ބޭންކުތައް މެދުވެރިކޮށް ނުހައްގުން މަންފާ ހޯދުމަށް މަނީ ލޯންޑާކޮށްފައިިވާކަން ފަޅާއަރުވާލި "ފިންސެންފައިލްސް"ގެ ތެރެއިން ޗެލްސީގެ ވެރިޔާ ރޯމަން އަބްރަމޮޗް ކުޅިވަރުގެ ރޫހާ ހިލާފަށް ހިންގާފައިވާ މުއާމަލާތްތަކެއް ފަޅާ އަރައިފިއެވެ.
"ފިންސެންފައިލްސް"ގެ ނަމުގައި ލީކު ކޮށްލާފައިިވާ މައުލޫމާތުތަކަކީ، ޔޫރަޕާއި އެމެރިކާގެ އެތަކެއް ބޭންކުތަކަކުން ކަޅު ފައިސާ ލޯންޑާ ކުރުމަށް ކޮށްފައިވާ ބޮޑެތި ޓްރާންސެކްޝަންތަކެއްގެ މައުލޫމާތެވެ. އެ މައުލޫމާތުތަކަކީ ނޫސްވެރިންގެ އިތުރުން އެތަކެއް ބައެއް އެކުވެގެން ކޮށްފައިވާ ބޮޑު ތަހުގީގެއްގެ މައުލޫމާތެވެ.
ރަޝިޔާގެ ރައީސް ވްލަޑިމިއާ ޕުޓިން ކޮށްފައިވާ ވަގު ޓްރާންސެކްޝަންތަކެއް ވެސް "ފިންސެންފައިލްސް" އިން ފަޅާއަރުވާލާފައިވާ އިރު، ރަޝިޔާގެ ބިލިއަނަރު އަބްރަމޮވިޗަކީ ޕުޓިންގެ ޒަމާންވީ ގާތް އެކުވެރިއެކެވެ. ޕުޓިންގެ ފައިސާއިން ކަޅު ވިޔަފާރިތައް އަބުރަމޮވިޗް ކުރުމުގެ އެތައް ތުހުމަތެއް މިހާރުވެސް ކުރެވިފައި އޮތް އިރު، ޗެލްސީ ނިސްބަތްވާ އިނގިރޭސިވިލާތަށް ވެސް މިހާރު އަބްރަމޮވިޗަށް ނޭރެވެއެވެ. އެއީ އިނގިރޭސިވިލާތާއި ރަޝިޔާއާ ޖެހިފައި އޮތް ޑިޕްލަމަސީ މައްސަލައެއްގެ ތެރެއިންނެވެ.
"ފިންސެންފައިލްސް"ގައި އަަބްރަމޮވިޗަށް ކޮށްފައިވާ އެންމެ ބޮޑު އެއް ތުހުމަތަކީ އިދިކޮޅު ޓީމުތަކުގެ ކުޅުންތެރިންނަށް ތާޑު ޕާޓީ އޯނާޝިޕް ދީ، އެ ކުޅުންތެރިންގެ މެޗުތަކުގެ އިތުރުން ފައިސާގެ ހުރިހާ ކަމަކަށް ނުފޫޒު ފޯރުވުމުގެ ތުހުމަތެވެ. ޓީޕީއޯ، ނުވަތަ ތާޑް ޕާޓީ އޯނާޝިޕްގެ ދަށުން ވާދަވެރި ކުޅުންތެރިންނަށް ނުފޫޒު ފޯރުވުމަށް އަބްރަމޮވިޗް ބޭނުން ކޮށްފައިވާ ކުންފުންޏަކީ ލެއިސްޓަން ހޯލްޑިންގްސްއެވެ.
އެ ކުންފުނީގައި އަބްރަމޮވިޗްގެ ބޮޑު ހިއްސާއެއް އޮންނަ އިރު، ކުންފުނީގެ ދަށުން ޓީޕީއޯ ނަގާފައިވާ ކުޅުންތެރިޔަކު ކުޅޭ ކްލަބަށްވުރެ، އެ ކުޅުންތެރިޔާގެ މައްޗަށް އަބްރަމޮވިޗްގެ ކުންފުނީގެ ނުފޫޒު ބޮޑެވެ. އެގޮތަށް ކޮންޓްރެކްޓްކޮށް، ކުޅުންތެރިން ވިއްކައިގެން ލިބޭ ފައިސާގެ އިތުރުން ކުޅުންތެރިންގެ އަމިއްލަ އެކި ކަންކަމަށް އަބްރަމޮވިޗް ނުފޫޒު ފޯރުވާފައިވާ ކަމަށް ރިޕޯޓުތައް ބުނެފައިވެއެވެ.
2014 ވަނަ އަހަރު ޗެލްސީން ކުޅުނު ޗެމްޕިއަންސް ލީގު މެޗެއްގައި ސްޕޯޓިން ލިޒްބަންއާ ދެކޮޮޅަށް ކުޅުނު އިރު، އޭރު ލިޒްބަންގެ 11 ކުޅުންތެރިޔަކީ ލެއިސްޓަންގެ އޯނާޝިޕް އޮންނަ ކުޅުންތެރިން ކަމަށް ރިޕޯޓުތައް ބުނެފައިވެއެވެ. އެ ކުޅުންތެރިންނަށް އެކި ގޮތްގޮތުން އަބްރަމޮވިޗަށް ނުފޫޒު ފޯރުވޭ ގޮތަށް އޮތް އިރު، އެ ކުޅުންތެރިން ޗެލްސީން ގެންދަން ބޭނުންވެއްޖެނަމަ، ޗެލްސީއަށް ފުރަތަމަ އިސްކަން ދިނުމަށް ހާއްސަ ޓްރާންސްފާ އެއްބަސްވުމެއް ވެސް އޮންނަ ކަމަށްވެއެވެ. އެފަދަ ކަންކަމަކީ ކުޅިވަރުގެ ރޫޙާ ހިލާފު ކަންތައްތަކެއް ކަމަށް ގިނަ ބަޔަކު ވަނީ ބުނެފައެވެ.
އެފަދަ ތުހުމަތުތަކާ ގުޅިގެން އަބްރަމޮވިޗްގެ ފަރާތުން ބުނެފައިވަނީ ޓީޕީއޯ ނަގައިގެން އޭނާ ކުޅުންތެރިން ގެންގުޅުނީ 2015 ވަނަ އަހަރުގެ ކުރިން ކަމަށާއި އޭގެ ކުރިން އެކަން މަނާކޮށްފައި އޮތީ އިނގިރޭސިވިލާތުގައި އެކަނި ކަމަށެވެ. އަދި އެކަން ފީފާއިން މަނާކުރި ފަހުން އެކަމަށް އެއްވެސް މުއާމަލާތެއް ކޮށްފައިނުވާ ކަމަށްވެސް އަބްރަމޮވިޗްގެ ފަރާތުން ބުނެފައިވެއެވެ.
އިނގިރޭސިވިލާތުގައި ޕްލޭޔާ އޯނާޝިޕް 2008 ވަނަ އަހަރުން ފެށިގެން މަނާކޮށްފައިވާ އިރު، 2015 ވަނަ އަހަރުން ފެށިގެން ފީފާއިން ވަނީ މުޅި ދުނިޔޭގައިވެސް އެކަން މަނާކޮށްފައެވެ.
އަބްރަމޮވިޗްގެ އަނެއް މައްސަލައެއްގެ ގޮތުގައި "ފިންސެފައިލްސް"އިން ފާހަގަކޮށްފައިވަނީ އިސްރާއީލުން މެދުއިރުމަތީގައި ފަލަސްތީނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކަށް، ބައެއް ޖަމާއަތްތަކަށް ފަންޑު ކުރުމެވެ. އެކަމަށް ބޮޑު އަދަދު ޓްރާންސެކްޝަންތައް ހަދާފައިވާ އިރު، އަބްރަމޮވިޗަށް ދީފާއިވާ އިސްރާއީލްގެ ސިޓިޒަންޝިޕަކީ އެކަމުގެ ހެއްކެއް ކަމަށް ބެލެވެއެވެ.
ޗެލްސީ
ޗެލްސީ
ޗެލްސީ
ޗެލްސީ