ފެނަކަ ކޯޕަރޭޝަނުން ވައްކަމާއި ކޮރަޕްޝަން ނުހިންގާނެ ކަމަށާއި ނުވެސް ހިންގޭނެ ކަމަށް އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު ވިދާޅުވެއްޖެ އެވެ.
ސައީދުގެ މައްޗަށް ކޮރަޕްޝަންގެ ބޮޑެތި ތުހުމަތުތަކަކާ އެކު އަމިއްލަ ފަރާތަކުން 27 މައްސަލައެއް ބަލައިދޭން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ވަނީ ހުށަހަޅައިފަ އެވެ.
ރާއްޖެ ޓީވީގެ "ފަލަ ސުރުހީ" ޕްރޮގްރާމްގައި ސައީދު ވިދާޅުވީ އެ ވާހަކަތަކަކީ ހަގީގަތެއް ނެތް ވާހަކަތަކެއް ކަމަށާއި ވައްކަން ކުރުމާއި ރިޝްވަތު ފައިސާ އާއި ރިޝްވަތުގެ މުދަލުގައި ހިފުމަކީ އޭނާ ދަންނަ ކަމެއް ނޫން ކަމަށެވެ. އެމައްސަލަތަކަކީ ހަސަދަ ވެރިވާ ފަރާތްތަކަކުން ހުށަހަޅާފައިވާ މައްސަލަތަކެއް ކަމަށެވެ.
"އަޅުގަނޑު ޔަގީނުންވެސް ވަރަށް ކެރިހުރެ ޗެލެންޖް ކޮށްފައި މި ދަންނަވަނީ ފެނަކައިން ވައްކަމެއް، ކޮރަޕްޝަނެއް މިއަދު ނުހިންގާނެ، ނުވެސް ހިންގޭނެ. އެކަމަކު އެކަމަށްޓަކައި ހަސަދަވެރިވާ ފަރާތްތަކެއް މެދުވެރިވެގެން އެފަދަ ކަމެއް އެތަނަށް ހުށަހެޅުމަކީ އަޅުގަނޑަށް ލިބިގެންދާ ވަރަށް ބޮޑު އުފަލެއް. އަޅުގަނޑު އެމައްސަލަ ގަބޫލުކޮށް، އެމައްސަލަ ވީހާވެސް މިނިވަންކަމާއި މުސްތަގިއްލުކަންމަތީގައި ބެލުމަށް އެފަރާތަށްވެސް ގޮވާލަން،" ސައީދު ވިދާޅުވި އެވެ.
ސައީދު ވިދާޅުވީ އެމައްސަލަތަކަކީ ބަޔަކު ރާވައިގެން ހިންގާ ކަމެއް ކަމަށާއި އެކަމުގައި 99 ޕަސެންޓް ޔަގީންކަންދޭ ކަމަށެވެ. އަދި އެބަޔަކު އެކަން ރާވައިގެން ހިންގަނީ، އެފަރާތްތަކަށް ބޭނުންވާ ނާޖާއިޒް ފައިދާތަކެއް މިއަދުގެ ފެނަކަ މެނޭޖްމެންޓުން ނުލިބޭތީ ކަމަށެވެ. އެހެން ނަމަވެސް އެމްޑީގެ މަގާމުގައި އޭނާ ހުންނެވިހާ ހިނދަކު އެއަމަލެއް ނުހިންގޭނެ ކަމަށާއި އެކަމަށް މަގުފަހިވާނެ ގޮތެއް އޭނާގެ ފަރާތުން ނުވާނެ ކަމަށް ސައީދު ވިދާޅުވި އެވެ.
"ފެނަކައިން ލިބޭ ހިދުމަތެއް، ފެނަކައިން ހޯދަން ޖެހޭ ހިދުމަތެއް ނުލިބިގެން އެހިދުމަތް ނުލިބޭ ކޮންމެ ފަހަރަކު އެއީ އެތާނގައި ހުންނަ މީހަކު ވައްކަންކޮށް ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް އަމަލާއި ބަސްމަގު ހުންނަ ކަމަށް ވަނީނަމަ އެއީ އެއީ ދެން ވަރަށް ބޮޑު ޖޯކެއް އަޅުގަނޑަށް." ސައީދު ވިދާޅުވި އެވެ.
ސައީދު ވިދާޅުވީ އޭނާ ފެނަކައާ ހަވާލުވި ފަހުން އޭސީސީއަށް ކުރިން ނުލިބިވާ މައުލޫމާތުތައް ފޯރުކޮށް ދިނުމަށް ވަރަށް ގިނަ އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށެވެ.
"އަޅުގަނޑެއް މައުލޫމާތު ނުދޭންވެގެން މޭޒު ތަންދޮށަށް ފާހަނާއަކަށް ނުވަންނާނަން. ވަރަށް މިނިވަން ކަމާއެކު މިތާ ހުންނަ ޑޮކިއުމެންޓްތައް އޭސީސީއަށް އަދި އެހެން ފަރާތްތަކަށްވެސް ބެލޭނެ."
ފެނަކައިގެ ތެރެއިން ވައްކަމުގެ އަމަލެއް ނުވަތަ ރިޝްވަތުގެ އަމަލަކަށް ކިރިޔާވެސް ޝައްކެއްވާ ނަމަ ހުށަހަޅަން ޖެހޭ އިދާރާތަކަށް ހުށަހަޅައިގެން ކުރިއަށް ގެންދިއުމަށް އޭނާ ވަނީ ރައްޔިތުންނަށް ގޮވާލައްވައިފައެވެ.
ފެނަކަ ކޯޕަރޭޝަން
ފެނަކަ ކޯޕަރޭޝަން