ރާއްޖޭގެ މަސްވެރިކަން ރަނގަޅުވާ ދުވަސްވަރު މަސް ކިރުވުމަށް ދިމާވާ މައްސަލަ ހައްލު ކުރުމަށްޓަކައި، މަސްވެރިކަން ރަނގަޅުވާ ދުވަސްވަރަށް އަމާޒު ކޮށްގެން އިތުރު ތިން ބޯޓެއް ގަންނަން ސަރުކާރުން މަސައްކަތް ކުރަމުން އަންނަކަމަށް މިނިސްޓަރު އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗާ ޑރ. ހުސެއިން ރަޝީދު ހަސަން ވިދާޅުވެއްޖެއެވެ.

މިނިސްޓަރު އެހެން ވިދާޅުވީ، މަޖިލީހުގެ މިއަދުގެ ޖަލްސާގައި މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ. ޝަރީފް ސުވާލު ކުރެއްވީ، ކުރިއަށް އޮތް މޫސުމަކީ މަސްވެރިކަމުގެ މޫސުމަކަށްވާއިރު އެ މޫސުން އަންނަންވާއިރަށް މަސް ގަތުމުގެ ކެޕޭސިޓީ ކިހާމިންވަރަކަށް އިތުރުވެގެން ދާނެތޯ އޮޅުން ފިލުވުމަށެވެ.

ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ ގިނައިން މަސް ބާނާ މޫސުމުގައި މަސް ގަތުމުގެ ކެޕޭސިޓީ އިތުރު ކުރުމަށްޓަކައި ސަރުކާރުން، ރޭވުންތަކެއް ރާވާފައިވާ ކަަށެވެ.

"އެގޮތުން އިތުރު ތިން ބޯޓެއް ގަންނަން މިހާރުވެސް މަސައްކަތް ކުރަމުން އެބަދޭ، ދެން މަސްވެރިކަން ރަނގަޅުވާއިރަށް މި ބޯޓުތައް ރާއްޖެ ގެނަސް މަސް ކިރުމުގެ މަސައްކަތްތައް ފެށޭނެ ކަމަށް އަޅުގަނޑު އުއްމީދު ކުރަނީ،" މިނިސްޓަރު ވިދާޅުވިއެވެ.

އިތުރު ބޯޓު ގަންނަން ނިންމީ މަސްވެރިކަމުގެ މޫސުން އަންނަން މިއޮތް ކުރު މުއްދަތުގެ ތެރޭގައި ކޯލްޑް ސްޓޯރޭޖާއި އަދި ބްރައިން ކެޕޭސިޓީ އިތުރު ކުރުމަށް ބަލައި އިރު، އެ މުއްދަތުގެ ތެރޭގައި އެކަން ނުކުރެވިދާނެތީ އާއި މޯބައިލް ފެސިލިޓީ ހުރުމަކީ މުހިއްމު ކަމަކަށްވާތީ ކަމަށްވެސް ވިދާޅުވިއެވެ.

"މިހާރު ގަންނަން މަސައްކަތް ކުރަމުންދާ ފެސިލިޓީސް އަޅުގަނޑުމެންނަށް ގެނެވުނީމާ މަސްވެރިކަމަށް ރަނގަޅު މޫސުމުގައި، ފަހި މޫސުުމުގައި ބާނާ މަސް ގަންނަން ތާށިކަމެއް ކުރިމަތިވިޔަ ނުދީ އެކަންކުރެވޭނެ،" މިނިސްޓަރު ވިދާޅުވިއެވެ.