ރާއްޖޭގެ ގުދުރަތީ ރީތިކަން ދެމެހެއްޓުމަށް އެކަށީގެންވާ ފައިސާގެ އެހީ ބޭނުންވާކަމަށް އެންވަޔަރަމެންޓް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަން ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު މިފަދައިން ވިދާޅުވީ ޔުނައިޓެޑް ނޭޝަންސް ކޮންވެންޝަން ޓު ކޮމްބެޓް ޑެސަޓިފިކޭޝަން (ޔޫއެންސީސީޑީ) އާއި ކޮމަންވެލްތް ގުޅިގެން ބޭއްވި ހައިލެވެލް މިނިސްޓީރިއަލް ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ.

އދ.ގެ 75 ވަނަ ޖެނެރަލް އެސެމްބްލީގެ ހަވާސާގައި ބޭއްވި އެ ބައްދަލުވުމަކީ ޔުނައިޓެޑް ނޭޝަންސް ކޮންވެންޝަން ޓު ކޮމްބެޓް ޑިޒާޓިފިކޭޝަން (ޔޫއެންސީސީޑީ) އަދި ކޮމޮންވެލްތު ސެކްރެޓޭރިއެޓް ގުޅިގެން ބޭއްވި ބައްދަލުވުމެކެވެ. އެ ބައްދަލުވުމުގައި ޔޫ އެންސީސީޑީ އާއި ކޮމަންވެލްތު ގުޅިގެން، މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން ތިމާވެށްޓަށް ކުރާ އަސަރު ކުޑަކުރުމަށް ކުރެވޭ މަސައްކަތްތަކާމެދު މެންބަރު ގަމުގެތަކުގެ މެދުގައި މަޝްވަރާކޮށްފައިވެ އެވެ.

އެ ބައްދަލުވުމުގައި މިނިސްޓަރު ހުސައިން ރަޝީދު ވިދާޅުވީ، ދުނިޔެ ހޫނުވުމާއި ގުޅިގެން ކަނޑުގެ ލޮނުގަނޑު އުފުލުމާއި މުރަކަ ހުދުވުމުގެ އިތުރުން މޫދުގެ ބައެއް ދިރުންތައް ނެތިދިއުން ފަދަ ކަންތައްތަކާ ރާއްޖެފަދަ ޖަޒީރާ ގައުމުތަކާއި ކުރިމަތިލާން ޖެހޭ ކަމަށާއި އެހެންކަމުން ޕެރިސް އެގްރީމަންޓުގައި ވާގޮތަށް ދުނިޔޭގެ ހޫނުމިން 1.5 ޑިގްރީސް އަށްވުރެ އިތުރުވިޔަނުދިނުމަށް ހުރިހާ ގައުމުތަކުގެވެސް އެއްބާރުލުން ބޭނުންވާ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ މި ސަރުކާރުގެ އެންމެ ބޮޑު އެއް އަމާޒަކީ ނޫ އިގްތިސާދު ކަމަށާއި އެކަންތައް ހާސިލުކުރެވޭނީ ދެމެހެއްޓެނިވި ގޮތެއްގައި ތިމާވެށި ރައްކާތެރިކުރެވޭނެ ގޮތްތައް ހޯދައިގެންކަމަށެވެ. ތިމާވެށި ރައްކާތެރިކުރުމަށް މިހާރުވެސް ރާއްޖެއިން ގިނަގުނަ ކަންތައްތައް ކުރަމުން އަންނަކަން ފާހަގަކުރައްވަމުން މިނިސްޓަރު ވިދާޅުވީ ގުދުރަތީގޮތުން ހާއްސަ ސިފަތަކެއް ލިބިފައިވާ ތަންތަން ހިމާޔަތްކުރަމުން ގެންދާކަމަށެވެ. ރާއްޖޭގެ ގުދުރަތީ ރީތިކަން ދެމެހެއްޓުމަށް އެކަށީގެންވާ ފައިސާގެ އެހީ ބޭނުންވާކަމަށާއި މޫސުމަށް އަންނަ ބަދަލުތަކާއި ކުރިމަތިލާއިރު ރާއްޖެ ފަދަ ބިންތިރި ގައުމަކަށް މޫސުމަށް އަންނަ ބަދަލުތަކުން ލިބޭ ގެއްލުން ކުޑަކުރުމަށް ބޭނުންވާ ފައިސާގެ އެހީ ނުލިބޭނަމަ ދިމާވާނެ ގެއްލުންތަކާއި ގުޅޭގޮތުން މިނިސްޓަރު ވަނީ ކަންބޮޑުވުން ފާޅުކުރައްވައިފައެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުންނާއި އެހެނިހެން ގޮތްގޮތުންވެސް ކަނޑުގެ ދިރުންތަކަށް ގެއްލުން ލިބެމުންދާ ކަމަށާއި އެކަންކަން ހައްލުކުރަން ކެނޑިނޭޅި މަސައްކަތްކުރަމުން އަންނަ ކަމަށެވެ.

އެ ބައްދަލުވުމުގައި، ކޮމަންވެލްތުގެ މެންބަރު ގައުމުތަކުގެ ތިމާވެށްޓާބެހޭ ވަޒީރުންނާއި ތިމާވެށްޓާބެހޭ ބައިނަލްއަގްވާމީ މުއާހަދާތަކުގެ އިސްވެރިންނާއި އަދި ތިމާވެށި ހިމާޔަތްކުރުމުގެ މަސައްކަތުގައި ހަރަކާތްތެރިވާ ޖަމިއްޔާތަކުންވެސް މަންދޫބުން ބައިވެރިވިއެވެ.