(ތިރީސްވަނަ ބައި)

"ދެން އާ މެނޭޖަރެއްތަ ހޮޓެލަށް ލާން ތިއުޅެނީ ދޮންބޭ؟"

ޔުނާ އެ ސުވާލުކޮށްލީ އޭނަ ކައިރީގައި ކާރުގެ ޑްރައިވަރު ސީޓުގައި އިން ޔަޒްދާން ގާތުގައެވެ.

"ހުމް.... ކުރީގަ އުޅުނު ވިޝާލް ހަމަ ކުއްލި ގޮތަކަށް ރިޒައިން ކުރީ. ޕާރސަނަލް ރީޒަންސްއޭ ކިޔާފަ ރަނގަޅަށް ސަބަބުވެސް ބުނެ ނުދީ ދިޔައީ. ހިތްހަމަނުޖެހޭ ކަމެއް ދިމާވީ ކަންނޭނގެ އޮފީސް ތެރެއިން. އަދި އެކަން ރަނގަޅަށް ސާފުކުރަންވެފަ އޮތީ.... އެނީވޭސް މިރޭ އެ މަޤާމު ޙަވާލުކުރަން މިއުޅޭ ޔޫސުފްއަކީ ވެސް ރަނގަޅު މީހެއް. އެ ދާއިރާއިން ކިޔަވައިގެން ތަޖުރިބާ ވެސް ހުރި ޒުވާނެއް. ޔޫސުފް ހޮވަން އިސްތިޚާރާ ވެސް ނުކުރެވި ހުރީ ބިޒީވީމަ. ލެޓްސް ހޯޕްދޯ ދެން ރަނގަޅުވާނެ ކަމަށް...." ޔަޒްދާން ޔުނާއަށް ލުއި ނަޒަރުތަކެއް ދެމުން ވާހަކަ ދެއްކިއެވެ.

"އެއްކަލަ އިސްތިހާރެއްގެ ވާހަކަ! އަޅާ ކޮންމެ ފިޔަވަޅަކަށް ތިކަން ކުރާކަށް ނުޖެހޭނެއޭ ދޮންބޭ! ޖަސްޓް ފޮލޯ ޔުއާރ އިންސްޓިންކްޓް...." ޔުނާ ހިސާބެއްގެ ނުރުހުންތެރިކަމާއެކީ ބުނެލިއެވެ. ޔުނާ އެ ވާހަކަ ބުނެލި ގޮތުން ޔަޒްދާން ލުއިގޮތަކަށް ހީލިއެވެ.

"އަހަރުމެންގެ އިންސްޓިންކްޓަކީ އަބަދު ބަދަލުވޭވެ ހުންނަ އެއްޗެއްދޯ؟ އެއަށްވުރެ ކިހާ ފަސޭހަ ހުރިހާ ކަމެއް މޮޅަށް ދެނެވޮޑިގެންވާ ފަރާތުގެ އެހީ ހޯދިއްޔާ؟ އަހަރުމެން ނިންމާ ކޮންމެ ބޮޑު ނިންމުމެ....." ޔަޒްދާންގެ ވާހަކަ މެދުކެނޑުނެވެ.

"ޔެސް ޔެސް ދޮންބޭ! ތި ވާހަކަ ހާސް ފަހަރު އިވިއްޖެ ދެން އަޑު އަހާކަށް ބޭނުމެއްނޫން! ލެޓްސް ޖަސްޓް ގޯ އޯކޭ؟" ޔުނާ ހަމަ އެ ނުރުހުންތެރިކަމާއެކީ ބުންޏެވެ. ދީނީ ކަންކަމާމެދު ޔުނާގެ ނަޒަރިއްޔާތު ހުރިގޮތުން ޔަޒްދާން އާދައިގެ މަތިން މާޔޫސްވިއެއްކަމަކު އެވަގުތުވެސް ހިނިތުންވެލީ ޔުނާއަށް ހިދާޔަތް އިތުރު ކޮށްދެއްވުމަށް އެދި ހިތާހިތުން ދުޢާ ކުރަމުންނެވެ.

ޔުނާ ގޮވައިގެން ޔަޒްދާން ދިޔައީ ޕެރެމައުންޓް ހޮޓެލްގެ އާ ޢިމާރާތް ހުޅުވުމުގެ ރަސްމިއްޔާތަށެވެ. ޔަޒްދާން ދިޔުމާއި އެކުހެން ޙަފްލާއަށް ވަޑައިގެންނެވި ޚާއްޞަ މެހުމާނު ޢިމާރާތުގެ ދޮރުގައި ހުރި ރިބަން ކެނޑިއެވެ.

ޙަފްލާ ބޭއްވިގެން ދިޔައީ ޢިމާރާތުގެ ގްރައުންޑް ފްލޯގައި ހުރި ބޮޑު ހޯލެއްގައެވެ. ހޯލުގައި ރޭވިފައި ހުރި ގޮނޑިތަކުގެ ތެރެއިން ގޮނޑިއެއްގައި އިން ޔުނާ، ޕޯޑިއަމްގައި ވާހަކަ ދައްކަން ހުރި ދޮންބެގެ ފޮޓޯތައް ނުހަނު ފޯރިއާއެކީ ފޯނުން ނަގަމުން ދިޔައެވެ. އޭރު ޙަފްލާ ނިމުމަކާއި ގާތްވަމުން ދިޔައެވެ. ހޮޓެލްގެ މެނޭޖަރަކަށް ހޮވި ޔޫސުފް ވެސް އެންމެންނަށް ތަޢާރަފުވެގެން ގޮއްސިއެވެ. ޔޫސުފް ހޮޓެލާއި ގުޅުމުގެ ކުރިން ބޭރު ޤައުމުތަކުގައި ވެސް މަސައްކަތް ކޮށްފައި ހުރި ވާހަކަ އިވުމުން ޔުނާ ހިސާބަކަށް ޙައިރާންވިއެވެ. ޔޫސުފް ދެންވެސް ބޭރުގައި ހުރެގެން ކުރި އަރައިގެން ނުދިޔައީ ކީއްވެތޯ ހިތަށްއެރިއެވެ. އޭނަގެ ޢާއިލާގެ ވާހަކަ ދެއްކިއިރު ވެސް މިކޮޅުގައި އޭނަ ވަކި ހުންނަން ޖެހޭ ސަބަބެއް ނުއެއް އިވުނެވެ.

ކޮންމެ ގޮތެއްވިޔަސް ޔުނާ އެކަމާއިމެދު މާ ބޮޑަށް ނުވިސްނައެވެ. ބަދަލުގައި އޭނަ ދެންމެ ނެގި ދޮންބެގެ ފޮޓޯތައް ޖިނާހަށް ފޮނުވަން ޚިޔާލުކުރިއެވެ. ދޮންބެ ގާތު ޖިނާހުގެ ވާހަކަ ބުނެވިފައި ނުވިޔަސް ޖިނާހު ގާތު އޭނަގެ ދޮންބެގެ ވާހަކަތައް ޔުނާ ކިޔައި ދީފައިވާނެއެވެ. އެދެމެދުގައި ވީހާވެސް ގާތް ގުޅުމެއް އޮތުމަކީ ޔުނާގެ އެދުމަކަށްވީތީވެއެވެ. ފަހު ފަހަރަށް ދޮންބެގެ ފޮޓޯ ނަގަމުން ފޯނު ތިރި ކުރި ވަގުތު ކުރީ ސަފުގައި ރޭވިފައި ހުރި ގޮނޑިތަކުން މީހަކު ތެދުވިހެން ހީވުމުން ޔުނާއަށް އެދިމާލަށް ބަލައިލެވުނެވެ. އެހިނދު ޔޫސުފް އެތަނުން ތެދުވެގެން ހޯލުން ނިކުންނަން ދިމާކުރި މަންޒަރު ޔުނާއަށް ފެނުނެވެ. އެކަމާމެދު ވެސް ހިސާބަކަށް ޙައިރާންވިއެއްކަމަކު އަޅާލުމެއްނެތި އޭނަގެ ފޯނަށް ސަމާލުކަން ދިނެވެ.

ވަޓްސްއެޕް ހުޅުވާލަމުން ޖިނާހުގެ ޗެޓް ލޮގް ހުޅުވާލީ ދޮންބެގެ ފޮޓޯތައް ފޮނުވައި އޭނަ ހުރިތަނާއި ބެހޭގޮތުން ޖިނާހާއި ވާހަކަ ދައްކާލުމަށެވެ. ޙަފްލާގެ ތެރެއިން ދެ ތިން ފޮޓޯ ފޮނުވާލުމުން ފޮޓޯތައް ޑެލިވާވިކަމަށް އެރިއެއްކަމަކު ޖިނާހަށް އެ ފެނުނު ކަމުގެ ޢިޝާރާތެއް ނުފެނުނެވެ. މިނެޓްތަކެއް ފަހުން އަނެއްކާވެސް ފޯނު ބަލައިލިއިރު ޖިނާހަށް ހުރީ އެ މެސެޖުތައް ފެނިފައެވެ. އެހެނަސް އެއަށް ރިޕްލައިއެއް ދީފައި ނެތުމުން ޔުނާއަށް ވިސްނައިލެވުނެވެ. އެ ދުވަސްކޮޅު ޖިނާހު އޭނަގެ މެސެޖަކަށް ޖަވާބު ނުދެވޭނެހާ ބުރައެއް ނުވާނެއެވެ. އެހެނީ އޭނަ ފަދައިން ޖިނާހުވެސް އެދުވަސްކޮޅު ވަނީ ޔުނިވާސިޓީގެ ޗުއްޓީ ދުވަސްވަރެއްގައެވެ. އަދި އަމުދުން ރޭގަނޑުގެ އެ ވަގުތަކީ ޖިނާހު ޢާއްމުގޮތެއްގައި އޭނައަށް މެސެޖުކުރާ ވަގުތު ކަމަށްވުމުން ޔުނާއަށް ފޯނުގެ ސްކްރީނާއި ދިމާލަށް ބަލަން އިނދެވުނެވެ.

އިރުކޮޅެއްވުމުން ވެސް ޖިނާހުގެ ޖަވާބެއް ނުލިބުމުން ޔުނާ ޖިނާހަށް ގުޅާލަން ނިންމިއެވެ. މުޅި އެދުވަހު ވެސް އެދެމެދުގައި ވާހަކައެއް ދެކެވިފައި ނުވާތީ އެވަގުތު ކުރު ގޮތަކަށް ވިޔަސް ޖިނާހުގެ އަޑު އަހައި ޖިނާހާއި ވާހަކަ ދައްކާލަން ބޭނުންވުމުންނެވެ.

ޔުނާ ފޯނާއި އެކީ ތެދުވެލަމުން ހިނގައިގަތީ ހިނިތުންވުމަކާއި އެކީގައެވެ. ޖިނާހު އޭނަގެ މެސެޖަށް ޖަވާބު ނުދިނުމުން ކުރާނެ ސަމާސާއަކާއިމެދު ވިސްނަމުން ޔުނާ ޖިނާހުގެ ނަންބަރަށް ގުޅައި ފޯނު ކަންފަތުގައި ޖައްސައިލިއެވެ. އޭގެ މާ ގިނައިރެއްނުވެ އެމްސްޓާޑަމްގެ އެ ނަންބަރު ބިޒީކަމަށް އެކޮޅުން ބުނަން ފެށުމުން ޔުނާގެ ދެބުމަ ކައިރިވިއެވެ. ޔުނާ ފޯނު ކަންފަތުން ނަގާލި ވަގުތަކީ އޭނައަށް ހޯލުން ނިކުމެވުނު ވަގުތެވެ. ހޯލުން ނިކުމެވެސް ދެވަނަ ފަހަރަށް ޖިނާހުގެ ނަންބަރަށް ގުޅައި ކަންފަތުގައި ޖައްސައިލިއެވެ. އެއާއެކު އަނެއްކާވެސް އެ ނަންބަރު ބިޒީކަމަށް ބުނާ ވާހަކަ އިވެން ފެށި ވަގުތު ޔުނާއަށް އެހެން މީހެއްގެ އަޑު ވެސް އިވުނެވެ.

"ހެހެހެ..... އާނ ދެން މިއީ މިހާރު ޕެރެމައުންޓް ހޮޓެލްގެ މެނޭޖަރު. މި މަޤާމުގަ ހުރެގެން އަހަންނަށް ކުރިއަށް ދެވިއްޖެއްޔާ އަހަރެއްހާ ދުވަހުގެ ތެރޭގަ އަހަރުމެން ކާމިޔާބުވާނެ..."

ޔުނާ އެއްފަރާތަކަށް ނަޒަރު ހިންގާލިއިރު އޭނައާއި ތަންކޮޅެއް ދުރު ހިސާބެއްގައި ފަސްދީގެން ވާހަކަ ދައްކަން ހުރި ޔޫސުފް ފެނުނެވެ. އެއާއިއެކު ޔުނާއަށް ޙައިރާންކަމެއް ލިބުނެވެ. ޔޫސުފް އެ ދެއްކީ ކޮން ކާމިޔާބީއެއްގެ ވާހަކަތޯ ހިތަށްއެރިއެވެ. އެއީ ޔޫސުފްގެ ޒާތީ ޙަޔާތާއި ގުޅޭ ކާމިޔާބީއަކަށް ވެދާނެ ކަމަށް ހިތް ބުންޏެއްކަމަކު ޔޫސުފް އެ ވާހަކަ ދެއްކި ރާގުން ޔުނާ ހިތްހަމަނުޖެހުނެވެ.

"އާނއެކޭ! އަހަރެންހެން ނާހުއަށް ވެސް ފައިދާ ކުރާނެއޭ މި ރޭވުމުން. ނޯ ވޮރީސް!" ޔޫސުފް ބުންޏެވެ. އޭނަގެ އެ ވާހަކައިގެ ތެރެއިން އިވުނު ނަމަކުން ޔުނާގެ މެއަށް ފިނިވެގެން ދިޔައެވެ. 'ނާހު' އަކީ ޖިނާހަށް ޢާއްމު ގޮތެއްގައި މީހުން ގޮވައި އުޅޭ ކުރު ނަމެވެ. ކަންފަތުން ފޯނު ނަގާލަމުން ފޯނުގެ ސްކްރީނަށް ބަލައިލެވުނީ އިޚްތިޔާރަކާއި ނުލައެވެ. އެ ސްކްރީނުން ވެސް ޖިނާހުގެ ކުރު ނަން ފެނި އެ ނަންބަރު ބިޒީކަމަށް ފެންނަމުން ދިޔަދިޔަހެން ޔުނާއަށް ދެވަނަ ފަހަރަށް ވެސް ޔޫސުފްއަށް ބަލައިލެވުނެވެ. އެވަގުތަކީ ޔޫސުފް އޭނަގެ ކޯލަށް އޯކޭ ދެމުން ފޯނު ކަންފަތުން ނަގައި ފަސްއެނބުރެމުން ދިޔަ ވަގުތެވެ. ޚުޝިޔާރުކަމާއެކީ ޔޫސުފްއަށް އޭނަ ފެނުމުގެ ކުރިން އަނެއްފަރާތަށް ޔުނާ އެނބުރިލިއެވެ.

ޔޫސުފް ނުފެނުނު ކަމުގައި ވިޔަސް ޔޫސުފް ހޯލަށް ވަދެގެން ދިޔައީ އޭނައަށް ބަލަމުން ބަލަމުން ހެން ޔުނާއަށް ހީވީ ކީއްވެކަމެއް ނޭނގުނެވެ. ޔޫސުފް ހޯލަށް ވަން ވަގުތަކީ ޔުނާގެ ފޯނު ރިންގުވާން ފެށި ވަގުތެވެ. ސްކްރީނުން 'ނާހު' ގެ ނަން ފެނިފައި ޔުނާއަށް ފޯނު ނަގައި ކަންފަތުގައި ޖައްސާލެވުނެވެ.

"ހައި ލޯބި.... ސޮރީ ފޯނު ނުނެގުނީތީ. ފްރެންޑަކަށް ގުޅައިގެން ދެންމެ ހުރީ...." ޖިނާހު ބުންޏެވެ.

"ކޮން ފްރެންޑަކަށް؟" ޔުނާއަށް ދެވަނަ ވިސްނުމެއްވެސް ނެތި އަހާލެވުނެވެ.

"އެއީ..... ޖޭމްސް. މިރޭ މިއުޅެނީ ޖޭމްސްއާއެކީ ޑިނާއަކަށް ދާންވެގެން..."

**

"ކޮން ކަނެކްޝަންތަކެއް؟" ކުރިމަތީގައި އިން ޔޫސުފްއާއި ޔުނާ އެ ސުވާލުކޮށްލި ވަގުތު އޭނައަށް ނުހަނު ސާފުކޮށް ސިފަވަމުން ދިޔައީ މީގެ އެއްއަހަރު ކުރި ހިނގައި ދިޔަ އެ ކަންތަކެވެ.

އެރޭ ޔުނާ އިތުރަށް ވެސް ޖިނާހާއި ސުވާލުތަކެއް ކޮށްފައިވެއެވެ. ޖިނާހަށް ޔޫސުފް އެނގޭތޯ ބަލަން މަސައްކަތް ކުރިއެވެ. އެހެނަސް ޖިނާހަށް އެ ނަން ކިޔާ މީހަކުވެސް އެނގޭ ކަމަކަށް ނުވިއެވެ. ޔުނާ މި ވާހަކަތައް ދޮންބެއާ ވެސް ޙިއްސާކުރިއެވެ. އެއަށް ޖިނާހުގެ ވާހަކަ އިތުރުކުރުމެއް ނެތިއެވެ. ކިރިޔާވެސް ޖިނާހާއި ބެހޭގޮތުން ނުބައި ހީކުރުމެއް ދޮންބެ ލައްވާ ހީކުރުވަން ބޭނުމެއް ނުވުމުންނެވެ. ދޮންބެ ވަނީ އޭނަ ބުނި އެއްޗެއްގެ މައްޗަށް ބުރަވެ ޔޫސުފްގެ މަސައްކަތް ނުހަނު ގާތުން ބަލާފައެވެ. ޔޫސުފް މިއަދާއި ޖެހެންދެން ވެސް އެ މަޤާމުގައި ހުރީ ޔޫސުފްގެ ފަރާތުން ޝައްކު އުފެދޭ ފަދަ ޢަމަލެއް ދޮންބެއަށް ފެނިފައި ނެތުމުންނެވެ. ދޮންބެ އެ ވާހަކަ ބުނުމުން ޔުނާވެސް ހިތްހަމަޖައްސާލައިގެން ހުރީ ޖިނާހާއި މެދު ޚުދު އޭނަވެސް އޭރު ޝައްކުކުރަން ބޭނުމެއް ނުވުމުންނެވެ.

އެހެނަސް މިއަދު ޔޫސުފްގެ ރާގު ހުރިގޮތުން އަނެއްކާވެސް އެދުވަސް މަތިން ހަނދާންކުރަން ޔުނާއަށް މަޖުބޫރުވެއްޖެއެވެ. ޖިނާހަށްޓަކައި ހިތުގައި އޮތް ލޯތްބާއެކީ ލޯމަތީގައި އެޅިފައިވި ފަރުދާވެސް މިއަދު ވަނީ ކެހިގެން ގޮސްފައެވެ. ޖިނާހުގެ ބައްޕަ ލަބީބްގެ ޒާތްވެސް ހަނދާންވެފައި ޔުނާއަށް އިތުރަށް ވާހަކަ ދެކެވުނެވެ.

"އަނެއްކާ އެހެނިހެން ބޮޑެތި ކުންފުނިން ހަދާހެން ސިޔާސީ ކަނެކްޝަންތަކެއް ބާއްވާ ވާހަކަތޯ ތި ދައްކަވަނީ؟ އެއީ މި ހޮޓެލްތައް ކޮޅަށް ނެންގެވި މި ހޮޓެލްތަކުގެ ޙަޤީޤީ ވެރި ފަރާތް އެއްގޮތަކަށް ވެސް އެދިލައްވާނެ ގޮތެއް ނޫން ކަންނޭނގެ ދެއްތޯ؟" ޔުނާ ދެލޯ ހަނިކޮށްގެން އިނދެ ބުނެލިއެވެ.

ޔޫސުފް ޔުނާގެ އެ ވާހަކައަށް ވެސް މަލާމާތުގެ ޒާތަކަށް ހީލިއެވެ.

"އެކަހަލަ ކަނެކްޝަނެއްގެ ވާހަކައެއް ނޫން މިދައްކަނީ. އެއަށްވުރެ މާ ޕަވާރފުލް ކަނެކްޝަންތަކެއްގެ ވާހަކަ މި ދައްކަނީ. ހެހެ..... ޔުނާ މޭމް ބައްލަވަން ހުންނަވައްޗޭ. މަދު މަސްތަކުގެ ތެރޭގަ ޕެރެމައުންޓް ބިޒްނަސްގެ ތެރޭގަ ހިމެނޭނީ ހަމައެކަނި ހޮޓެލެއް ނޫން. މި ބިޒްނަސް ފުޅާކޮށް ރިސޯޓްތަކާއި އެހެނިހެން ތަންތަން ވެސް އުފެދިގެންދާނެ..... އަޅުގަނޑަށް އަސްލު ފެންނަނީ ޔުނާ މޭމް މި މަޤާމުން މުޅިން ދުރުވެ އަޅުގަނޑާއި ޙަވާލުކުރަން. އޭރުން މޭމްއަށް ވެސް މޭމްގެ ފިރިމީހާއަށް ގިނަ ވަގުތު ދެވި މޭމްގެ އަސްލު ކެރިއާއަށް ފޯކަސް ކުރެވޭނެ ނޫންތޯ؟" ޔޫސުފް ފަހު ކޮޅުން ދެއްކި ވާހަކައިން އޭނައަކީ ޔުނާއަށް ނުހަނު ހެޔޮ އެދޭ މީހެއްހެން އަޑު އަހާ މީހަކަށް ހީވެދާނެއެވެ. އެހެނަސް ޔޫސުފްގެ އެ ހިނިތުންވުމުގެ ފަހަތުގައި ނުބައި ނިޔަތެއްވާކަމަށް ތަކުރާރުކޮށް ޔުނާގެ ހިތް ބުނަން ފެށިއެވެ.

"މި ހޮޓެލަކީ އަޅުގަނޑުގެ ދޮންބެ އަޅުގަނޑާއި ޙަވާލުކުރި އަމާނާތެއް. އެ އަމާނާތް އަދާކުރަން އަޅުގަނޑު ވަކި ތި ގޮނޑި ބޭނުމެއްނޫން. ކޮންމެ މަޤާމެއްގައި ހުއްޓަސް މި ހޮޓެލް ހިންގެނީ ދޮންބެ އެދިފައިވާ ގޮތަށްތޯ އަހަރެން ޔަޤީންކުރާނަން..... އިން ޝާ ﷲ!" ޔުނާ ސާބިތުކަމާއެކީ ބުނެލިއެވެ. އެ ފަހު ބަސްތަކަކީ އޭނަ ޢާއްމު ގޮތެއްގައި ބޭނުންކުރާ ބަސްތަކަކަށް ނުވިޔަސް އެހެން ބުނެލެވުނީ ދޮންބެ މަތިން ހަނދާންކުރުމުންނެވެ.

ޔުނާ ބުނި ބަސްތަކަށް ޔޫސުފް އަނގައަށް ގޮތެއް ހަދާލި ގޮތުން ޔުނާގެ ރުޅި ގަދަވުން ނޫންކަމެއް ނުވިއެވެ. އެވަގުތު އެތާ ހުރެވިއްޖެނަމަ ގޯހެއް ހެދި ދާނެތީ ޔުނާ ވަގުތުން ގޮނޑިން ތެދުވެގެން ދާން ހިނގައިގަތެވެ.

**

އޭގެ ގަޑިއިރެއްހާއިރު ފަހުން ޔުނާއާއި ޒިހާން ތިބީ ވެލާނާ އިންޓަނޭޝަނަލް އެއާރޕޯޓުގެ ތެރޭގައި ހުރި ކޮފީ ކްލަބް ކެފޭގައެވެ.

ޒިހާން އޭރު ހޮޓެލަށް އަނބުރާ އައިސް އެމީހުން ހިފި ކޮޓަރިއަށް ދިޔަ މަގުމަތީގައި އެތާހުރި ލިފްޓުން ނިކުތް ޔުނާ ފެނުނެވެ. ޔުނާ ފިޔަވަޅުތައް ނެގިލެއް ދިގުކަމުން އޭނަ ގޮސް ޒިހާންގެ ގައިގައި ނުޖެހުނީ ވެސް ކިރިޔާއެވެ. ޔުނާގެ މޫނުމަތިން ނުރުހުންތެރިކަން ފާޅުވަމުން ދިޔަ ގޮތުން ޒިހާން އެކަމާއިމެދު ސުވާލުކުރިއެވެ.

"އޮފީހުގަ މައްސަލައެއް ޖެހުނީތަ؟" ޔުނާ ކޮޓަރިއަށް ދާން ހިނގައިގަތުމުން އެއްހަމަ ކުރަމުން ޒިހާން ސުވާލުކުރިއެވެ.

"އާނ..... މިގަޑީގަ އެ ވާހަކަ ދައްކާކަށް ބޭނުމެއްނޫން. ހިނގާދޯ ފުރަން ތައްޔާރުވާން؟ ދެން މާ ގިނަ ވަގުތެއްނެތް." ޔުނާ އެހެން ބުނަމުން ގޮސް ކޮޓަރިއަށް ވަނެވެ.

ޔުނާ އެހެން ބުނެފައިވުމުން ޒިހާން އިތުރަށް އެ ސުވާލުކުރަން ނުއުޅުނެވެ. ޝިއުސްގެ ފަރާތުން އިވުނު ވާހަކައަށް ފަހު ހިތުގެ ހަމަޖެހުން ގެއްލި އެ އޮފީހުގައި ހިނގާ ކަންތައް މާ ބޮޑަށް ވެސް އެނގެން ބޭނުންވުމުންނެވެ. ޔުނާ ނުރައްކަލެއްގައި ވެދާނެކަމުގެ ބިރާއި އެކީގައިވެސްމެއެވެ.

އެހެނަސް އެއާރޕޯޓާއި ހަމައަށް ދެވެންދެން ވެސް އޭނަ ކަންބޮޑުވާކަމުގެ ހިލަމެއް ވެސް ޒިހާން ދައްކައެއް ނުލައެވެ. ބަދަލުގައި ހިތްހަމަނުޖެހިފައި ހުރި ޔުނާ ހެއްވާލެވޭތޯ ދޭތެރެދޭތެރެއިން މަސައްކަތް ކުރަމުން ދިޔައެވެ. ޔުނާ ހިތްހަމަނުޖެހިފައިވަނީ ހޮޓެލަށް ލިބުނު ގެއްލުމަކާއިމެދު ކަމަށްވާނަމަ އެހެންނޫނީ މުވައްޒަފެއްގެ ފަރުވާ ކުޑަ ޢަމަލެއްގެ ސަބަބުން ކަމަށްވާނަމަ މާ ގިނައިރެއް ނުވެ ޔުނާގެ ތަބީޢަތް ރަނގަޅުވާނެކަމަށް ޒިހާނަށް ނިންމިފައިވިއެވެ.

ނަމަވެސް ޒިހާން ހީކުރި ގޮތަކަށް ނުވިއެވެ. އޭނަ ކުރިހާ ސަމާސާތަކަށް ޔުނާ ޖަވާބުތަކެއް ދީ ލުއި ހީލުންތަކެއް ދެމުން ދިޔައެއްކަމަކު ކޮފީ ކްލަބްގެ މޭޒުދޮށުގައި އިން ވަގުތު ވެސް ޔުނާ ވަނީ ބޮޑު ފިކުރެއްގައިކަން ޒިހާނަށް ނަގައިގަނެވުނެވެ. އެހެންކަމުން ޒިހާން އެ ފިކުރަކާއިމެދު ޔުނާއާ ވާހަކަ ދައްކާލަން ނިންމިއެވެ. އެކަން ކުރަން ވެސް ޒިހާން ނިންމީ ސަމާސާވެރި ގޮތަކަށެވެ.

ޔުނާގެ ސަމާލުކަން ހޯދުމަށް ޒިހާން ލަސްލަހުން ޔުނާގެ ކުރިމަތީގައި އެންމެ އެތިކޮޅެއް ކައިފައި ހުރި ކޭކު ތަށި މޭޒުގެ މެދަށް ޖެއްސިއެވެ. އެއަށްފަހު އެއްފަރާތަކަށް ޖެހިލަމުން ކޭކުގެ ފަހަތުން އެތާ ވަށައިގެން ހުރި ބޮޑު ބިއްލޫރި ދޮރުތައް އަރާނެހެން ފޮޓޯ ނެގުމަށް ފޯނު ދިއްކޮށްލިއެވެ.

"ހަހް! ޒިހާން ވެސް ފޮޓޯ ނަގަން ތިހާވަރު ވަންތަ؟ ސޯ ނޮޓް ލައިކް ޔޫ!" ޔުނާ ޒިހާނަށް ބަލަން އިނދެއިނދެފައި ބުނެލިއެވެ.

"މި ކޭކުކޮޅު ހުރިގޮތުން ހަމަ ނުހުރެވުނީއޭ..... ކިހިނެއް މީތި ނުކައި ތިހުންނަނީ؟ ޔުނާ ތިހެން އިންދާ މަށަށް ކެވިދާނެ..." ޒިހާން އޭނަ ނެގި ފޮޓޯ ބަލައި އަނެއްކާވެސް ސީދާވެލަމުން ބުނެލިއެވެ. އެއާއިއެކު ޔުނާ ހީލުމުން ޒިހާންގެ މުރާދު ޙާޞިލުވިއެވެ.

"ހެހެ.... ޒިހާން ވެސް ތިއީ އަމިއްލައަށް އޯޑަރު ކުރާ އެއްޗެއްސަށްވުރެ ކުރިމަތީގަ ހުރި މީހާ އޯޑަރު ކުރި އެއްޗެހި މީރުވެގެން އުޅޭ މީހެއްދޯ؟ އަހަރެންގެ ފްރެންޑަކު ގެންގުޅޭ ތިއަރީއެއް ބުނާ ގޮތުން އެކަހަލަ މީހުން މެރީ ކުރުމަށްފަހު ވެސް އެހެން....." ޔުނާއަށް ސަމާސާވެރި ޒާތަކަށް ވާހަކަ ދައްކަމުން ގޮސް އެހާ ހިސާބުން މަޑުކޮށްލެވުނެވެ. ޒިހާނަކީ އެކުވެރިއެއްގެ ގޮތުގައި ފެންނަ ވަރުން ކޮންމެ ފަދަ ވާހަކައެއް ވެސް ޒިހާން ގާތުގައި ދެކެވެނީއެވެ. އެހެނަސް މިއަދު އެދެމީހުންނަކީ ދެމަފިރިންނަށް ވިޔަސް އޭނަ ދެންމެ ބުނި ފަދަ ސަމާސާއެއް ކުރެވޭ ވަރަށް އަދި ދެމީހުން ގާތެއްނޫނެވެ.

ޔުނާގެ ވާހަކަ މެދުކެނޑުމަށްފަހު އައި ހިމޭންކަމުގެ ވަގުތުކޮޅަށް ނިމުމެއް ގެނައީ ހެވިފައި އިން ޒިހާނެވެ.

"މެރީ ކުރުމަށްފަހު ވެސް އެހެން މީހަކު މެރީ ކުރާ ކުއްޖަކަށް ހިތްކިޔަނީ؟ ހެހެ.... މަޖާ ޖޯކެއް. އެކަމަކު އަހަރެން ޢާއްމުގޮތެއްގަ ނިންމާ ނިންމުންތަކާމެދު ހިތާމައެއް ނުކުރަން..... ވަކިން ޚާއްޞަކޮށް އެހާ ގިނަ އަހަރު ވަންދެން ކޮންސިޑާރކޮށްފަ އިސްތިޚާރާވެސް ކޮށްފަ ނިންމާ ނިންމުންތައް. އެހެންނޫނަސް މަ ދެން ކޮން ތަނަކުން ޔުނާ ކަހަލަ ރީތި، ސްމާޓް އަދި އަޚްލާޤް ރަނގަޅު ކުއްޖަކު ހޯދާނީ؟" ޒިހާން ހުވަފެނީ ގޮތަކަށް ޔުނާއަށް ބަލަން އިނދެ ރާގަކަށް ބުނެލިއެވެ.

"ހުމް..... ރީތި އަދި ސްމާޓް. ތި ދެ ބައި ޤަބޫލުކޮށްފާނަން. އަޚްލާޤާއިމެދު ޔަޤީނެއްނޫން. ހަހަ!" ޔުނާއަށް ހީލެވުނެވެ. ކިތަންމެ ނޫންކަމަށް ހަދައިގެން ހުއްޓަސް ޒިހާންގެ ފަރާތުން ތަޢުރީފެއް ލިބުމުން އޭނަގެ ހިތް އުފަލުން ނަށަމުން ދިޔައެވެ. އޭގެ އަސަރު އޭނަގެ ރަތްވެގެން ދިޔަ ކޯތާފަތުން ފެންނަމުން ދިޔައެވެ.

އެ މަންޒަރު ފެނިފައި ޔުނާއާއެކީ ޒިހާނަށް ވެސް ހީލެވުނެވެ. އާދައިގެ މަތިން ދެމީހުންގެ ފިކުރުތަކާއި ދެމީހުންނަށް ވެސް ދުރުވެވުނީ އެކުއެކީގައެވެ. އެހެނަސް ހުނުން މަޑުވެގެން ދިޔަދިޔަހެން ޔުނާއަށް ދެންމެ ޒިހާން ދެއްކި ވާހަކައާއިމެދު ވިސްނުނެވެ.

"އެހެންވީމަ އިސްތިޚާރާ ނުކޮށް ނިންމާ ނިންމުމެއް ހަމަ ގޯސްވެދާނެދޯ؟" ޔުނާ އެއްދިމާލަކަށް ނަޒަރު ހުއްޓައިގެން އިނދެ ފަނޑުވަމުން ދިޔަ ހިނިތުންވުމަކާއެކީ ބުނެލިއެވެ. ދޮންބެ އެދުވަހު ދެއްކި ވާހަކަ މަތިން ހަނދާންކުރަމުން ވެސްމެއެވެ.

"ހުމް.... ކިހިނެއްވީތަ ޔުނާ؟ އޮފީހުން އައީއްސުރެ ތިހުންނަނީ ކަންބޮޑުވެފަ. އަހަންނާ ޝެއާރ ކޮށްލަންވީއެއްނު؟ އަހަންނަށް ވީ ވަރަކުން އެހީވެދޭނަން." ޒިހާންވެސް ސީރިއަސްވެލަމުން ބުންޏެވެ. އެއާއިއެކު ޒިހާނަށް ބަލައިލަމުން ޔުނާ ފުން ނޭވައެއް ދޫކޮށްލިއެވެ. ޒިހާން އެންމެ ފަހުން ބުނެލި ބަސްތައް ޔުނާއަށް ޤަބޫލުކުރެވުނެވެ. ޒިހާނަށް ވެސް އޭނަގެ ދޮންބެ ވަރަށް ރަނގަޅަށް އެނގޭކަން ހަނދާންވުމުންނެވެ.

އެހެންކަމުން ޔުނާ އެދުވަހު ކަންތައް ވީގޮތް ކިޔައިދިނެވެ. އެދުވަހު ހެނދުނު އޮފީހަށް ދާން އުޅުނު ވަގުތުން ފެށިގެން މަރީއާއިމެދު އުފެދުނު ޝައްކާއި، ޔޫސުފް ކެބިންއަށް ގެނެސްފައިވި ބަދަލުތަކާއި ޔޫސުފްއާއި އޭނައާ ދެމެދު ދެކެވުނު ހުރިހާ ވާހަކައެއް ޔުނާ ޒިހާނާއި ޙިއްސާކުރިއެވެ.

"އައިމް ވޮރީޑް ޒިހާން.... ހަމަ ހީވަނީ ޔޫސުފް ކޮންމެވެސް ގޯހެއް އެބަ ހަދާހެން. ދޮންބެ ބޭނުން ނޫންގޮތަކަށް ހޮޓެލްގެ ކަންތައް ދާކަށް ހިތްހަމައެއް ނުޖެހޭ. ދޮންބެ ނުބުންޏަސް އަހަރެން ބޭނުން ދޮންބެގެ ބުރަ މަސައްކަތުން ބިނާކުރި އެ ބިޒްނަސް ދޮންބެ ބޭނުންވާނެހެން ކުރިއަށް ގެންދަން...." ޔުނާ ބުނެލިއެވެ. ހަމައެކަނި އޭނަ ޒިހާނަށް ދިން މަޢުލޫމާތުން އޭނަ އެހާބޮޑަށް ޔޫސުފްއަށް ޝައްކު ކުރަންވީ ސަބަބު ޒިހާނަށް ދޭހަ ނުކުރެވިދާނެހެން ވެސް ޔުނާއަށް ހީވިއެވެ. ޔޫސުފްއަށް ބޮޑަށް ޝައްކު ކުރެވެނީ މާޒީގައި ހިނގައިދިޔަ ކަންތައް މިއަދު ވީ ކަންތަކާއި އެއްވެގެން ދިޔުމުންނެވެ. ހިނދުކޮޅަކަށް ނަމަވެސް ޖިނާހުގެ ވާހަކަ ވެސް ޒިހާންގާތު ބުނެލަން ޔުނާގެ ހިތް ބުންޏެވެ. އެހެނަސް ޒިހާންގެ ކުރިމަތީގައި ޖިނާހުގެ ނަން ގަންނާކަށް ހިތްވަރެއް ނުލިބުނެވެ.

ޔުނާގެ ވާހަކަތައް އަޑުއަހަން އިން ޒިހާންގެ ބުމަގޮށްޖެހުނެވެ. ޔޫސުފްގެ ވާހަކަތައް ޔުނާގެ ފަރާތުން އައި ގޮތުން ޔަޒްދާން މި ދުނިޔެ ދޫކޮށް ދިޔުމުގެ މަސްތަކެއް ކުރިން އޭނަ ގާތު ދައްކާފައިވި ވާހަކަތައް ޒިހާންގެ ހަނދާނަށް އައެވެ. ޔޫސުފްއަކީ އިތުބާރު ކުރެވޭ މީހެއް ނޫންހެން ހީވާ ކަމަށް ބުނި ވާހަކަތަކެވެ. ޔޫސުފް އޭނަގެ މަޤާމުން ވަކިކުރަން ނިންމި ވާހަކަ ވެސް ޔަޒްދާން ޒިހާން ގާތު ބުނެފައިވެއެވެ. ޔަޒްދާން ޢާއްމުގޮތެއްގައި އެގޮތަށް ނިންމާ ނިންމުމެއް ދެ ތިން ދުވަސް ތެރޭގައި ހަމަޖައްސާލާނެއެވެ. އަދަށް ދާންދެން ވެސް ޔޫސުފް އެ މަޤާމުގައި ހުރި ވާހަކަ އިވުމުން ޒިހާނަށް ޙައިރާންކަމެއް ވެސް ލިބުނު ސަބަބަކީ އެއީއެވެ.

އަމިއްލަ ވިސްނުމުގައި އިނދެފައި ޒިހާން ޔުނާއަށް ސަމާލުކަން ދިން ވަގުތު ޔުނާގެ މޫނުމަތިން ކަންބޮޑުވުން ފާޅުވަމުން ދިޔަ ގޮތުން ޒިހާނަށް ވާހަކަ ދެކެވުނެވެ.

"އަދި ހުރިހާ ކަމެއް ރަނގަޅުވާނެ ޔުނާ އިން ޝާ ﷲ! އަދިވެސް ކުންފުނީގެ އެންމެ ގިނަ ޝެއާރސް ހުރީ ޔުނާގެ ނަންމަތީގަދޯ؟ އެހެންވީމަ ޔުނާއަށް އަދިވެސް ބާރު އޮތީ. މި ދަތުރުގަ ގޮއްސަ އަނބުރާ އައިސް ޔޫސުފްއަށް ސަމާލުކަން ދެމާ ހިނގާދޯ؟ އެކޮޅުގަ ތިބެގެން ވެސް އެހެން މުވައްޒަފަކު ތްރޫކޮށް ބަލާނީ އޮފީހުގަ ކަންތައް ހިނގާ ގޮތް. ޔޫސުފް ރަނގަޅު ނޫންކަން އެނގިއްޖެއްޔާ އޭނަ މަޤާމުން ވަކިކޮށްލާނީ. އޭރުން ރަނގަޅުވާނެއެއްނު؟" ޒިހާން ވާހަކަ ދެއްކިއެވެ. ޔުނާ ޒިހާންގެ ވާހަކަތައް އަޑުއެހުމަށްފަހު ލިބުނު ހިތްހަމަޖެހުމާއެކީ ތުން ފިއްތާލަމުން ބޯޖަހާލިއެވެ.

"ދެން މާ ބޮޑަށް ނުވިސްނައްޗޭ އެކަމާމެދު. މަންމަމެންގެ ހުވަފެންތަކުން އަހަރުމެން މިދަނީ ޢާއިލާ މީހުންނަށް އޮޅުވާލައިގެން ހަނީމޫނަށް. ހަނީމޫން މުޅިން ސަކަރާތް ވެދާނެއެއްނު މާ ފިކުރު ބޮޑުވަންޏާ؟" ޒިހާން އަނެއްކާވެސް އޭނަގެ ވާހަކައަށް ސަމާސާ ރާގެއް އެޅުވިއެވެ. އެއާއިއެކު ޔުނާއަށް އަނެއްކާވެސް ހީލެވުމުން ޒިހާނަށް ވެސް ހީލެވުނެވެ. އެމީހުން ބޭރަށް ދަނީ ޔުނާގެ ކިޔެވުމާއި ގުޅޭ ކަމަކު ކަމަށް ޝަކީލާ ގާތު ބުނެބުނެ ހަމަހިލާ ޤަބޫލެއް ނުކުރިއެވެ. ޝަކީލާ އެހެން ކިޔަން ފެށުމުން ޒައިނާ ވެސް އެ ސަމާސާއގައި ބައިވެގެން ވާހަކަތައް ދެއްކިއެވެ. އެ ވާހަކަތައް ވެގެން ދިޔައީ ޒިހާނާއި ޔުނާއާއި ދެމެދު ކުރެވޭ ސަމާސާތަކަށެވެ.

ނޭނގުމެއްގެ ތެރެއިން ވެސް އެ ސަމާސާތައް ކުރަމުން ދިޔައިރު މި ދަތުރުގެ ތެރެއިން އެދެމީހުންގެ ގުޅުން ބަދަހިވެގެން ދާނެކަމަށް ޔުނާއަށް އުއްމީދު ކުރެވެމުން ދިޔައެވެ. ހީލުމުގެ ތެރެއިން ޒިހާން ނުހަނު އޯގާތެރިކަމާއެކީ މޭޒުމަތީގައި ބޭއްވިފައި އޮތް އޭނަގެ އަތްމަތީގައި ބާއްވައި މަޑުމަޑުން ފިތާލި ގޮތުން އެ އުއްމީދު ބޮޑުވުން ނޫންކަމެއް ނުވިއެވެ.

(ނުނިމޭ)