މާލެ ސިޓީ ވެސްޓްޕާކު ސަރަހައްދަށް ސްނޯކަލިންއަށް ގޮސް އުޅެނިކޮށް ގެއްލިގެން ހޯދަމުންދިޔަ ޒުވާނާ މަރުވެފައި އޮއްވައި ފެނިއްޖެއެވެ.

އެމްއެންޑީއެފުން ބުނީ މާލެ ސިޓީ ވެސްޓް ޕާކް ސަރަހައްދަށް ސްނޯކްލިންއަށް ދިޔަ ޒުވާނަކު ހަބަރެއް ނުވެގެން ހޯދަމުންދަނިކޮށް މޫދު އަޑީގައި އޮއްވައި ކޯސްޓްގާޑްގެ ޑައިވަރުން ނަގާފައިވާ ކަމަށެވެ. އެ ޒުވާނާގެ ހަށިގަނޑު މިހާރު ވަނީ އައިޖީއެމް ހޮސްޕިޓަލަށް ގެންގޮސްފައެވެ.

މަރުވެފައިވަނީ މ. ބޮއިލިން ފިޝް، އުމުރުން 24 އަހަރުގެ ސޮފްވާން ރަޝީދެވެ. އޭނާ ގެއްލިގެން ރިޕޯޓް ކޮށްފައިވަނީ މިއަދު ހަވީރު 4.36 ގައި ކަމަށާއި އެ ޒުވާނާ ސްނޯކްލިންއަށް ގޮސްފައިވަނީ މިއަދު ހެނދުނު 11:00 ހާއިރު ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

އޭނާ ހޯދުމުގެ މަސައްކަތް ކޮށްފައިވަނީ އާންމުންގެ ޑައިވަރުންނާއި ކޯސްޓްގާޑްގެ ޑައިވަރުން ގުޅިގެންނެވެ. އޭނާ ފެނިފައިވަނީ އާންމުންގެ ޑައިވަރަކަށް ކަމަށާއި ހަށިގަނޑު ފެނުނީ 12.1 މީޓަރު އަޑިން ކަމަށްވެސް އެމްއެންޑީއެފުން ބުންޏެވެ.