ކޮވިޑް 19އާ ގުޅިގެން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން އާންމުކޮށްފައިވާ ގައިޑްލައިންތަކަށް ސަރުކާރު ހިންގާ ކޯލިޝަންގެ މައި ޕާޓީ، އެމްޑީޕީއަށް ނިސްބަތްވާ ފަރާތްތަކުން ހިލާފުވަމުންދާ އިރު، އެ ފަރާތްތަކަށް ފިޔަވަޅު އެޅުމަށް އެޗްޕީއޭއިން ނުކުޅެދިފައިވާ ކަމަށް އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ބުނެފިއެވެ.
ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު، ރާއްޖެއިން ބޭރަށް ދަތުރުކުރެއްވުމަށްފަހު އެނބުރި ރާއްޖެ ވަޑައިގެން ކަރަންޓީނު ފުރިހަމަނުކޮށް، ގިނަ ބަޔަކު ބައިވެރިވި ރަސްމިއްޔާތެއްގައި ބައިވެރިވެވަޑައިގެންނެވި ކަމަށް ބުނެ، ކަންބޮޑުވުން ފާޅުކޮށް އިދިކޮޅުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ ރާއްޖެއިން ބޭރަށް ދިއުމަށް ފަހު އެނބުރި އަންނަ ރައްޔިތުން 14 ދުވަހުގެ ކަރަންޓީނުގައި އެކަހެރިވެ ހުންނަން ޖެހޭ އުސޫލަށް ސަރުކާރުގެ ބައެއް އިސްވެރިން އަމަލު ނުކުރުމަކީ ބަލައިގަނެވޭނެ ކަމަށް ނޫން ކަމަށެވެ.
ރާއްޖެއިން ބޭރަށް ދަތުރުކުރެއްވުމަށްފަހު ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ރާއްޖެ ވަޑައިގަތީ މިމަހުގެ 19 ވަނަ ދުވަހުއެވެ. އަދި ޖެހިގެން އައި ދުވަހު މިނިސްޓަރު ޝާހިދު ވަނީ ސްޓޭޓް ބޭންކް އޮފް އިންޑިއާއަށް ޓްރެޒަރީ ބޮންޑު ވިއްކުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންފައެވެ.
އިދިކޮޅުން ބުނީ، އެ ރަސްމިއްޔާތުގައި މިނިސްޓަރު ޝާހިދު ބައިވެރިވެވަޑައިގެންފައިވާތީ ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރަމުންދާ ކަމަށެވެ.
"އެމަނިކުފާނު (މިނިސްޓަރު ޝާހިދު) އެެޗްޕީއޭގެ އާންމު ގައިޑްލައިނާ ހިލާފުވެވަޑައިގެންފައިވާތީ، އެތައް ބަޔަކު ނުރައްކަލަށް ހުށަހެޅިފައިވާ ކަންވެސް ފާހަގަކުރަމެވެ..،" އިދިކޮޅުގެ ބަޔާނުގައިވެއެވެ.
މީގެ އިތުރުން އެ ބަޔާނުގައި ބުނީ، އެޗްޕީއޭގެ ގައިޑްލައިންތަކަށް ސަރުކާރުގެ އެންމެ އިސްވެރިން އަމަލު ނުކުރުމަކީ ޕްރޮގްރެސިވް ކޯލިޝަނުން ހިތާމަ ކުރާ ކަމެއް ކަމަށާއި ސަރުކާރު ހިންގާ ޕާޓީއަށް ނިސްބަތްވާ ފަރާތްތަކުން ގައިޑްލައިންތަކާ ހިލާފުވާ އިރު، އެފަރާތްތަކާ މެދު ފިޔަވަޅު އެޅުމަށް އެޗްޕީއޭއިން ވަނީ ނުކުޅެދިފައި ކަމަށެވެ.
އިދިކޮޅުން ވަނީ، އާންމު ސިއްހަތާ ގުޅުންހުރި ކަންކަމުގައި ހުރިހާ ރައްޔިތުންނަށްވެސް އޮންނަން ޖެހޭނީ އެއް އުސޫލެއް ކަމަށް ބުނެފައެވެ.
އެޗްޕީއޭގެ ގައިޑްލައިންތަކާ ހިލާފަށް އެއްވުންތަކުގައި ބައިވެރިވެފައިވާ ކަމަށްބުނެ، މީގެ ކުރިން ފުލުހުން ވަނީ އިދިކޮޅުގެ އިސް ބޭފުޅުން ޖޫރިމަނާކޮށްފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު