އިނގިރޭސި ޕްރިމިއާ ލީގުގައި ޗެމްޕިއަން ލިވަޕޫލާ ދެކޮޅަށް ރޭ ކުޅުނު މެޗުން ޗެލްސީ ބަލިވީ 2-0ގެ ނަތީޖާއަކުންނެވެ.
ރޭގެ މެޗަކީ ދެޓީމުންވެސް މި ސީޒަންގެ ލީގުގައި ކުޅުނު ދެވަނަ މެޗެވެ. މެޗަށް ނުކުތްއިރު، ދެޓީމުވެސް އޮތީ ކުޅުނު ފުރަތަމަ މެޗުން މޮޅުވެފައެވެ. ވަރުގަދަ މެޗަކަށް ދެޓީމުންވެސް ތައްޔާރުވެފައިވާ އިރު، ލިވަޕޫލަކީ އެންމެފަހުގެ ޗެމްޕިއަނުންނެވެ. މިދިޔަ ސީޒަނުގައި ޒުވާން ސްކޮޑަކާއެކު ނުކުމެ، ގަދަ ހަތަރެއް ޔަގީންކުރި ފްރޭންކް ލަމްޕާޑްގެ ޗެލްސީއަކީ މި ސީޒަނަށް އެންމެ ބޮޑު ހަރަދެއްކޮށް، ގިނަ ކުޅުންތެރިންތަކެއް ގެނައި ޓީމެވެ.
ޗެލްސީއަށް އަލަށް ގެނައި ކުޅުންތެރިންގެ ތެރެއިން ރޭގެ މެޗުގައި ފެނުނު ހަމައެކަނި ކުޅުންތެރިންނަކީ ކައި ހާވަޓްސް އަދި ޓީމޯ ވާނާއެވެ. ހަކިމް ޒިޔެޗްގެ އިތުރުން ބެން ޗިލްވެލްއާއި ތިއާގޯ ސިލްވާވެސް ސީޒަންގައި އަދި ކުޅެފައެއް ނުވެއެވެ. ލިވަޕޫލަށް އަލަށް ގެންދިޔަ ސްޕެއިންގެ މިޑްފީލްޑަރު ތިއާގޯ އަލްކަންޓްރާ މެޗުގެ ދެވަނަ ހާފަށް ނުކުތް އިރު، އޭނާ ފެނިގެންދިޔައީ ތަފާތު މޮޅު ފޯމެއްގައި ކުޅުނު ތަނެވެ.
މެޗުގެ ފުރަތަމަ ހާފުގައި ހަމަހަމަ ކުޅުމެއް ފެނިގެންދިޔަ އިރު، ޗެލްސީން ދިޔައީ ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ލިވަޕޫލާ އެއް ލެވެލްއެއްގައި ކުޅުން ދަމަހައްޓަމުންނެވެ. އެހެންނަމަވެސް، މެޗުގެ އޮއިވަރު ބަދަލުކޮށްލީ ހާފުގެ ފަހު މިނެޓް ކޮޅުގެ ތެރޭގައި ޗެލްސީގެ ޑިފެންޑަރު ކްރިސްޓިއެންސަން ހޯދި ރަތް ކާޑާއެކުއެވެ. މެދުތެރެއިން ޖޯޑަން ހެންޑަސަން ދުއްވާލި ތުރޫ ބޯޅައަށް ސާޑިއޯ މާނޭ ކުރިއަށް ދުއްވައިގަތުމުން ކްރިސްޓިއަންސަން ވަނީ އެންމެ ފަހު ޑިފެންޑަރަކަށް ހުރެ އޭނާ ގައިގައި ޖެހި ވައްޓާލައިފައެވެ.
އެ ފައުލަށް ރެފްރީ ފުރަަތަމަ ރަތް ކާޑެއް ދެއްކި ނަމަވެސް، ވީއޭއާރް ބެލުމަށްފަހު ވަނީ ރަތް ކާޑަކަށް ބަދަލުކޮށްފައެވެ.
"ފުރަތަމަ ހާފުގައި ފެނުނީ ދާދި ހަމަހަމަ ކުޅުމެއް. ޗެލްސީންވެސް ބޯޅަ ހިފަހައްޓައިގެން ހަމަލާވެސް އުފައްދަން މަސައްކަތްކުރި. އެކަމަކު ރަތް ކާޑާއެކު ދެވަނަ ހާފުގެ މޫނުމަތި ބަދަލުކޮށްލި. އަހަންނަށް ހާފް ޓައިމްގައި މުޅި ޓީމު ބަދަލުކުރަން ޖެހުނު،" ޗެލްސީގެ ލެޖެންޑް، ކޯޗު ލެމްޕާޑް މެޗަށްފަހު ބުނެފައިވެއެވެ.
ދެވަނަ ހާފަށް ނުކުމެ ޗެލްސީން ޑިފެންސް ކުރަން ވިސްނި ނަމަވެސް، އަލްކަންޓްރާ ފަދަ މިޑްފީލްޑަރުންގެ ޕާސްތަކާއެކު ލިވަޕޫލުން ދިޔައީ މެދުކެނޑުމެއް ނެތި އެޓޭކް އުފައްދަމުންނެވެ. ހާފް ފެށިގެން މާގިނައިރެއް ނުވެ، ރީތި ކުޅުމަކާއެކު އަރިމަތިން ފިރްމީނޯ ނަގައިދިން ހުރަސް، ބޮލުން ގޯލަށް ވައްދާލައި ލިވަޕޫލަށް ލީޑު ނަގައިދިނީ މާނޭއެވެ. އޭގެ އިރުކޮޅެއް ފަހުން ޗެލްސީގެ ގޯލްކީޕަރު ކެޕާ އަރީޒާބަލާގާގެ ބޮޑު ގޯހެއްގެ ބޭނުން ހިފައި، މާނޭ ވަނީ އޭނާގެ ދެވަނަ ގޯލުވެސް ކާމިޔާބުކޮށްފައެވެ.
ޗެލްސީން ވާނާގެ ބާރު ދުވެލީގައި މަޑުމަޑުން ލިވަޕޫލަށް ނުރައްކާ ކުރި ނަމަވެސް، މާ ބޮޑު ހަމަލާއެއް އުފެއްދިފައެއް ނުވެއެވެ. އެންމެ ބޮޑު ނުރައްކަލަކަށްވީ ފަހު 30 މިނެޓް ތެރޭގައި ލިބުނު ޕެނެލްޓީއެވެ. ޖޯޖީނިއޯ ފޮނުވާލި އެ ޕެނަލްޓީ ލިވަޕޫލްގެ ބްރެޒިލް ކީޕަރު އެލިސަން ބެކާ ވަނީ ދިފާކޮށްފައެވެ.
މެޗަށްފަހު ލިވަޕޫލްގެ ކޯޗު ޔާގަން ކްލޮޕް ބުނެފައިވަނީ ފުރަތަމަ ހާފުގައި ޗެލްސީން ޑޮމިނޭޓްކޮށް ކުޅުނު ނަމަވެސް، ރަތް ކާޑާއެކު ލިވަޕޫލަށް މިނިވަންކަމާއެކު އެޓޭކް ކުރާނެ ފުރަސަތު ލިބުނު ކަމަށެވެ. ދެވަނަ ހާފުގައި ކުޅެން ނުކުމެ، މެދުތެރެއިން ތަފާތު މޮޅު ކުޅުމެއް ދެއްކި، ލިވަޕޫލާ އަލަށް ގުޅުނު އަލްކަންޓްރާއަށް ކްލޮޕް ވަނީ ތައުރީފުކޮށްފައެވެ.
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު