ކްރިސްޓިއާނޯ ރޮނާލްޑޯ

މުހިންމު ނޫން މެޗުތަކަށް ރޮނާލްޑޯ ބެންޗު ކުރާނަން: ޕިރްލޯ

ސީޒަނުގައި މުހިންމު ނޫން ބައެއް މެޗުތަކަށް ކްރިސްޓިއާނޯ ރޮނާލްޑޯ ބެންޗުކުރުމުގެ ވިސްނުން ގެންގުޅޭ ކަމަށް ޔުވެންޓަސްގެ ކޯޗު އަންދްރޭ ޕިރްލޯ ބުނެފިއެވެ.

ސެރެއާ އޭގެ ފުރަތަމަ މެޗުގައި ރޭ ޔުވެންޓަސްއިން ސަމްޕޮޑޯރިއާއާ ދެކޮޅަށް ކުޅުނު މެޗު ކާމިޔާބުކުރީ 3-0ގެ ނަތީޖާއަކުންނެވެ. މެޗުގެ ފުރަތަމަ 11ގައި ރޮނާލްޑޯ ހިމަނާފައިވާ އިރު، އުމުރުން 35 އަހަރު ފޯވަޑް ވަނީ ގޯލްވެސް ޖަހައިފައެވެ.

މެޗަށްފަހު ވާހަކަދައްކަމުން ޔުވެންޓަސްގެ ކޯޗު ޕިރްލޯ ބުނެފައިވަނީ ސީޒަނުގެ ކުރިއަށް ހުރި މެޗުތަކުގައި ރޮނާލްޑޯގެ ބޭނުން އެންމެ އެދެވޭ ގޮތުގައި ހިފުމަށް އެކިއެކި ގޮތްގޮތުން ވާހަކަ ދެކެވިފައިވާ ކަމަށެވެ. އަދި ރޮނާލްޑޯގެ އުމުރަށް ބަލައި އޭނާއަށް ބައެއް މެޗުތަކުގައި ރެސްޓް ދޭން ޖެހޭނެ ކަމަށްވެސް ޕިރްލޯ ފާހަގަކުރިއެވެ.

"ރޮނާލްޑޯ އެންމެ ރަނގަޅަށް ބޭނުންކުރެވޭނެ ގޮތަކަށް ވާހަކަ ދެކެވުނު. ސީޒަން އަދި މި ފެށުނީ. އެހެންވެ ރޮނާލްޑޯއަށް ވަރުބަލިކަން އިހުސާސެއް ނުކުރެވޭ. ރެސްޓް ދޭން ވިސްނާނަން ބައެއް މުހިއްމު ނޫން މެޗުތަކަށް. އެކަމަކު ރޮނާލްޑޯ ބޭނުންވަރަކަށް އޭނާއަށް ކުޅެވޭނެ. އަމިއްލަ ހަށިގަނޑުގެ ކެޕޭސިޓީ އެނގޭ ފެންވަރުގެ ކުޅުންތެރިއެއް ރޮނާލްޑޯއަކީ،" ރޭގެ މެޗަށްފަހު ޔުވެންޓަސްގެ ލެޖެންޑަރީ ކޯޗު ޕިރްލޯ ބުންޏެވެ.

ޔުވެންޓަސްއާ ޕިރްލޯ ހަވާލުވީ ބަދަލުތަކެއް ގެނައުމަށެވެ. ޓީމުގެ އުމުރު ހަގު ކުރުމަށް މި ސީޒަން ފެށުމުގެ ކުރިންވެސް ޕިރްލޯ މަސައްކަތް ކޮށްފައިވާ އިރު، ރޭގެ މެޗުގެ ފުރަތަމަ 11 އިންވެސް ޒުވާން ކުޅުންތެރިން ފެނިފައިވެއެވެ. އެ ކުޅުންތެރިންގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިފައިވާ އިރު، ޕިރްލޯ ބުނެފައިވަނީ ސީޒަނަށް ތައްޔާރުވާން މަދު ދުވަސްކޮޅެއް ލިބުމުން ޓީމުގެ އަސްލު ފެންވަރު އަދި ނުފެންނަ ކަމަށެވެ.

ރޭގެ މެޗުން ޔުވެންޓަސް މޮޅުވި ނަމަވެސް ދެން އޮތް މެޗު އެޓީމަށްވެސް ފަސޭހައެއް ނުވާނެއެވެ. ލީގުގައި ޔުވެންޓަސްއިން ދެން ކުޅޭނީ ރޯމާއާ ދެކޮޅަށް، ސްޓޭޑިއޯ އޮލިމްޕިކޯގައެވެ.