(17 ސެޕްޓެމްބަރުގެ އަދަދާ ގުޅޭ)
ކާވެނީގެ އީޖާބާއި ގަބޫލުގެ ރަސްމިއްޔާތު ނިމިއްޖެއެވެ. މެހުމާނު އަންހެނުން ماه بانو އަށް ތަހުނިޔާ ދަންނަވައި ހެޔޮދުޢާ ކުރުމަށްފަހު ގޭގެއަށްދާން ފަށައިފިއެވެ. މިހާރު އެކޮޓަރީގައި ތިއްބެވީ ماه بانو އާއި يـاسمـين އާ ދެބޭފުޅުން ގިނިކަންޏާއެވެ. حسّان ހިނިފުޅުވަޑުވަމުން ވަޑައިގެން އެކޮޓަރީގެ ދޮރުމައްޗަށް އަރައިވަޑައިގެންފިއެވެ. އެތެރެޔަށް ބައްލަވައިލެއްވުމަށްފަހު އެއްފަރާތަކަށް ޖެހިވަޑައިގެންފިއެވެ. حسّان ކޮޓަރިޔަށް ވެދެވަޑައިގެންފިއެވެ. "އަޅުގަނޑުގެ މުބާރިކުބާދީ ގަބޫލުކުރައްވާށެވެ. ލޯބިވާ ބޭބޭއެވެ!" يـاسمـين އެހެން ވިދާޅުވެފައި ކޮޓަރީން ބޭރަށް ނުކުމެވަޑައިގެންފިއެވެ.
ماه بانو ހައްތާވެސް ބޮޑަށް ދިޔައީ އިސްދަށަށް ޖެއްސެވެމުންނެވެ. حسّان ސިކުންތުކޮޅެއް ވަންދެން ހަނުހުންނެވުމަށްފަހު ކުރިޔަށް ވަޑައިގެން ވިދާޅުވިއެވެ. "ماه بانو އެވެ!" އޭނާ ލަދުފުޅުން ހުންނަވައި حسّان އާ ދިމާޔަށް ބައްލަވައިލެއްވުމަށްފަހު އަނެއްކާވެސް އިސްދަށަށް ޖައްސަވައިފިއެވެ. އޭނާ ބައްލަވައިލެއްވީ ދެބައިކުޅައެއްބައި ހުޅުވިފައިވާ ލޯފުޅަކުންނެވެ.
"ماه بانو އެވެ. އަޅުގަނޑުގެ އެކުވެރީން ވަޑައިގަންނަވަނީއެވެ."
"ކޮންތަނަކަށްތޯއެވެ؟" ماه بانو ސިހިވަޑައިގެންނެވުމާއެކު ސުވާލު ކުރެއްވިއެވެ. އޭނާގެ ފިކުރުފުޅު ބޮޑުވެފައިވާ ނަޒަރު حسّان ގެ މޫނުފުޅަށް ހުއްޓައިލައްވައިފިއެވެ.
"އަޅުގަނޑުމެން ހީރަތުގައި ތިއްބައި އަމުރު އައިސްފައިވަނީ ވަގުތުން މަދާއިނަށް ދިޔުމަށެވެ."
"ކަލާ...؟" ماه بانو ގެ ވާހަކަފުޅު އިތުރަކަށް ކުރިޔަކަށް ނުގެންދެވުނެވެ.
"އަޅުގަނޑަށްވަނީ ހަތަރު ދުވަހު ގޭގައި މަޑުކޮށްލުމުގެ ހުއްދަ ލިބިފައެވެ. އަޅުގަނޑު މަދާއިނަށް ދިޔުމުގެ ބަދަލުގައި ދާނީ ސީދާ ޖަލޫލާއު އަށެވެ. އަޅުގަނޑާއި ކަލާގެ ބޭބެއާ މިދަނީ އެބޭކަލުންގެ ދަތުރުފުޅު އެރެހައްޓާށެވެ. އަޅުގަނޑަށް ހުއްދަ އެބައޮތް ދޮގެއްތޯއެވެ؟"
ماه بانو ގެ މޫނުފުޅުމައްޗަށް ވެރިވެގަތީ ރީތި ހިނިފުޅުވެޑުވުމެއްގެ އަސަރެވެ. އޭނާ ވިދާޅުވިއެވެ. "سُهيل ކޮބައިތޯއެވެ؟"
"އޭނާވެސް އަޅުގަނޑާއެކު ވަޑައިގެންނެވިއެވެ. މިހާރު އޭނާ އެބަފޮނުވަމެވެ."
"އޭނާ މިތާ މަޑުކުރައްވާނީތޯއެވެ؟"
"ނޫނެކެވެ. އޭނާވެސް މަދާއިނަށް ވަޑައިގަންނަވާނެއެވެ."
+ + + + +
حسّان ގެ އެކުވެރީން ކޯރުގެ އައްސޭރީގައި ޢަޞުރު ނަމާދު ކުރެއްވުމަށްފަހު ބައްތެލިފަހަރަށް އަރައިވަޑައިގެންފިއެވެ. ބައްތެލިފަހަރު އަނެއްފަރާތު އައްސޭރިޔަށް ލެފުމުން حسّان ކޯރުގެ އައްސޭރީގެ ވެލިގަނޑުމަތީގައި އިށީނދެވަޑައިގެންފިއެވެ. އޭނާ ޒަރުބަޚުތާ މުޚާޠަބު ކުރައްވައި ވިދާޅުވިއެވެ. "އަސްތައް ފޮނުއްވައިލައްވާށެވެ. އަޅުގަނޑުމެން ދާނީ ހިނގައިފައެވެ."
އިރުކޮޅެއްވީއިރު ކާއޫސާއި އަވަށުގެ އެހެން މީހުންތައްވެސް ހިނގައްޖެއެވެ. حسّان އާއި ޒަރުބަޚުތާ ދެބޭފުޅުން ވެލިގަނޑުމަތީގައި ތިއްބަވައިގެން ހަވީރުގެ ހިތްފަސޭހަ ވަގުތުގެ އުފާ ހޯއްދަވަނީއެވެ. حسّان އިންނެވީ ކޮންމެވެސް ޚިޔާލުފުޅެއްގެ ތެރެޔަށް ގެއްލިވަޑައިގެންފައެވެ. ކޯރުގެ އައްސޭރިޔާ ދިމާއިން ފުސްވެފައިވާ އުދަރެހާ ދިމާޔަށް ބަލަހައްޓަވައިގެންނެވެ. ޒަރުބަޚުތު އިސްދަށަށް ޖައްސަވައިގެން އިންނަވައި މަޑު ވެލިގަނޑުގެ މަތީގައި އިނގިލިފުޅުން ރޮނގު ދަންމަވަމުން ގެންދަވަނީއެވެ.
"ޒަރުބަޚުތު!" حسّان އޭނާއާ ދިމާޔަށް އެނބުރިވަޑައިގެން ވިދާޅުވިއެވެ. "މިކޯރު މިވަނީ ހާދަހާ ގިނަ އިންޤިލާބުތަކެއް ދެކެފައެވެ. ވޭތުވެދިޔަ އަހަރުތަކުގައި މިކޯރުގެ އައްސޭރީގެ ވެލިގަނޑުމައްޗަށް އޭގެ ނިޝާން ދޫކޮށްފައިވަނީ އިންސާނީ މަތިވެރިކަމުގެ ކިހައިގިނަ ހާދިސާތަކަކާއި ކިތައް ވާހަކަތަކެއްތޯއެވެ؟ އަޅުގަނޑުމެންނަށް ފުރުސަތެއް ލިބިއްޖެނަމަ އަޅުގަނޑު ބޭނުންވަނީ ހީރަތުން ފެށިގެން ޝައްތުލްއަރަބާ ހަމަޔަށް ބައްތެއްޔެއްގައި ކޯރުގެ ތެރެއިން ދަތުރު ކުރާށެވެ. މިކޯރުގެ އައްސޭރީގައި ކުފުރާއި އިސްލާމާ ދެމެދު ވަރުގަދަ ކުރިމަތިލުންތައް ހިނގައިފައިވާ މުޤައްދަސް ތަންތަން ކަލާއަށް ދައްކާށެވެ. މަޒާރެވެ. ބުވައިބެވެ. ޤާދިސިއްޔާއެވެ. އޭގެ އިތުރަށްވެސް އެތައްތަނެއްގެ ޗާޓުވަނީ އަޅުގަނޑުގެ ސިކުނޑީގައި ބިންވަޅު ނެގިފައެވެ. އަޅުގަނޑުގެ ހިތަށް އަރައެވެ. ޤުދުރަތުގެ ކޮންމެވެސް މުޢުޖިޒާއަކުން ފުރާތުގެ ރާޅުތަކަށް ބަސްމޮށުންތެރިކަން ދެއްވާނެނަމަ އެރާޅުތަކުގެ ދޫމައްޗަށް ހާދަ ގިނަ ބުތޫލަތްތެރި އިންސާނުންތަކެއްގެ ނަންފުޅު އަންނާނެއެވެ. މިކޯރުގެ އައްސޭރީގެ މައިދާންތަކުގައި އިސްލާމްދީނުގެ ދިދަ އުފުއްލައިލެއްވި ވަރުގަދަ ބަޠަލުންތަކެވެ. އެބޭކަލުންގެ އެކުވެރިކަމުގައި ހޭދަކުރެވުނު ވަގުތުތަކަކީ އަޅުގަނޑުގެ ޙަޔާތުގެ އެންމެބޮޑު ރައުސުމާލެވެ.
ޒަރުބަޚުތުއެވެ! އަޅުގަނޑު ކަލާގެ ހަވޭލީން ނުކުތްއިރު އަޅުގަނޑުގެ ކުރިމަތީގައިއޮތީ މާޔޫސްކަމާއި ގޮތްހުސްވުމުގެ އަނދިރިކަން އެކަންޏެވެ. އެހެން އެއްވެސް އެއްޗެއް ނެތެވެ. ޢިރާޤުގެ ސަރަޙައްދުން ބޭރުވެވުމަށްފަހު އަޅުގަނޑަށް ލިބުނު ހިތްހަމަޖެހުމަކީ ހުރުމުޒުގެ އަނިޔާވެރި ދިގު އަތްޕުޅު އަޅުގަނޑުގެ ވައިނޮޅިއާ ހަމަޔަށް ނުފޯރާނެކަމުގެ ހިތްހަމަޖެހުމެވެ. ބީރައްޓެހި ހާލުގައިވިޔަސް ޙަޔާތުގެ ބާކީއޮތްބައި ސަލާމަތުން ހޭދަކުރެވިދާނެކަމުގެ ހިތްހަމަޖެހުމެވެ. އެކަމަކު مثــنّـى بــن حــارثـــة رضى اللّـه عنــه އާ ބައްދަލުވެވުމާއެކު އަޅުގަނޑުގެ ހިތް އުންމީދުތަކާއި ހިތްވަރާއި ޖޯޝުން ފުރިއްޖެއެވެ. ދެން އަޅުގަނޑު ބައިވެރިވީ އެ ޤާފިލާއެއްގެ އާރުކާޓީގެ ނަޒަރު ފުރާތާއި ދިޖުލާ ކޯރަށްވުރެ މާދުރަށް ފޯރާ ޤާފިލާއަކާއެވެ. އޭރު މުޖާހިދުންގެ ކުޑަކުޑަ މީސްކޮޅެއް ކިސްރާގެ ގަދަފަދަ ރަސްކަމާ ތޮޅެން ދިމާކުރުމަކީ ހެއްވާކަމެއް ކަހަލައެވެ. އަޅުގަނޑު ހަމައެކަނި ސިފައިންގެ މީހެއްގެ ނަޒަރުން ވިސްނައި ބޭރުފުށުގެ ސަބަބުތަކަށް އެކަނި ފިކުރު ހިންގިނަމަ، އަޅުގަނޑަށްވެސް މިއީ މޮޔަކަމެއް ކަމުގައި ބުނެވުނީސްކަމުގައި ވެދާނެއެވެ. ނަމަވެސް އެހިތްވަރުފުޅުގަދަ ވަރުގަދަ ޢަޒުމުފުޅަކާއި، ނުގުޑާފަދަ ސާބިތުކަމެއްގެ ވެރި ޤާއިދު އަޅުގަނޑުގެ ވިސްނުމުގެ މިސުރާބު ބަދަލުކޮށްލެއްވިއެވެ. ފަޖުރު ތަރީގެ އަލިކަން ރޭގަނޑުގެ ދަތުރުވެރީންނަށް އިރުއަރައި އަލިވުމުގެ އުފާވެރި ޚަބަރު ގެނެސްދޭ ފަދައިންނެވެ. مثــنّـى بــن حــارثـــة رضى اللّـه عنــه ގެ ބެއްލެވުމުގެ އަލިކަމުގެ ތެރެއިން އަޅުގަނޑަށް ފެނުނީ އަނިޔާއާއި، ވަހުޝީކަމާއި، ގޮށްމުށުބާރުގެ ކަޅުހިޔަނި ކުރުވަމުން ދާތަނެވެ. ކުޑަވަމުން ފިލަމުން ދާތަނެވެ. ހިޖާޒުގެ ޤާފިލާއަށް ޢިރާޤަށް ދަތުރުކުރާ މަގު ދެއްކެވި މަތިވެރި ޤާއިދު މިހާރު ދުނިޔެއަކު ވަޑައިގެނެއް ނެތެވެ. ނަމަވެސް އެ އަލިކަން ދުވަހަކުވެސް އަޅުގަނޑުގެ ލޯމަތީން ކެހިގެންނެއް ނުދާނެއެވެ. މަދާއިނު ޙިމާޔަތްކުރާން ރުކުރުވައިލައިފައި އޮތް ކިސްރާގެ ގަދަފަދަ ބިޔަ ލަޝްކަރު ފެންނާން އޮއްވައި އަޅުގަނޑުމެން ދިޖުލާ ކޯރަށް އަސްމަތީގައި ފޭބިއިރު އަޅުގަނޑަށް އިޙުސާސުވަމުންދިޔައީ مثــنّـى އާއި އެކަލޭގެފާނުގެ ހިތްވަރުފުޅުގަދަ އެކުވެރީންގެ ރޫޙުފުޅުތައް ޤަޞްރު އަބްޔަޟުގެ ދޮރޯށިކޮޅު މަތީގައި އަޅުގަނޑުމެންގެ އިންތިޒާރުގައި ތިއްބެވިހެންނެވެ."
ޒަރުބަޚުތު ވިދާޅުވިއެވެ. "ކާއޫސު އަޅުގަނޑަށް ވަނީ مثــنّـى ގެ ވަރުގަދަ ޢަޒުމުފުޅާއި ސާބިތުކަމާއި ހިތްވަރުފުޅުގެ ވާހަކަ ކިޔައިދީފައެވެ. އަޅުގަނޑުގެ ހިތަށް ވަރަށްގިނަ ފަހަރަށް އަރައެވެ. އަޅުގަނޑަށްވެސް ކަލާގެ އަރިހުގައި ހުރެވުނުނަމައެވެ. ބަހުރައިނުގެ ޢަރަބި ޤަބީލާއެއްގެ ރައީސަކު ކިސްރާގެ ރަސްކަމާ ދެކޮޅަށް ހަނގުރާމަފެށި ޚަބަރު މަދާއިނަށް ދިޔުމުން އަޅުގަނޑުމެން ހައިރާންވިއެވެ. ކިސްރާގެ ބޮޑުރަސްކަމާ ތޮޅެން މުސްލިމުންނަށް ކެރޭނެކަމަކަށެއް އަޅުގަނޑުމެން ހީއެއް ނުކުރަމުއެވެ. މި މައްސަލައާމެދު ވިސްނައިލަން ޖެހިއްޖެކަން އަޅުގަނޑުމެން އެންމެފުރަތަމަ ފަހަރަށް އިޙުސާސްކުރީ خــالــد بــن الـوليـد رضـى اللّـه عنـــه އިސްލާމީ ލަޝްކަރުގެ ކޮމާންޑަރުކަމާ ހަވާލުވެވަޑައިގެންނެވުމުންނެވެ. އެއަރައި ހުންނެވި ޢަސްކަރީ ޖަނަރަލްގެ މަޝްހޫރުކަމުގެ ވާހަކަ އޮތީ މަދާއިނުގެ ދަރުބާރާ ހަމަޔަށްވެސް ފޯރައިފައެވެ. ނަމަވެސް އިސްލާމީ ލަޝްކަރުގެ އަދަދަށް ވިސްނައިވަޑައިގެން އީރާނުގެ ޢަސްކަރީ ކޮމާންޑަރުން ތިއްބެވީ މުސްލިމުންނަކީ އީރާނަށް ނުރައްކަލަކަށް ވެދާނެކަމަށް ޚިޔާލު ކުރައްވަންވެސް ތައްޔާރަކަށެއް ނޫނެވެ. ނަމަވެސް خــالــد ވަނީ އެންމެފުރަތަމަ މަޢުރިކާއިންވެސް އަޅުގަނޑުމެންގެ ލޯތައް ހުޅުއްވައިދެއްވައިފައެވެ. ނަމަވެސް އެކަލޭގެފާނު އަޅުގަނޑުމެންގެ ލަޝްކަރު އެތައް މައިދާންތަކެއްގައި ބަލިކުރެއްވުމަށްފަހު ޝާމްކަރައިގެ މައިދާނަށް ބަދަލުވެވަޑައިގެންނެވުމުން އަނެއްކާވެސް އަޅުގަނޑުމެންނަށް ހިތްހަމަޖެހުމުގެ ނޭވާއެއް ލެވުނެވެ. އަޅުގަނޑުމެން ޔަގީންކޮށްގެންތިބީ مثــنّـى ގެ އަރިހުގައި ތިބި ކުޑަކުޑަ މީސްކޮޅަށް އެއްވެސް މައިދާނެއްގައި އަޅުގަނޑުމެންގެ ކުރިމަތީގައި ސާބިތުވެ ނުތިބެވޭނެކަމުގައެވެ. ނަމަވެސް އެކަލޭގެފާނު ވަރަށް އަވަހަށް އަޅުގަނޑުމެންގެ ހުވަފެން ބިލާހަކަށް ހައްދަވައިލައްވައިފިއެވެ.
ބުވައިބުގެ މައިދާނުގައި އަޅުގަނޑުމެންގެ ލަޝްކަރު ބަލިވި ވާހަކަޔާއި ލިބުނު މާސިންގާ ހަލާކުގެ ޚަބަރު އަޅުގަނޑަށް ލިބުނީ އަޅުގަނޑު ޖަލުގައި ހުއްޓައެވެ. އަޅުގަނޑު ވިސްނުމުގައި مثــنّـى ގެ އެފަތަޙައަކީ މުޢުޖިޒާއަކަށްވުރެ ކުޑަކަމެއް ނޫނެވެ. އަޅުގަނޑު ޖަލުން ސަލާމަތްވުމަށްފަހު ޤާދިސިއްޔާގެ މަޢުރިކާގެ ޚަބަރު އިވުމުން އަޅުގަނޑުގެ ހިތުގައި ވަރަށް މުހިންމު ސުވާލެއް އުފެދުނެވެ. މުސްލިމުންގެ ލަޝްކަރުގައި ކިތައް خــالــد އާއި ކިތައް مثــنّـى އަދިވެސް އެބަތިއްބެވި ބާވައެވެ. މިސަހަރާވީ ބަދަވީން އީރާނާއި ރޫމީންގެ ނަންހުރި ތަޖުރިބާކާރު ޖަނަރަލުންނަށްވުރެ ކުރިއަރައިގެން މިދަނީ ކޮންތަނަކުހުރި ޢަސްކަރީ ޔުނިވަރސިޓީއަކުން ކިޔަވައި ތަމްރީނުވެގެން ބާވައެވެ؟"
حسّان ހިނިފުޅު ވަޑުވައިލެއްވިއެވެ. "އެއީ އިންސާނާގެ ރޫޙާއި ޖިސްމަށް މިނިވަންކަމުގެ ނިޢުމަތް ހޯދައިދިން މާތް މަތިވެރި ދީނުގެ ދީލަތިކަމުގެ ނަތީޖާއެވެ. (އިސްލާމްދީނުގެ ނަބިއްޔާ ސުވަރުގެ ވަޑައިގެންނެވިއިރު ޢަރަބިކަރައިގެ ހަނަފަސް ސަހަރާވަނީ ބަޠަލުންގެ ނާސަރީއަކަށް ބަދަލުވެފައެވެ. އެ ނާސަރީން ނުކުމެވަޑައިގެންފައިވަނީ އެހެން އެއްވެސް ނާސަރީއަކުން ނުއުފެއްދޭފަދަ މަތިވެރި އަދި އެހައިމެ ގިނަ އަބުޠާލުންނެވެ.) ޤާދިސިއްޔާގެ މައިދާނުގައި ހުންނެވިނަމަ ކަލާއަށް ފެނިވަޑައިގެންނެވީހީ މުސްލިމުންގެ ކޮންމެ މުޖާހިދެއްގެ ހިތުގައި خــالــد بــن الـوليـد ގެ ހިތްޕުޅުގައިވާފަދަ ބަލިކޮށްނުލެވޭނެ ހިތްވަރާއި ފަންވަރު ހުއްޓައެވެ. ކޮންމެ މުޖާހިދެއްގެ ލޯމަތީން ފެނިވަޑައިގެންނެވީހީ مثــنّـى بــن حــارثـــة ގެ ޢަޒުމާއި ޔަގީންކަމުގެ އަލިކަމެވެ. އީރާނާއި ރޫމުގެ މަޢުރިކާތަކުން އަޅުގަނޑު ވަނީ ކިސްރާއާއި ޤައިސަރުގެ އަޅުންގެ މަސައްކަތުގެ ފޭރާން ހުރިގޮތް ދެކެފައެވެ. ނަމަވެސް ޤާދިސިއްޔާގެ މައިދާނުގައި ތިއްބެވި މުޖާހިދުންގެ ފަރާތްޕުޅުން އަޅުގަނޑު ދެކެފައިވަނީ އެބަޔެއްގެ ބޯމަތީގައި މާތް اللّـه ގެ ޢިނާޔަތްތެރިވަންތަކަމާއި ޔަދުޤުދުރަތްޕުޅުގެ ހިޔާވަހިކަން ފެތުރިފައިވާ މުޖާހިދުންގެ ކީރިތިކަމާއި މޫރިތިކަމެވެ. ޒަރުބަޚުތުއެވެ! އަންނަނިވި ނަސްލުތައް އެ ޤާފިލާއެއްގެ ހިރަފުހުގެ ތެރެއިން އިންސާނީ މަތިވެރިކަމާއި ޝަރަފުވެރިކަން ހޯދާނެ ޤާފިލާ އަޅުގަނޑަށްވަނީ ލޮލަށް ފެނިފައެވެ."
ޒަރުބަޚުތު މޮޅިވެރި ރާގެއްގައި ވިދާޅުވިއެވެ. "حسّان އެވެ! ކަލާގެ ނަސީބުފުޅު ވަރަށް ރަނގަޅެވެ. ކަލާ ހުންނެވީ އެމަތިވެރި ޤާފިލާއާ އެކުގައެވެ. އެކަމަކު އަޅުގަނޑަށް ހުރެވުނީ ކަނުއަނދިރީގެ ތެރޭގައި ގަނަތެޅިތެޅިއެވެ."
حسّان ލޯބިފުޅުން ޒަރުބަޚުތުގެ ކޮނޑުފުޅުމަތީގައި އަތްޕުޅު ބާއްވަވައިފައި ވިދާޅުވިއެވެ. ކަޅުއަނދިރި ރޭރޭގައި އަނދިރީގެ ތެރޭގައި ގަނަތެޅޭ މީހުންގެ ހިތްތަކުގައި ފަތިހުގެ އަލިކަމުގެ ޤަދަރު މާބޮޑުވާނެއެވެ. އަޅުގަނޑު އެއްދުވަހަކު مثــنّـى بــن حــارثـــة رضى اللّـه عنــه އަށް އަޅުގަނޑުގެ ޙަޔާތުގެ ވާހަކަ ދަންނަވައިދިނީމެވެ. އެވާހަކައިގެ ތެރެއިން ކަލާގެ ޚާންދާނުގެ ވާހަކަ ދެންނެވުމުން مثــنّـى ގެ ހިތްޕުޅަށް ވަރަށްބޮޑަށް އަސަރު ކުރިއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. "ތިޔަފަދަ މީހުންނަކަށް އިސްލާމްދީނާ ދުރުގައި މާގިނަދުވަހަކު ނުތިބެވޭނެއެވެ."
ޒަރުބަޚުތު ވިދާޅުވިއެވެ. "حسّان އެވެ. މާޒީގެ ފަރުވާކުޑަ ކުރެވުމުގެ ބަދަލު މުސްތަޤުބަލުގައި އަޅުގަނޑަށް ހޯދޭތޯ ކަލާ ދުޢާކޮށްދެއްވާށެވެ. ކަލާ އަޅުގަނޑާމެދު ކުރައްވާ ހެޔޮ އުންމީދުތައް ފުރިހަމަކުރެވޭނެ އޮތީ އެންމެ ގޮތެކެވެ. އެގޮތަކީ އަޅުގަނޑު ޖިހާދުގައި ބައިވެރިވުމެވެ. ކުޑަކުޑަ ލަޝްކަރެއް ތައްޔާރުކުރާކަށެއް އަޅުގަނޑަކަށް މާކަގިނަދުވަސްތަކެއް ބޭނުމެއް ނުވާނެއެވެ. މި ސަރަޙައްދުގައި އަޅުގަނޑުގެ މަސްއޫލިއްޔަތު ކާއޫސާއި عـدى އާ ހަވާލުކުރެވިދާނެއެވެ. ލަޝްކަރުގެ އަމީރު އަޅުގަނޑުގެ ދެންނެވުން ގަބޫލުކުރައްވައިފިނަމަ އީރާނުގެ ދެންހުރި މަންޒިލުތަކުގައި ކަލާގެ އަރިހުން އަޅުގަނޑު ފެނިވަޑައިގަންނަވާނެއެވެ."
+ + + + +
އުފާފާގަތިކަމުގެ ހަތަރު ދުވަސް ފާއިތުވީ ވަރަށް އަވަހަށެވެ. ރީތި ހިތްގައިމު ހުވަފެނެއް ފަދައިންނެވެ. ފަސްވަނަޔަށްވީ ދުވަހުގެ ހެނދުނު ހެނދުނާ حسّان ދަތުރުފުޅަށް ތައްޔާރުވެވަޑައިގަންނަވާން ފައްޓަވައިފިއެވެ. ماه بانو ގެންދެވީ އޭނާގެ މޫނުފުޅުމަތީގެ އުދާސްކަން ހިނިފުޅުވެޑުވުމުގެ ތެރޭގައި ފޮރުއްވަވަން މަސައްކަތްޕުޅު ކުރައްވަމުންނެވެ. حسّان ދަހަނާ އެޅުއްވުމަށްފަހު ކަނޑިކޮޅު ނަންގަވައިފިއެވެ. ކަނޑިކޮޅުގެ ތަސްމާ ކަމަރުގައި ހަރުކޮށްލައްވައިފިއެވެ. އިސްތަށިފުޅުގައި ދަގަނޑު ތާކިހާކޮޅު އަޅުއްވައިފިއެވެ. حسّان އޭނާގެ ޙަޔާތްޕުޅުގެ ބައިވެރިޔާއާ ދިމާޔަށް ބައްލަވައިލެއްވިއެވެ. އޭނާ ވިދާޅުވިއެވެ.
"ماه بانو އެވެ! މާތް اللّـه ކަލާ ރައްކާތެރި ކުރައްވާށިއެވެ!"
"މާތް اللّـه ރައްކާތެރި ކުރައްވާށިއެވެ." ماه بانو ތުރުތުރުއަޅާ އަޑުފުޅަކުން ވިދާޅުވިއެވެ. حسّان ސިކުންތުކޮޅެއްހައި އިރަށް ماه بانو ގެ މޫނުފުޅަށް ބައްލަވައިލެއްވިއެވެ. حسّان ގެ ނަޒަރުގޮސް ހަރުލީ ماه بانو ގެ ރީތި ލޯފުޅުގެ ފުންކަމުގެ ތެރޭގައެވެ. ލޯތްބާއި ކިޔަމަންތެރިކަމުގެ ރާޅު ބިންދަބިންދައި އޮތް ކަނޑެއް އެލޯފުޅުގެ ތެރޭގައި އޮތްކަހަލައެވެ.
"ماه بانو އެވެ! إنشـاءاللّـه އަޅުގަނޑު ވަރަށް އަވަހަށް އެނބުރި އަންނާނަމެވެ!"
"މާތް اللّـه ކަލާ ޙިމާޔަތްކުރައްވައި ނަޞުރު ދެއްވުމުގައި ވޮޑިގެންވާށިއެވެ!"
حسّان ކުއްލިޔަކަށް ފަހަތަށް އެނބުރިވަޑައިގެން ވަރަށްދިގު ފިޔަވަޅުފުޅުތަކެއް އަޅުއްވަމުން ބޭރަށް ނުކުމެވަޑައިގެންފިއެވެ. ފެންޑާމަތީގައި يـاسمـين ހުންނެވިއެވެ. އޭނާ حسّان އާ ސަލާމްކުރެއްވުމަށްފަހު އޭނާގެ ސަލާމަތަށް އެދިވަޑައިގެން ދުޢާކުރައްވައިފައި ماه بانو ގެ ކޮޓަރިއަށް ވެދެވަޑައިގެންފިއެވެ.
حسّان ހަވޭލީން ބޭރަށް ނުކުމެވަޑައިގެންނެވިއިރު ޖިހާދުގެ ޝައުޤުވެރިކަމުގައި حسّان އާ ބައިވެރިވާން އެއަވަށުން އައިސްތިބި ފަނަރަ ޒުވާނުން އަސްތަކުގެ ލަގަނުގައި ހިފަހައްޓައިގެން ތިއްބެވެ. ޒަރުބަޚުތު ހުންނެވީ އެމީހުނާ ވާހަކަ ދައްކަވާށެވެ. ކާއޫސާއި عـدى އާއި އަވަށުގެ ބައެއް އެހެންމީހުންވެސް حسّان އަށް އަލްވަދާޢު ދަންނަވާން އައިސް ތިއްބެވެ. ޒަރުބަޚުތުގެ ނޯކަރެއް حسّان ގެ އަހުގެ ލަގަނުގައި ހިފަހައްޓައިގެން ހުއްޓެވެ. حسّان އެ އެންމެންނާ ވަކިވަކީން މުސާފަޙާ ކުރެއްވުމަށްފަހު އަސްމައްޗަށް ސަވާރުވެވަޑައިގެންފިއެވެ.
ކުޑައިރުކޮޅެއްގެފަހުން حسّان އާއި އޭނާގެ އެކުވެރީން ކޯރާ ދިމާޔަށް މިސުރާބު ޖެއްސެވިއިރު ماه بانو އާއި يـاسمـين އާ ދެބޭފުޅުން ހަވޭލީގެ ހާމަ ފުރާޅުމަތީގައި އެމަންޒަރު ބައްލަވާން ތިއްބެވިއެވެ.
(ނުނިމޭ)
އިސްލާމީ ތާރީޚު
އިސްލާމީ ތާރީޚު
އިސްލާމީ ތާރީޚު
އިސްލާމީ ތާރީޚު