މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ)ގެ މަގާމުތަކަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކޮށްފި އެވެ.
އެމްއެމްސީގެ 13 މެމްބަރުންގެ މި ދައުރުގެ މުއްދަތު މިއަހަރުގެ ޑިސެމްބަރު މަހަށް ހަމަވާނެ އެވެ. އެގޮތުން އެ ކައުންސިލްގެ މަގާމުތަކަށް ކުރިމަތިލާން ފުރަތަމަ ހުޅުވާލީ މިމަހުގެ 12 ވަނަ ދުވަހުން ފެށިގެން މިއަދުގެ ނިޔަލަށެވެ.
ނަމަވެސް ހޯމް މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނީ، އެމްއެމްސީ އަށް ކުރިމަތިލުމަށް ހުޅުވާލި ފުރުސަތަށް އެކަށީގެންވާ ތަރުހީބެއް ލިބިފައިނުވާ ކަމަށެވެ. އެހެންކަމުން އެ ކައުންސިލަށް ކުރިމަތިލުމުގެ ފުރުސަތު މި މަހުގެ 28 ވާ ހޯމަ ދުވަހުގެ 14:00 ގެ ނިޔަލަށް އިތުރު ކޮށްފައިވާ ކަމަށް އިއުލާނުގައިވެ އެވެ.
އިއުލާނުގައި އިތުރަށް ބުނީ، އެމްއެމްސީގެ މަގާމުތަކަށް ކުރިމަތިލާން ބޭނުންވާ މީހުން މެންބަރު ކަމަށް ކުރިމަތިލުމަށް އެދޭ ފޯމާއި އެހެނިހެން ލިޔުންތައް ހުށަހަޅަން ޖެހޭނީ މިނިސްޓްރީގެ އީމެއިލްއަށް ކަމަށެވެ.
"މީޑިއާ ކައުންސިލަށް މެންބަރުން ހޮވުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލު"ގައި ބުނާ ގޮތުން އެމްއެމްސީގެ މެންބަރަކަށް އިންތިހާބުވާ މީހަކަށް އެ މަގާމުގައި ހުރެވޭނީ ގިނަވެގެން ދެ އަހަރު ދުވަހުގެ މުއްދަތަށެވެ. އަދި އެއްވެސް މެންބަރަކަށް ވިދިވިދިގެން ދެ ދައުރު އަދައެއް ނުކުރެވޭނެ އެވެ.
މީޑިއާ ކައުންސިލްގައި މީޑިއާ ތަމްސީލުކުރުމަށް ކެންޑިޑޭޓުން ހުށަހަޅާނީ މިނިސްޓްރީގައި ރަޖިސްޓްރީކޮށްފައިވާ ނޫސްތަކާއި މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުން ބްރޯޑްކާސްޓްކުރުމުގެ ހުއްދަ ދީފައިވާ ބްރޯޑްކާސްޓަރުންގެ މަސްއޫލުވެރި ފަރާތުންނެވެ. އަދި ކޮންމެ މަސްއޫލު ފަރާތަކަށް ވެސް ހުށަހެޅޭނީ އެއް ކެންޑިޑޭޓެވެ.
- ދިވެއްސަކު ކަމުގައިވުން
- އުމުރުން 18 އަހަރު ފުރިފައިވުން
- އިސްލާމްދީނުގައި ހައްދު ކަނޑައެޅިފައިވާ ކުށެއް ކުރިކަން ޝަރީއަތަށް ސާބިތުވެފައިވާ މީހަކު ކަމުގައި ނުުވުން
- މަސްތުވާތަކެތީގެ ވިޔަފާރީގެ ކުށް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުން
- ކުޑަކުދިންނަށް ޖިންސީ ގޯނާކުރިކަމުގެ ކުށް ޝަރީއަތަށް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުން
- ވޭތުވެދިޔަ ދެ އަހަރު ޖިނާއީ ކުށެއް ކުރިކަން ޝަރީއަތަށް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުން
- ހިޔާނާތުގެ ނުވަތަ ރިޝްވަތުގެ ކުށެއް ކުރިކަން ޝަރީއަތަށް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުން
- މުޖުތަމައު ބަލައިގަންނަ މިންގަނޑުތަކުން އަބުރުވެރި އަހުލާގު ރަނގަޅު މީހެއްކަމުގައިވުން
- ފާއިތުވި 12 މަސް ދުވަހު އެ މީހަކު ނޫސް މަޖައްލާއެއްގައި ލިޔުނު އެއްޗަކާ ގުޅިގެން ޝަރީއަތަށް ކުށެއް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުން
އެމްއެމްސީއަށް އައްޔަންކުރަން ޖެހޭނީ މީޑިއާ ތަމްސީލުކުރާ ހަތް މެންބަރުންނާއި އާންމު ހަ މެންބަރުންނެވެ. އެގޮތުން އާންމު މެންބަރުންގެ ގޮތުގައި ބަލާނީ މީޑިއާ އާއި ގުޅުން ހުރި އެއްވެސް ދާއިރާއެއްގައި މަސައްކަތް ނުކުރާ މީހުންނެވެ.
މޯލްޑިވްސް މީޑިއާ ކައުންސިލް
މޯލްޑިވްސް މީޑިއާ ކައުންސިލް
މޯލްޑިވްސް މީޑިއާ ކައުންސިލް
މޯލްޑިވްސް މީޑިއާ ކައުންސިލް