ޓެނިސް މާސްޓާސްގެ 36 ވަނަ ތަށްޓާއެކު އެންމެ ގިނަ މާސްޓާސް ޓައިޓަލް ހޯދި ޓެނިސް ކުޅުންތެރިޔަކަށް ސާބިއާގެ ނޮވަކް ޖޮކޮވިޗް ވެއްޖެއެވެ.

އުމުރުން 33 އަހަރުގެ ޖޮކޮވިޗް ރެކޯޑު ހެދީ ރޭ އިޓަލިއަން އޯޕެން ކާމިޔާބު ކޮށްގެންނެވެ. ފައިނަލްގައި ޖޮކޮވިޗް ޑިއޭގޯ ޝްވާޓްސްމާން ބަލިކުރީ 7-5 އަދި 6-3 އިން ސެޓުތައް ގެންގޮސްގެންނެވެ. ރޭގެ ފައިނަލަކީ ޔޫއެސް އޯޕަން ފައިނަލުން ޖޮކޮވިޗް ޑިސްކޮލިފައި ކުރިފަހުން އޭނާ ކުޅުނު ފުރަތަމަ ފައިނަލެވެ. އެ ފައިނަލުން ޖޮކޮވިޗް ޑިސްކޮލިފައި ކޮށްލީ ގަސްދުގައި އަމްޕަޔަރު ގައިގައި ބޯޅައިން ޖެހި ކަމަށް ބުނެއެވެ.

ރޭގެ ފައިނަލަށް ނުކުތްއިރު، ޖުމްލަ 35 މާސްޓާސް ތަށްޓާއެކު ޖޮކޮވިޗް އޮތީ ރަފޭލް ނަޑާލްއާ އެއްވަރެއްގައެވެ. ނަޑާލް 35 ތަށި ހޯދާފައިވާއިރު، ރޯޖާ ފެޑެރާ ހޯދީ 28 މާސްޓާސް ތަށްޓެވެ. އޭގެ ދަށުން ދެން އެންމެ ގިނަ ތަށި ހޯދާފައި ވަނީ އަންދްރޭ އަގާސީއެވެ. އެއީ 17 ތަށްޓެވެ. 14 ތަށްޓާއެކު އެންޑީ މުރޭއަށް ލިބެނީ ލިސްޓުގެ ފަސްވަނައެވެ.

ރެކޯޑަށްފަހު ޖޮކޮވިޗް ބުނެފައި ވަނީ ތަށްޓަަށް ވަރަށް އުފާވާ ކަމަށާއި، އޭނާގެ އެންމެ މޮޅު ކުޅުން ނުފެނުނު ނަމަވެސް، ކުރިއަތް އޮތް ތަނުގައި އަދިވެސް ރަނގަޅު ކުރާނެ ކަމަށެވެ. ޖޮކޮވިޗް އަންނަ ހަފްތާގައި ނުކުންނާނީ ފްރެންޗް އޯޕަން މުބާރާތަށެވެ.