މިނިސްޓްރިއޮފް ފިޝަރީޒް އެންޑް އެގްރިކަލްޗާ އިން އިތުރު ދެ ރަށެއްގައި ރުއް އިންދުމުގެ ޕްރޮގްރާމް ކުރިއަށް ގެންގޮސްފިއެވެ.

ރުކުގެ އާޖީލެއް ބިނާކުރުމަށް ސަރުކާރުން ހިންގާ ރުއް އާލާކުރުމުގެ ޕްރޮގްރާމްގައި އިއްޔެގެ ވަގުތެއްގައި ށ. ގޮއިދޫ އަދި ހދ. ކުރިނބީގައި ވަނީ ރުއް އިންދުމުގެ ޕޮރޮގްރާމް ކުރިއަށްގެންގޮސްފައި ކަމަށް އެ މިިސްޓްރީން ބުނެއެވެ. މި ޕްރޮގްރަމްގައި ކޮންމެ ރަށެއްގެ ކައުންސިލާއި ރަށުގެ އާއްމު ރައްޔިތުން ބައިވެރިވި ކަމަށް ވެސް އެ މިނިސްޓްރީން ބުނެއެވެ.

ރާއްޖޭގައި ކާށި އަދި ކުރުނބާ ލިބުން ދަތި ވުމުން އެގްރިކަލްޗާ މިނިސްޓްރީން ރާއްޖެއަށް 5000 ރުކުގެ އާ ޖީލެއް ގެނައީ މި އަހަރުގައެވެ. މި 5000 ރުއް ރާއްޖޭގެ 7 އަތޮޅެއްގެ 11 ރަށަކަށް ބެހުމަށް ވަނީ ނިންމާފައެވެ. މި ޕްރޮގަރާމަކީ އެގްރިކަލްޗާ މިނިސްޓްރީން ގްރީން ފަންޑުގެ މާލީ އެހީގެ ދަށުން ކުރިއަށްގެންދާ ޕްރޮގަރާމްއެކެވެ. މިއީ 3 ނުވަތަ 4 އަހަރުގެ ތެރޭގައި ފޯދޭނެ ރުއްތަކެއް ކަމަށް އެ މިނިސްޓްރީން ބުނެއެވެ.

މި ރުއްތައް ބެހުމަށް ހަމަޖެހިފައިވަނީ އެ މިނިސްޓްރީގެ ބެލުމުގެ ދަށުން އަތޮޅުތެރެއަށް، 3 ބުރަކަށް ބަހާލައިގެން ކަމަށް އެ މިނިސްޓްރީން ބުނެއެވެ.

އެގްރިކަލްޗަ މިނިސްޓްރީން ރަށްރަށަށް ރުއްތައް ބެހުމަށް ނިންމާފައިވާއިރު، ރަށްރަށަށް އެ ރުއްތައް ބަހާނީ، ދާއިމީ ގޮތެއްގައި ބެލެހެއްޓޭނެ އިންތިޒާމުތަކެއް ހަމަޖެއްސޭތޯ ބެލުމަށްފަހު ކަމަށްވެސް އެ މިނިސްޓްރީން ބުނެއެވެ.

އެގޮތުން ރަށްރަށުގެ ރަށު ކައުންސިލްތަކާ މަޝްވަރާކޮށް ރުއްތައް ބެލެހެއްޓުމަށް ވަކި ބަޔަކު ހާއްސަކުރުމަށް މަސައްކަތްކުރާނެ ކަމަށް އެ މިނިސްޓްރީން ބުނެއެވެ. އެގްރިކަލްޗަ މިނިސްޓްރީން ލަފާކުރަނީ ރަށްރަށަށް ބެހުމަށް ރައްޖެއަށް ގެނައި ރުއްތަކުން 2 ނުވަތަ 3 އަހަރުތެރޭ ފައިދާ ފެންނާނެކަމަށެވެ. އެ މިނިސްޓްރީގެ އަމާޒަކީ ރާއްޖޭގެ ހުރިހާ އަތޮޅުތަކެއްގައި ވެސް ރުއްދަނޑުތައް ހެއްދުންކަމަށް ބުނެއެވެ.