މާދަމާ އިން ފެށިގެން ގާނޫނީ ވަކީލުންނަށް ޖަލަށް ޒިޔާރާތްކޮށް ގައިދީންނާ ބައްދަލުކުރެވޭނެ ކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ބުނެފިއެވެ.

ކޮވިޑް 19އާ ގުޅިގެން ވަކީލުން ޖަލަށް ޒިޔާރަތްކޮށް ގައިދީންނާ ބައްދަލުކުރުމުގެ ފުރުސަތު ވަނީ މެދުކަނޑާލައިފައެވެ.

ކަރެކްޝަންސް އިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ، ކޮވިޑް 19އާ ގުޅިގެން ވަކީލުން ޖަލަށް ޒިޔާރަތްކޮށް ގައިދީންނާއި ބައްދަލުކުރުމުގެ ފުރުސަތު ނުދިނުމަށް ނިމުމެއް ގެނެސް މާދަމާއިން ފެށިގެން އަލުން ވަކީލުންނަށް ޖަލަށް ޒިޔާރާތްކޮށް ބައްދަލުކުރެވޭނެ އިންތިޒާމު މިހާރު ހަމަޖައްސާފައިވާ ކަމަށެވެ.

މީގެ އިތުރުން ކަރެކްޝަންސް އިން ބުނީ، މާފުށި ޖަލާއި އައްސޭރި ޖަލަށް ޒިޔާރާތްކުރާ ފަރާތްތަކުން ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ނަގަން ޖެހޭ ހުއްދަ ނަގަން ޖެހޭނީ އެފަރާތްތައް އަމިއްލައަށް ކަމަށެވެ. އަދި ޖަލަށް ޒިޔާރާތްކުރާއިރު އެޗްޕީއޭގެ ގައިޑްލައިންތަކާ އެއްގޮތަށް ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅައިގެން ޒިޔާރަތްކުރުމަށްވެސް ކަރެކްޝަންސް އިން ވަނީ އިލްތިމާސްކޮށްފައެވެ.

ކަރެކްޝަންސް އިން ބުނީ، ފޯނުކޯލާއި ވީޑިއޯ މެދުވެރިކޮށް ޖަލުގައި ތިބި މީހުންނާ ބައްދަލުކުރުމުގެ ކަންތައްތައްވެސް ކުރިއަށްގެންދާނެ ކަމަށެވެ. އަދި ޖަލުން ޕޮޒިޓިވް ކޭސްއެއް ފެނިއްޖެނަމަ ޖަލަށް ޒިޔާރާތްކޮށް ބައްދަލުކުރުމުގެ އިންތިޒާމު މެދުކަނޑާލާނެ ކަމަށްވެސް ކަރެކްޝަންސް އިން ބުންޏެވެ.