(19 ސެޕްޓެމްބަރުގެ އަދަދާ ގުޅޭ)

ކުޑައިރުކޮޅެއްގެފަހުން حسّان އާއި އޭނާގެ އެކުވެރީން ކޯރާ ދިމާޔަށް މިސުރާބު ޖެއްސެވިއިރު ماه بانو އާއި يـاسمـين އާ ދެބޭފުޅުން ހަވޭލީގެ ހާމަ ފުރާޅުމަތީގައި އެމަންޒަރު ބައްލަވާން ތިއްބެވިއެވެ.

(سعـد بـن أبى وقّـاص رضى اللّـه عنــه މަދާއިން ފަތަޙަކުރެއްވުމަށްފަހު ފާރިސްކަރައިގެ ބާކީއޮތްބައި ފަތަޙަކުރައްވަން أميـرالمؤمنـين ގެ އަރިހުން ހުއްދަޔަށް އެދިވަޑައިގެންނެވިއެވެ. ނަމަވެސް أميـرالمؤمنـين އެންމެފުރަތަމަ އެހުއްދައެއް ނުދެއްވިއެވެ. ރަށްތައް ހިއްޕަވައި އިސްލާމީ ފުތޫހާތުގެ ދާއިރާ ތަނަވަސްކުރެއްވުމަށްވުރެ ބޮޑަށް أميـرالمؤمنـين އިސްކަންދެއްވީ ފަތަޙަކުރެވޭ ތަންތާނގައި ޢަދުލުވެރިކަން ޤާއިމުކުރައްވައި އެތަންތާނގައި އިސްލާމީ ހެޔޮވެރިކަމެއް އުފެއްދެވުމުގެ މައްޗަށެވެ. އެތަންތާނގެ އަހުލުވެރީން ޤަރުނުތަކެއް ވަންދެން ތަޙައްމަލުކޮށްފައިވާ އިސްތިބުދާދީ ނިޒާމުގެ ބަދަލުގައި އެބައިމީހުންނަށް އިސްލާމީ މުސާވާތާއި ޢަދުލުވެރިކަމުގެ ހިޔާވަހިކަން ދެއްވުމުގެ މައްޗަށެވެ. ނަމަވެސް އީރާނުގެ ލަޝްކަރުތައް ޖަލޫލާއު އަށާއި ޙުލުވާނަށް ޖަމާވާން ފެށުމުން އެރަށްތައް ފަތަޙަކުރުމުގެ ހުއްދަ ދެއްވައިފިއެވެ.)

أميـرالمؤمنـين عمـر بــن الخطّاب رضى اللّـه عنــه ގެ ފަރާތްޕުޅުން ހުއްދަ ލިބިވަޑައިގެންނެވުމާއެކު سعـد بـن أبى وقّـاص رضى اللّـه عنــه ބާރަހާސް މުޖާހިދުންގެ ލަޝްކަރެއް ޖަލޫލާއު އަށާއި ޙުލުވާނަށް ފޮނުއްވިއެވެ. އެލަޝްކަރުގެ ކޮމާންޑަރަކީ هاشم بـن عتبة بـن أبى وقّـاص رضى اللّـه عنــه އެވެ. އިސްލަޝްކަރުގެ ކޮމާންޑަރަކީ قــعقـاع بــن عَمرو رضى اللّـه عنــه އެވެ. އެލަޝްކަރު އެންމެ ފުރަތަމަޔަށް މަޑުކުރީ މަދާއިނުގެ ސާޅީސް މޭލު އުތުރުގައި އޮންނަ ޖަލޫލާއުގައެވެ. އޭރުވެސް އީރާނުގެ ލަޝްކަރުތައް އައީ އެރަށަށް ޖަމާވަމުންނެވެ. އޭރު ޔަޒުދުގިރުދު ހުންނެވީ ޙުލުވާނުގައެވެ. ކިސްރާ ގެންދެވީ ސުމާރެއް ނެތްވަރަށް ޖަލޫލާއަށް ޢަސްކަރީފޯރުމާލު ފޮނުއްވަމުންނެވެ. އެހީގެ ލަޝްކަރުތައް ފުލުފުލުގައި ފުރުއްވަމުންނެވެ. އެހެންކަމުން އީރާނީން ވަނީ ޖަލޫލާއުއަށް ވަރަށް ބައިބޯ ލަޝްކަރެއް ޖަމާކޮށްފައެވެ. އެތައް މައްސަރުތަކަކަށް ފުދިފައި އިތުރުވާ ވަރަށް ފޯރުމާލު ގުދަންކޮށްފައެވެ. ޖަލޫލާއުގެ ވަށައިގެންވަނީ ވަރަށް ފުޅާ ޚަންދަޤެއް ކޮނެފައެވެ. އެ ޚަންދަޤާއި ރަށުގެ ބޭރުފާރާ ދެމެދުގެ ވަރަށް ފުޅާ މައިދާނެއްގައިހުރީ ރަށުތެރެއިން ޖާގަ ނުލިބުނު ސިފައިންގެ މަރުކަޒުތަކެވެ. ޚަންދަޤު ހުރަސްކޮށް ރަށުގެ ދޮރޯށިތަކާ ހަމަޔަށް ދެވޭގޮތަށްހުރި މަގުތައް ޙިމާޔަތްކުރުމަށްޓަކައި ތީރުވެރީންގެ ގެމަތައްވަނީ ރުކުރުވައިލައިފައެވެ. އެހެންކަމުން ޚަންދަޤު ހުރަސްކޮށް ރަށުގެ ބޭރުފާރާ ހަމަޔަށް ދެވޭން އޮތީވެސް އިސްލާމީ ލަޝްކަރު ޖުމުލަ އަދަދަށްވުރެ މާގިނަ ތީރުވެރީންނާ ކުރިމަތިލައިގެންނެވެ. ފާރުމަތީގައި ތީރުވެރީން ނެތި އެންމެ ތަންފުކެއްވެސް ހުހަކަށް ނެތެވެ.

އިސްލާމީ ލަޝްކަރުގެ އިސްލަޝްކަރުގެ ކޮމާންޑަރަކީ ޤާދިސިއްޔާގެ މައިދާނުގައި ޢަޒުމާއި، ހިންމަތާއި ހިތްވަރަށް އާ މަފުހޫމުތަކެއް ތަޢާރުފުކޮށްދެއްވި މަތިވެރި ބަޠަލެވެ. މުސްލިމު މުޖާހިދުން އެބޭކަލަކީ خــالــد بــن الـوليـد އާއި مثــنّـى بــن حــارثـــة (رضى اللّـه عنــهما) ގެ ހިތްވަރުފުޅާއި ފަންވަރުފުޅުގެ ވާރިސެއްކަމުގައި ދެކެވަޑައިގަންނަވާ قــعقـاع بــن عَمرو رضى اللّـه عنــه އެވެ. أبوبكر الصّدّيق އާއި عمـر الفاروق (رضى اللّـه عنــهما) އާ ދެބޭކަލުން އެކަލޭގެފާނުގެ ކަނޑިކޮޅާމެދު ބައްލަވައިފައިވަނީ ބައެއްފަހަރު ޢިރާޤުގެ މައިދާނުގައި އަނެއްބައިފަހަރު ޝާމުކަރައިގެ މައިދާނުގައި މުސްލިމު މުޖާހިދުންގެ ފަތަޙައިގެ ޖާމިނެއް ކަމުގައެވެ.

قــعقـاع رضى اللّـه عنــه އެންމެ ފުރަތަމަ ކުރެއްވިކަމަކީ ޖަލޫލާއުގެ ހަރުދަނާ ދިފާޢީ ނިޒާމާމެދު ވިސްނައިވަޑައިގެން ވަޒަންކޮށްލެއްވުމެވެ. ޖަލޫލާއުގައި ދިގުލީ ހަނގުރާމައެއް ހިންގަވާން ގިރާކުރައްވަން ޖެހިވަޑައިގަންނަވާނެ އެއްވެސް މަރުޙަލާއެއް އެކަލޭގެފާނުގެ ވިސްނުންފުޅަށް ނުގެންނެވިޔެއް ނެތެވެ.

ހަނގުރާމަ ފެށިއްޖެއެވެ. އެތައް ހަފުތާތަކެއް ފާއިތުވީއިރުވެސް ދެފަރާތުންވެސް ގެންދިޔައީ ވަރަށް އާދައިގެ ކުރިމަތިލުންތަކަކާއި ދިފާޢީ ޙަމަލަތަކެއްގެ ސިލްސިލާއެއް ހިންގަމުންނެވެ. އީރާނީ އެބައިމީހުންގެ ތީރުވެރީންގެ މަރުކަޒުތަކުގެ ދެދޭތެރޭގައި ހުންނަ ރައްކާތެރި މަގުތަކުން ޚަންދަޤު ހުރަސްކޮށްފައި ނުކުމެ މުސްލިމުންނާ ޙަމަލަދެމުން ގެންދެއެވެ. މުސްލިމުންގެ ގަދަފަދަ ޙަމަލަތަކުގެ ސަބަބުން ފަހަތަށްޖެހޭން މަޖުބޫރުވުމުން ފަހަތަށްޖެހެނީ ޚަންދަޤުގެ މެދުތެރޭގައި އޮންނަ މަގުތަކުގައި ކުދިކުދި އޫތައް ނުވަތަ މޮހޮރުތައް ވަޅުލައިފައެވެ. އޭގެ ސަބަބުން މުސްލިމުންގެ އަސްތަކުގެ ފައިތިލަތައް ހަލާކުވެއެވެ. ހަމައެއާއެކު އީރާނީންގެ ތީރުތަކާވެސް ކުރިމަތިލާން ޖެހެއެވެ. ބައެއް ދުވަސްދުވަހު ޚަންދަޤުގެ ކައިރީގެ އެކިހިސާބުގައި އެތައް އިރެއްވަންދެން ހަނގުރާމަ ހިނގައެވެ. މުސްލިމުން ވިދިވިދިގެން ދެމުންގެންދާ ޙަމަލަތަކުގެ ސަބަބުން އީރާނީންގެ ކުރީ ސަފުތައް ބުރިބުރިވެއެވެ. ނަމަވެސް އެހައިތަނުން ރަށުގެ ދޮރޯށިތައް ހުޅުވައިލުމަށްފަހު ސިފައިން ނުކުމެ އީރާނުގެ ވަރުބަލިވެފައިތިބޭ ސިފައިންގެ މަގާމުތަކާ ހަވާލުވެއެވެ.

އީރާނީންނެކޭ އެއްގޮތަށް މުސްލިމުންނަށްވެސް ފޯރުމާލުގެ ދަތިކަމެއް ނެތެވެ. މަދާއިނުން ކޮންމެވެސް މިންވަރަކަށް އިތުރު ސިފައިންވެސް ފޮނުވަމުން ގެންދެއެވެ. ނަމަވެސް މުސްލިމުން ޖަލޫލާއު ޙިޞާރުކުރިތާ ދެވަނަ މަހަށް ފެށުނުއިރުވެސް ހަނގުރާމަ ހިނގާގޮތަކަށް ބަދަލެއް ނާދެއެވެ.

މިއީ ސިންގާއަކާއި އެތެއްގެ ކުރިމަތިލުމެކެވެ. ސިންގާ ބޭނުންވަނީ އެންމެފަހުގެ ފުންމައިގަތުމުގެ ކުރީން އެތުގެ ކިބައިން ވަރުދެރަކަމާއި ވަރުބަލިކަން ފެނުމެވެ.

+ + + + +

އެއްދުވަހެއްގެ މެންދުރު ކުރީގައި ދެފަރާތުގެ ދެމެދުގައި ވަރުގަދަ ކުރިމަތިލުމެއް ހިނގިއެވެ. މުސްލިމުން އީރާނީން ޚަންދަޤުގެ ފަހަތަށް ކޮއްޕައިލައިފިއެވެ. މުސްލިމުން ޢަޞުރުނަމާދުކޮށް ނިމުނުތަނާ ދެކުނުފަރާތުން ސަވާރުންގެ ލަޝްކަރެއް ދައްކައިލައިފިއެވެ. އެދުވަހު މަދާއިނުން އިތުރު އެހީއެއް އަންނަކަމުގެ ޚަބަރެއް ލިބިފައެއް ނެތެވެ. އެހެންކަމުން هاشم بـن عتبة رضى اللّـه عنــه އިސްލާމީ ލަޝްކަރަށް ތައްޔާރުވާން އެންގެވިއެވެ.

ދުރުން އައި ލަޝްކަރު އިސްލާމީ މުޢަސްކަރާ ތަންކޮޅެއް ދުރަށް މަޑުކޮށްލައިފިއެވެ. ސަވާރެއް އަސް ދުއްވައިފައި ކައިރިޔަށް އަންނާން ފަށައިފިއެވެ. އޭރު حسّان އާއި سُهيل އާ ދެބޭފުޅުންވެސް ތިއްބެވީ ލަޝްކަރުގެ އަމީރުގެ އަރިހުގައެވެ. އެބޭފުޅުން ތިއްބެވީ ދުރުން އަންނަ އަސްވާރާ ދިމާޔަށް ބަލަހައްޓަވައިގެންނެވެ. އަސްވާރު މުޢަސްކަރުގެ ފާރަވެރީންގެ ގާތަށް މަޑުކޮށް ވާހަކަ ދެއްކުމަށްފަހު މިސުރާބުޖެހީ ސީދާ هاشم بـن عتبة رضى اللّـه عنــه އާ ދިމާޔަށެވެ.

سُهيل ކުއްލިޔަކަށް ވަރަށް ބާރަށް ވިދާޅުވިއެވެ. "ބޭބެއެވެ! އެއީ ޒަރުބަޚުތެވެ!"

ލިބިވަޑައިގެންނެވި އުފާފުޅުގެ ސަބަބުން حسّان ގެ މޫނުފުޅު ވިދައި އަލިވެއްޖެއެވެ. އޭނާ ލަޝްކަރުގެ އަމީރާ މުޚާޠަބުކުރައްވައި ވިދާޅުވިއެވެ. "ސާހިބާއެވެ! އަޅުގަނޑު އޭނާ ދަންނަމެވެ. އަޅުގަނޑުގެ ގާތުގައި އޭނާއަކީ އަޅުގަނޑުގެ ކޮއްކޮޔަކު ފަދައެވެ."

ޒަރުބަޚުތު އެބޭފުޅުންގެ އަރިހަށް ވަޑައިގެން އަސްމަތީން ފުންމައިލައްވައިފިއެވެ. حسّان އާ މުސާފަޙާ ކުރެއްވުމަށްފަހު هاشم بـن عتبة އާއި އެހެނިހެން މުޖާހިދުންނާ ދިމާޔަށް ބައްލަވާން ފައްޓަވައިފިއެވެ.

هاشم ސުވާލު ކުރެއްވިއެވެ. "ތިޔަވަޑައިގަތީ މަދާއިނުންތޯއެވެ؟"

"ނޫނެކެވެ. އަޅުގަނޑު މިއައީ ސީދާ އަޅުގަނޑުގެ އަވަށުންނެވެ. އަޅުގަނޑު ވަނީ އިސްލާމީ ލަޝްކަރުތަކުގެ އަމީރުގެ އަރިހުން ޖިހާދުގައި ބައިވެރިވުމުގެ އަމުރުފުޅު ހޯދައިފައެވެ."

"ކަލާއާއެކުގައި ވަނީ ކިހައި ބަޔެއްތޯއެވެ؟"

"އަޅުގަނޑާ އެކުގައި އައީ އަށްސަތޭކަ އަސްވާރުންނެވެ. އަޅުގަނޑުގެ ސަރަޙައްދުގެ ވަރަށްގިނަ ޒުވާނުން ޖިހާދުގައި ބައިވެރިވާން ޝައުޤުވެރިވެއެވެ. އެކަމަކު އެމީހުން ތަމްރީނުކުރާން ވަގުތު ބޭނުންވެއެވެ."

"މި އަށްސަތޭކަ މީހުން ވަނީ ތަމްރީނު ވެފައިތޯއެވެ؟"

"އާދޭހެވެ. އެމީހުން ކަލޭގެފާނު މާޔޫސެއް ނުކުރާނެއެވެ."

ވިދިގެންއައި ދުވަހުގެ ހެނދުނު މުސްލިމުން ތިބީ ޖަލޫލާއުގެ ޚަންދަޤުގެ ކުރިމަތީގައި ސަފު ހަދައިގެންނެވެ. ޒަރުބަޚުތުގެ އެކުވެރީން ބޭނުންވީ އިސްލަޝްކަރުގައި ބައިވެރިވާށެވެ. ނަމަވެސް هاشم އެމީހުންނަށް އަމުރުކުރެއްވީ ފަހަތުގެ ގެމަތަކާއެކުގައި ތިބުމަށެވެ. هاشم ވިދާޅުވިއެވެ. "ޖަލޫލާއަށް އެންމެފަހުގެ ޙަމަލަދޭއިރު ތިޔައިގެ ތެރެއިން އެކަކަށްވެސް އެމީހެއްގެ ޖައުހަރު ދައްކައިލުމުގެ ފުރުސަތު ނުލިބުނުކަމުގެ ޝަކުވާއެއް ނުކުރެވޭނެއެވެ. އެކަމަކު ތިޔަބައިމީހުންނަށް އަދި ވަރަށްގިނަ ކަންތައްތަކެއް ބަލައި ދަސްކުރާންޖެހެއެވެ. ތިޔަބައިމީހުންނަށް މިފަދަ ހަނގުރާމަތަކުގެ އާޖުފާޖު ދަސްވެއްޖެކަމުގެ ޔަގީންކަން ނުލިބޭހައި ހިނދަކު އަހަރެން ބޭނުންވާނީ ތިޔަބައިމީހުން ދުޝްމިނުންގެ ތީރުތަކާ ދުރުގައި ބައިތިއްބާށެވެ."

އެދުވަހު އީރާނު ލަޝްކަރުގެ މަސައްކަތަކަށް ހެދީ ޚަންދަޤު ހުރަސްކޮށް ދުނިއުކުމެވެ. އެކަމަކު އިސްލާމީ ލަޝްކަރު ސަފުހަދައިގެން ތިބީ އީރާނީންގެ ދުނި ފޯރާވަރަށްވުރެ ދުރުގައެވެ. މުސްލިމުން ވަރަށް ހަމަޖެހުމާއެކު ތިބީ ދުނިދަނޑިވެރީންގެ މަރުކަޒުތަކުގެ ފަހަތުގައިތިބި ސަވާރުންނާއި ފައިމަތީ ހަނގުރާމަކުރާ ހަނގުރާމަވެރީންގެ ހަރަކާތްތަކާމެދު ފަރުވާތެރިކަމާއެކު ބަލަހައްޓައިގެންނެވެ. ނަމަވެސް އެބައިމީހުން ކުރިއަރާކަށެއް މަސައްކަތެއް ނުކުރެއެވެ.

އެދުވަހުގެ ހަވީރު ޒަރުބަޚުތާ حسّان ބައްދަލުވެވަޑައިގެންނެވުމުން ޒަރުބަޚުތު އެންމެފުރަތަމަވެސް ސުވާލުކުރެއްވީ ޖަލޫލާއު ހިފަން ވަރުގަދަ ޙަމަލަތަކެއް ދޭންފަށާނެ ދުވަހަކާ ބެހޭގޮތުންނެވެ. حسّان ޖަވާބު ދެއްވިއެވެ. ދެން މާގިނަދުވަހަކު އިންތިޒާރު ކުރައްވާކަށެއް ޖެހިވަޑައިނުގަންނަވާނެއެވެ.

އެގޮތުގައި އަނެއްކާވެސް ދެދުވަހެއް ފާއިތުވެއްޖެއެވެ. ތިންވަނަޔަށްވީ ދުވަހުގެ ހެނދުނު އީރާނުގެ ސިފައިން ވަނީ ޚަންދަޤާއި ރަށުގެ ބޭރުފާރާ ދެމެދު ފުރައިލައިފައެވެ. ހީވަނީ ދަރުގަނޑަކުން ހިނި އުތުރޭހެންނެވެ. އިރުގެ އެންމެ ފުރަތަމަ ދޯދިތަކާއެކު އީރާނުގެ ބައިބޯ ލަޝްކަރު މައިދާނާ ދިމާޔަށް ފިރުކިގެންފިއެވެ. އެބައިމީހުންގެ ކުރިމަތީން قــعقـاع بــن عَمرو رضى اللّـه عنــه ގެ ލަޝްކަރު ފުރިހަމަ ރޭވުންތެރިކަމާއި އިންތިޒާމު ހިފެހެއްޓުމާއެކު ފަހަތަށްޖެހެމުން ދާންފަށައިފިއެވެ. އިރުކޮޅަކުން އީރާނުގެ އަސްވާރުން ހުޅަނގުފަރާތް ނޫން އަނެއް ތިންފަރާތުން ކެވިއަރައި ހުޅަނގުފަރާތަށް ވަނީ ޖަމާވެފައެވެ. މުސްލިމުންގެ ކުރީސަފުތައް ދިޔައީ މުސްލިމުންގެ ލަޝްކަރުގެ ކަނާތްފަރާތަށާއި ވާތްފަރާތަށް ލެފެމުންނެވެ. މުސްލިމުންގެ ތީރުވެރީން ގެންދިޔައީ ޚަންދަޤުގެ މެދުތެރޭގެ މަގުތަކުގެ ކުރިމަތީގައި ސަފުތައް ހަދަމުންނެވެ. ކުއްލިޔަކަށް އީރާނުގެ އަސްވާރުގެ އަސްތައް ކަޑަބޮއްޖަހައިފައި ދުވާ އަޑާއެކު ހިރަފުހުގެ ވިލާތައް އުފުލޭން ފަށައިފިއެވެ. މުސްލިމުން އީރާނުގެ އަސްވާރުންނާ ދިމާޔަށް ދުނިއުކަމުން އަނެއްކާވެސް ވަރަށް ބާރަށް ފަހަތަށްޖެހޭން ފަށައިފިއެވެ. ޚަންދަޤު ކުރިމަތީން ހުޅަނގުފަރާތުން އަށްސަތޭކަ ވަރަކަށް ފިޔަވަޅުގެ ދުރުމިންވަނީ އީރާނުގެ އަސްވާރުންތަކުން ފުރިފައެވެ.

އޭރު އިސްލާމީ ލަޝްކަރުގެ ތީރުވެރީންގެ ރޭވުންތެރިން ފަހަތަށްޖެހުންވަނީ އޭގެ އެންމެ ފަހު މަރުޙަލާއަށް ގޮސްފައެވެ. ހަމައެއާއެކު މުސްލިމުންގެ ލަޝްކަރުގެ މެދުތެރޭގެ ސަފުތައް ކުރިޔަށް އަރާންފަށައިފިއެވެ. އެބައިމީހުންވަނީ އީރާނީންގެ ކުރިމަތީގައި ލޮންސިތަކުގެ ފާރެއްލައިފައެވެ. ހަމައެއާއެކު قــعقـاع بــن عَمرو ގެ ލަޝްކަރު އެނބުރިލައިފައި އީރާނީންނާ ދިމާޔަށް އަރައިގެންފިއެވެ. އެލަޝްކަރު ކަނާތްފަރާތަށާއި ވާތްފަރާތަށް ފަހަތަށްޖެހުނީ އީރާނީންނަށް ޚަންދަޤުން ބޭރަށް ނުކުތުމުގެ ފުރުސަތު ދިނުމުގެ ގޮތުންނެވެ.

އިސްލާމީ މުޢަސްކަރު ކުރިމަތީގައި އީރާނީންނަށް ފައިތިލަ ސާބިތުކުރެވުނީ މުސްލިމުން އެފުރުސަތު ދިނުމުގެ ސަބަބުންނެވެ. އެކަމަކުވެސް އެކަމާހުރެ އީރާނީންގެ ޖޯޝާއި ހިތްވަރުވަނީ ހައްދުންނައްޓައިލައިފައެވެ. އީރާނީން ހީކުރީ މުސްލިމުންގެ ހިތްވަރު އެލެނީކަމުގައެވެ. އެމީހުން އިންތިޒާރުކުރަމުން ގެންދިޔައީ މުސްލިމުންގެ މުޅި ލަޝްކަރު ފުރަގަހަށް އެނބުރޭނެ ވަގުތަކަށެވެ. އީރާނީ ސަވާރުންގެ ފަހަތުން އެބައިމީހުންގެ ފައިމަތީ ހަނގުރާމަކުރާ މީހުންގެ ސައިލުވެސް ދެމިގެން އާދެއެވެ. ނަމަވެސް މުސްލިމުންގެ މެދުތެރޭގެ ސަފުތައް ފަހަތަށްޖެހުނު ޖެހުމަށްފަހު އެކަތައިގެ ފާރެއް ފަދައިން އީރާނީންގެ ކުރިމަތީގައި ހުއްޓިލައިފިއެވެ. ހަމައެއާއެކު އީރާނީ ލަޝްކަރުގެ ދެފަރާތުގެ އަރިމައްޗަށްވެސް މުސްލިމުންގެ ފިއްތުން އިތުރުކުރާން ފަށައިފިއެވެ. ނަތީޖާއެއްގެގޮތުން ޚަންދަޤުގެ ކުރިމަތީގައި އޮތް މައިދާނުގައި އީރާނީން ހަރަކާތްތެރިވާނެ ޖާގަ ކުޑަވާން ފަށައިފިއެވެ. މުސްލިމުންގެ ގޮނި ފޫވައްޓައިލައިފައި ކުރިޔަށް އަރާން އީރާނީން އެތައްފަހަރަކު މަސައްކަތް ކުރިއެވެ. އިސްލާމީ ލަޝްކަރުގެ ކަނާތްފަރާތަށާއި ވާތްފަރާތަށްވެސް އެތައް ޙަމަލަތަކެއް ދިނެވެ. އެކަމަކު އެބައިމީހުންނަކަށް ކާމިޔާބެއް ނުވިއެވެ. އީރާނީން ބާރުބޮޑުކޮށްލުމުން މުސްލިމުން ކުޑައިކޮށް ފަހަތަށް ޖެހިލައެވެ. ނަމަވެސް ހަމައެއާއެކު ފަލަކުތަކާ ހަމަޔަށް އުފުލިގެންދަނީ اللّـه أكبــر ގެ ނަޢުރާގެ އަޑެވެ. ދެން ފެންނަނީ މުސްލިމުންގެ އެކަތަވެސް ކަފައިލާފަދަ ފަންވަރުހުރި ކަނޑިތަކުން އީރާނީން ފަހަތަށްޖެހޭން މަޖުބޫރުކުރުވާ ތަނެވެ.

އީރާނީ ލަޝްކަރަށް ޚަންދަޤަށްވުރެ ފަހަތަށް ޖެހިލައި އަލުން އިންތިޒާމުވެލަން ތަނަވަސް މައިދާނެއް ލިބޭންއޮތެވެ. ރަށުގެ ބޭރުފާރާއި ޚަންދަޤާ ދޭތެރޭގައެވެ. ނަމަވެސް މުސްލިމުން ގަސްދުގައި ފަހަތަށް ޖެހިލުމުގެ ސަބަބުން ލިބުނު އިބުތިދާއީ ކާމިޔާބީއަށްފަހު އީރާނުގެ ސިފައިންގެ މީހަކުވެސް ސަރުދާރަކުވެސް ފަހަތަށްޖެހިލުމާމެދު ވިސްނާކަށެއްވެސް ބޭނުމެއް ނޫނެވެ. އެބައިމީހުން ބޭނުންވީ އެބައިމީހުންނަށް ފައިތިލަ ސާބިތުކުރެވުނު ބިންކޮޅު ކޮންމެ އަގެއްގައިވެސް ދަމަހައްޓާށެވެ. އެތަންކޮޅު އޮތީ ކަށްތަކުން ފުރިފައެވެ.

އީރާނުގެ ފައިމަތީ ހަނގުރާމަކުރާ ސިފައިންގެ ވަރަށްގިނަ އަދަދެއް އޭރުވެސް ތިބީ ޚަންދަޤުގެ ފަހަތުގައެވެ. އިރުމައްޗާއި އުތުރާއި ދެކުނުން އެބައިމީހުންނަށް ޚަންދަޤު ހުރަސްކޮށް އިސްލާމީ ލަޝްކަރުގެ ދެފަރާތުގެ ދެއަރިމައްޗަށް ބިރަކަށް ވެވޭންއޮތެވެ. އެކަމަކު އެބައިމީހުންގެ ސިފައިންގެ އިސްވެރިޔާގެ ދިދަ ވިހުރުވޭތަން ފެންނަނީ ހުޅަނގުފަރާތުންނެވެ. އެހެންކަމުން އެކަކުވެސް އެހެން ދިމާޔަކަށް ބަލައިލާކަށްވެސް ބޭނުމެއް ނޫނެވެ. މޫސުމީގޮތުން އެދުވަހަކީ ވަރަށް ހޫނުގަދަ ދުވަހެކެވެ. ހެނދުނުއްސުރެ އޮތީ ވައި ހިނދިފައެވެ. ހުޅަނގުފަރާތުގެ އުދަރެހުން ގަދަވައިގެ ޠޫފާނެއްގެ އަސަރުތައް ފެންނާން ހުއްޓެވެ.

މެންދުރެއްހައިއިރުވީތަނާ ޠޫފާނީ ވައިގަނޑު ރޫޅައިލައިފިއެވެ. ގަދަވައިގެ އެންމެފުރަތަމަ ރޯޅިޔާއެކު قــعقـاع بــن عَمرو رضى اللّـه عنــه އުޑުމަތި ބައްލަވައިލެއްވިއެވެ. އެކަލޭގެފާނު ގޮވައިލެއްވިއެވެ. މުސްލިމުންނޭވެ! މިވަރުގަދަ ވައިރޯޅިތައް މިއަންނަނީ ތިޔަބައިމީހުންނަށް މާތް اللّـه ދެއްވާ ނަޞުރުގެ ހެޔޮ ޚަބަރާއިގެންނެވެ. إنشـاءاللّـه އަހަރެމެން މަޣުރިބު ނަމާދު ކުރާނީ ޖަލޫލާއުގައެވެ. އިސްލާމީ ލަޝްކަރުގެ ކޮމާންޑަރުން ހިނދުކޮޅެއްވެސް ނުވަނީސް އެއަޑު މުސްލިމު ސިފައިންގެ އެންމެންނަށް އިއްވައިލިއެވެ. އެއާއެކު ހިރަފުހުގެ ސަބަބުން ޖައްވު ބަނަވެ އަނދިރިކަން ވެރިވަމުން ދިޔަވަރަކަށް މުސްލިމުންގެ ޙަމަލަތައް ވަރުގަދަކުރާން ފަށައިފިއެވެ.

(ނުނިމޭ)