ދުނިޔެ

ހަ މަހަށްފަހު ތާޖު މަހަލް އަލުން ހުޅުވައިފި

މުހައްމަދު އައުޒަމް

ހަ މަސްދުވަހުގެ ބަންދަކަށް ފަހު އިންޑިއާގެ އެންމެ މަޝްހޫރު ބިނާ، ތާޖު މަހަލް އަލުން ހުޅުވާލައިފި އެވެ.

ތާޖު މަހަލް އާންމުންނަށް ބަންދުކުރީ ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް މިދިޔަ މާޗް މަހު މުޅި އިންޑިއާ ލޮކްޑައަކަށް ދިއުމުންނެވެ. އަދި މިވޭތުވި ހަ މަސް ދުވަހަކީ މުޅި ތާރީހުގައި ވެސް ތާޖު މަހަލް ބަންދުކޮށްފައި ބެހެއްޓި އެންމެ ދިގު މުއްދަތެވެ.

ތާޖު މަހަލް އަލުން ހުޅުވާލި ނަމަވެސް ސަލާމަތީ ގޮތުން ވަނީ ވަރުގަދަ ފިޔަވަޅުތަކެއް އަޅައިފަ އެވެ. އެގޮތުން ގުރޫޕް ފޮޓޯ ނެގުން މަނާކޮށްފައިވާއިރު ފިނިހޫނުމިން ބަލާ މަރުކަޒުތަކެއް އެތަނުގައި ވަނީ ހަދައިފަ އެވެ. އަދި އެ ސަރަހައްދަށް ވަންނަ ޓިކެޓް ވެސް ޑިޖިޓަލް ކުރުމަށް ވަނީ ނިންމައިފަ އެވެ.

އޭގެ އިތުރުން ތާޖު މަހަލް އަށް ވަނުމަށް ހުއްދަދޭ އަދަދު ވަނީ 5،000 ދަށްކޮށްފަ އެވެ. މީގެ ކުރިން އެވްރެޖްކޮށް އެތަނަށް ދުވާލަކު 70،000 މީހުން ޒިޔާރަތްކުރެ އެވެ.