ކޮވިޑް 19ގެ ބަލިމަޑުކަމާ ގުޅިގެން ދުނިޔެއަށް ކުރިމަތިވެފައިވާ އިގްތިސޯދީ ހާލަތުން އަރައިގަތުމަށް އ.ދ.ގެ ދައުރާއި، އެ ޖަމިއްޔާގެ ޗާޓަރުގެ މުހިންމުކަން ބޮޑުކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވީ، އދ.އަށް 75 އަހަރު ފުރޭ މުނާސަބާ ފާހަގަ ކުރުމުގެ ގޮތުން ވާޗުއަލްކޮށް މިރޭ ބޭއްވި ހާއްސަ ބައްދަލުވުމުގައި ދެއްވި ހިތޯބުގައެވެ.

ރައީސް ވިދާޅުވީ، ކޮވިޑުގެ ބަލިމަޑުކަމުގެ ސަބަބުން މުޅި ދުނިޔޭގެ އިގުތިސޯދަށް ވެސް ބޮޑެތި އަސަރުތަކެއްކޮށްފައިވާ ކަމަށާއި ކޮވިޑާއި ކޮވިޑުގެ ބަލިމަޑުކަމުން އަރައިގަތުމަށް ގައުމުތަކުން ކުރަމުން އަންނަ މަސައްކަތްތަކުގައި އެންމެ އިސް ދައުރެއް އަދާކުރާ އެކައްޗަކީ އދ.ގެ ޗާޓަރު ކަމަށެވެ.

"ރާއްޖެއިން އަޅަމުންގެންދާ ފިޔަވަޅުތަކާ އަމަލު ކުރަމުންދާ ސިޔާސަތުތަކަކީ، އެ ޗާޓަރުގައި އެކަށައަޅާފައިވާ އަސާސްތަކާ އެއްގޮތްވާ ގޮތުގެ މަތީން ކުރަމުންދާ މަސައްކަތްތަކެއް،" ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ވިދާޅުވީ، މުޅި ދުނިޔެއަށްވެސް ކުރިމަތިވެފައިވާ ކޮވިޑުގެ ބަލިމަޑުކަމުގެ އަސަރު އެންމެ ބޮޑަށް ކުރާނީ ރާއްޖެ ފަދަ ކުދި ގައުމުތަކަށް ކަމަށާއި އެހެންކަމުން އެ ގައުމުތަކުގެ އިގުތިސޯދު ނަގަހައްޓައި ސިނާއީ ދާއިރާތައް ކުރިއެރުވުމުގައި ބައިނަލްއަގުވާމީ މުޖުމަތައުގެ އެހީތެރިކަމާއި އެއްބާރުލުން ވަރަށް ބޮޑަށް ބޭނުންވާ ކަމަށެވެ.

ރާއްޖެއަކީ މޫސުމީ ބަދަލުތަކާއި ކޮވިޑް 19ގެ ބަލިމަޑުކަން ފަދަ ދުނިޔެއަށް ކުރިމަތިވެފައިވާ ބޮޑެތި މައްސަލަތަކަށް ހައްލު ހޯދުމުގައި އެހެން ގައުމުތަކާ ގުޅިގެން މަސައްކަތްކުރާ ގައުމެއް ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

ދިވެހިރާއްޖެއަކީ އދ. މެންބަރު ގައުމެއްގެ ގޮތުގައި ކަނޑައެޅުމަށް ސަލާމަތީ މަޖިލީހުން ނިންމާފައިވަނީ 1965 ސެޕްޓެންބަރު މަހުގެ 20 ވަނަ ދުވަހު ފާސްކުރި އެ މަޖިލީހުގެ ރިޒޮލިއުޝަން 212 ގެ ދަށުންނެވެ.

ރާއްޖެއަށް ރަސްމީކޮށް އދ. މެންބަރުކަން ލިބުނީ 1965 ސެޕްޓެންބަރު މަހުގެ 21 ވަނަ ދުވަހުއެވެ. އދ. ވުޖޫދަށް އައިސްފައިވަނީ 1945 ވަނަ އަހަރުއެވެ.