ޚަބަރު

ފުލުހުންނާއި ސިފައިންނަށް ފްރަންޓްލައިން އެލަވަންސްގެ ގޮތުގައި 44.5 މިލިއަން ރުފިޔާ ދޫކޮށްފި

ކޮވިޑް 19އާ ގުޅިގެން ކުރީ ސަފުގައި މަސައްކަތް ކުރާ ފުލުހުންނާއި ސިފައިންނަށް ފްރަންޓްލައިން އެލަވަންސްގެ ގޮތުގައި 44.5 މިލިއަން ރުފިޔާ ދޫކޮށްފިއެވެ.

ފިނޭންސް މިނިސްޓްރީން ބުނީ ކޮވިޑާ ގުޅިގެން ދެވޭ ފުރަންޓްލައިން އެލަވަންސްގެ ގޮތުގައި އެމްއެންޑީއެފާއި ޕޮލިހުގެ 6518 މުވައްޒަފުންނަށް 44.5 މިލިއަން ރުފިޔާ އިއްޔެ ޖަމާކޮށްދީފައިވާ ކަމަށެވެ.

ފްރަންޓްލައިން އެލަވަންސްގެ ގޮތުގައި އެމްއެންޑީއެފްގެ 3334 މުވައްޒަފުންނަށް ވަނީ 24 މިލިއަން ރުފިޔާ ދޫކޮށްފައެވެ. އަދި ފުލުހުންގެ 3184 މުވައްޒަފުންނަށް ވަނީ 20.5 މިލިއަން ރުފިޔާ ދޫކޮށްފައެވެ.

އެ އަދަދާއެކު ފްރަންޓްލައިން އެލަވަންސްގެ ގޮތުގައި މިހާތަނަށް ޖުމުލަ 78 މިލިއަން ރުފިޔާ ދޫކުރެވިފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން މައުލޫމާތުދެއެވެ.

ފުލުހުންނާއި ސިފައިންނަށް ފްރަންޓްލައިން އެލަވަންސް ދިނުމުގައި ވަނީ ލަސްތަކެއް ވެފައެވެ. ފިނޭންސުން ބުނެފައިވާ ގޮތުގައި ފުލުހުންނާއި ސިފައިންނަށް އެލަވަންސް ދިނުން ލަސްވެފައިވަނީ އެ ދެ މުއައްސަސާގެ މުވައްޒަފުންނަށް އެލަވަންސް ދިނުމުގެ އުސޫލާ ގުޅޭގޮތުން ބައެއް ކަންތައްތައް ނިންމަން ޖެހުމުންނެވެ.

ފްރަންޓްލައިން އެލަވަންސް ދެނީ ތިން ގިންތިއަކަށް ބަހާލައިގެންނެވެ. އެގޮތުން ހައިރިސްކު ކެޓަގަރީގައި ހިމެނޭ ފަރާތްތަކަށް މަސައްކަތަށް ނުކުންނަ ކޮންމެ ދުވަހަކަށް 500 ރުފިޔާ ދޭއިރު މީޑިއަމް ރިސްކު ކެޓަގަރީއަށް ދުވާލަކަށް 250 އަދި ލޯ ރިސްކު ކެޓަގަރީއަށް 200 ރުފިޔާ ދުވާލަކަށް ދެއެވެ.