެސް ބުނެފައިވެއެވެ.
ކުއްލި ނުރައްކަލުގެ ހާލަތާއި ކާރިސާގެ ހާލަތްތަކުގައި ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތުގެ އެންގުންތައް ތަންފީޒު ކުރުމުގައި ފުލުހުންގެ އެހީތެރިކަން ހޯދޭނެ ގޮތްތައްވެސް ބިލުގައި ވަނީ ބަޔާންކޮށްފައެވެ. އެ ހާލަތުގައި ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތުގެ އެންގުންތައް ތަންފީޒު ކުރުމުގައި ފުލުހުން ހަރަކާތްތެރިވާ އިރު، ފުލުހުންނަށް ލިބިދީފައިވާ ބާރުތައްވެސް ބިލުގައި ވަނީ ބަޔާންކޮށްފައެވެ.
އެގޮތުން ޑީޖީގެ އެންގުމާ ހިލާފަށް ތަނެއްގައި އެއްވެ އުޅޭނަމަ އެއްވުން ރޫޅާލުމާއި ކުރަން ޖެހޭ ޖޫރިމަނާ ވަގުތުންކޮށް، ހައްޔަރު ކުރަން ޖެހޭ މީހުން ހައްޔަރު ކުރުމުގެ ބާރު ފުލުހުންނަށް ވަނީ ދީފައެވެ.
ބިލުގައިވާގޮތުން ޑީޖީގެ އެންގުންތަކާ ހިލާފުވާ ފަރާތަކީ އަމިއްލަ ފަރުދެއްނަމަ 1،000 ރުފިޔާ އާއި 10،000 ރުފިޔާއާ ދެމެދު، ޖޫރިމަނާ ކުރުމަށާއި އެއީ ގާނޫނީ ޝަހުސެއް ނަމަ 5،000 ރުފިޔާ އާއި 100،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެއެވެ.
މި ބިލު ގާނޫނަކަށްވުމަށްފަހު، އަމަލުކުރުމަށް ހަމަޖެހިފައި ވަނީ ކޮވިޑާ ގުޅިގެން ރާއްޖޭގައި އިއުލާންކޮށްފައިވާ އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު ނުވަތަ ގާނޫނަށް އަމަލުކުރަން ފެށުމަށްފަހު، ކޮވިޑާ ގުޅިގެން ރާއްޖޭގައި އިއުލާންކުރާ އެނޫންވެސް ކުއްލި ނުރައްކަލުގެ ނުވަތަ ކާރިސާގެ ހާލަތެއް ނިމުމަކަށް ގެންނަތާ 60 ދުވަހުގެ ނިޔަލަށެވެ.
މި ބިލުގައިވާގޮތުން ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފައި ވަނިކޮށް ރާއްޖޭން ބޭރުން އައިސް ނުވަތަ އެއްވެސް ހާލަތެއް ދިމާވެގެން ކަރަންޓީނުގައި ހުންނަން ޖެހޭ މުވައްޒަފަކަށް މެޑިކަލް ސެޓްފިކެޓް ހުށަހެޅުމަކާ ނުލައި މުސާރަ ލިބޭގޮތަށް ހާއްސަ ޗުއްޓީއެއް ވަޒީފާދޭ ފަރާތުން ހަމަޖައްސައިދޭން ޖެހޭނެއެވެ.
ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި ގޭގައި މަޑުކުރަން ޖެހޭ މުވައްޒަފުންނަށް ވެސް ހަމަ އެގޮތަށް ހާއްސަ ޗުއްޓީ ހަމަޖައްސައިދޭން ޖެހޭނެ ކަމަށް ބުނެފައިވެއެވެ.
ކޮވިޑަށް ޕޮޒިޓިވްވާ މީހުންނަށް ސަލާމުގެ ހާއްސަ ޗުއްޓީއެއް ހަމަޖައްސައިދޭން ޖެހޭނެ ކަމަށާއި އެގޮތަށް ޗުއްޓީ ދޭން ޖެހެނީ ކޮވިޑަށް ޕޮޒިޓިވްވި ކަމަށް ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތު އަންގާ ލިޔުން ވަޒީފާ ދޭ ފަރާތަށް ހުށަހެޅުމުން ކަމަށްވެސް ބުނެފައިވެއެވެ.
ބައްޔަށް ޕޮޒިޓިވް ވެފައިވާ ފަރާތެއްގެ އާއިލާގެ މީހަކު، އޭނާއަކީ އެމީހާ ބެލުން ހަވާލުވެފައިވާ މީހެއް ކަމުގައިވާނަމަ އެމީހަކަށްވެސް ހާއްސަ ޗުއްޓީއެއް މުސާރަ ލިބޭގޮތަށް ހަމަޖައްސައިދޭން ޖެހޭނެ ކަމަށް ބިލުގައި ބުނެފައިވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު