ސިނަމާލެ ބުރިޖާ ގުޅިފައިވާ ހައިވޭގައި މީހަކު ނަމާދުކުރާ ވީޑިއޯއެއް އާންމުވެއްޖެއެވެ.

މައުލޫމާތު ލިބޭ ގޮތުގައި އެމީހާ ހައިވޭގައި ނަމާދުކޮށްފައިވަނީ މިދިޔަ ބުދަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައެވެ. އަދި އޭނާ ހައިވޭގައި ނަމާދު ކުރީ، ހައިވޭގައި އެދުވަހު ހިނގި އެކްސިޑެންޓަށް ފަހު ކަމަށްވެސް އެނގިފައިވެއެވެ. އެމީހާ ނަމާދުކޮށްފައިވަނީ މޫދުން ވުޟޫކޮށްގެންނެވެ.

މިމަހުގެ 16 ވަނަ ދުވަހުގެ ފަތިހުގެ ވަގުތެއްގައި ހައިވޭއިން ހުޅުމާލެއަށް ދަތުރުކުރަމުން ދިޔަ ކާރެއް ހޮޅިދަނޑިއެއްގައި ޖެހި އެކްސިޑެންޓު ވެފައިވާކަމުގެ ރިޕޯޓު އެ ދުވަހުގެ ފަތިހު 5:00 ހާއިރު ހުށަހަޅާފައިވާ ކަމަށް ފުލުހުން ބުނެއެވެ. ފުލުހުން ބުނީ އެ ހާދިސާގައި އެއްވެސް މީހަކަށް ގެއްލުން ލިބިފައި ނުވާ ކަމަށާއި ނަމަވެސް ކާރަަށް އެކި ވަރުގެ ގެއްލުން ލިބިފައިވާކަމަށެވެ.

ފުލުހުން ބުނީ ކާރު ދުއްވަން އިނީ 39 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށާއި އޭނާގެ އަތުގައި ކާރު ދުއްވުމުގެ ލައިސަންސް އޮތް ކަމަށެވެ.

ހައިވޭގައި މީހަކު ނަމާދު ކުރާ ވީޑިއޯ އާންމުވުމާ ގުޅިގެން ބައެއް މީހުން ދިޔައީ އޭނާ ނަމާދަށް ހުރީ މަސްތުގެ ހާލަތުގައި ކަމަށް ބުނަމުންނެވެ. ނަމަވެސް އެކަން ދޮގުކޮށް ފުލުހުން ބުނީ، އެމީހާ ނަމާދުކުރި ސަރަހައްދަށް ގޮސް ބެލިބެލުމުން އޭނާ ހުރީ މަސްތުގެ ހާލުގައި ނޫންކަން އެނގިފައިވާ ކަމަށެވެ.