ޚަބަރު

ބަޖެޓް ސަޕޯޓުގެ ގޮތުގައި ރާއްޖެއަށް ދޭ 250 މިލިއަން ޑޮލަރު އިންޑިއާ ސަރުކާރުން އެޕްރޫވްކޮށްފި

ކޮވިޑް 19ގެ ސަބަބުން ރާއްޖޭގެ އިގުތިސާދަށް ލިބިފައިވާ ގެއްލުންތަކުން އަރައިގަތުމަށް ބަޖެޓް ސަޕޯޓުގެ ގޮތުގައި އިންޑިއާއިން ރާއްޖެއަށް ދޭން ނިންމި 250 މިލިއަން ޑޮލަރުގެ ލޯނު އެހީ އެޕްރޫވްކޮށްފިއެވެ.

އިންޑިއާ އެމްބަސީން މައުލޫމާތު ދޭ ގޮތުގައި ރާއްޖެއަށް ދޭ 250 މިލިއަން ޑޮލަރުގެ ލޯނު އެހީ އިންޑިއާ ސަރުކާރުން އެޕްރޫވްކޮށްފައިވަނީ އިއްޔެއެވެ.

އިންޑިއާގެ ނިއު ދިއްލީގައި އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި އިންޑިއާ ސަރުކާރާއި ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި)އާ ދެމެދު ވަނީ ސޮވެރިން ގެރެންޓީ އެއްބަސްވުމުގައި ސޮއިކޮށްފައެވެ. އިންޑިއާ ސަރުކާރުން ރާއްޖެއަށް ލޯނު އެހީ ދިނުމަށް ހަމަޖެހިފައިވަނީ އެސްބީއައި މެދުވެރިކޮށެވެ.

އިންޑިއާ ސަރުކާރުން ރާއްޖެއަށް އެ ލޯނު ދިނުމަށް ނިންމާފައިވަނީ ދިހަ އަހަރު ދުވަހުގެ ތެރޭ ދައްކާ ހަލާސްކުރާ ގޮތަށެވެ. އަދި އެ ލޯނުގެ އިންޓަރެސްޓްގެ ގޮތުގައި ނަގަނީ 3.5 ޕަސަންޓެވެ. ކޮވިޑާ ގުޅިގެން ލިބިފައިވާ ގެއްލުމުން އަރައިގަތުމަށް އިންޑިއާ ސަރުކާރުން ފައިސާގެ އެހީތެރިކަން ފޯރުކޮށްދޭ ހަމައެކަނި ގައުމަކީ ރާއްޖެއެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމާ ހަވާލުވެވަޑައިގެންނެވުމަށްފަހު އިންޑިއާއަށް ކުރެއްވި ދަތުރުފުޅެއްގައި ވެސް އެގައުމުން ވަނީ ލައިން އޮފް ކްރެޑިޓްގެ ގޮތުގައި ރާއްޖެއަށް 800 މިލިއަން ޑޮލަރު ހަމަޖައްސައިދީފައެވެ. މި ލައިން އޮފް ކްރެޑިޓްގެ ދަށުން ދިވެހި ސަރުކާރުން ހުށަހަޅާ މަޝްރޫއުތަކަށް އިންޑިއާގެ އެގްޒިމް ބޭންކުން ލޯނު ދޫކުރާނެއެވެ. މި ލޯނުތަކަކީ ވެސް ފަސް އަހަރު ފަހުން ދައްކަން ފަށައި 15 އަހަރު ދުވަހުގެ ތެރޭގައި ހަލާސް ކުރަން ޖެހޭ ލޯނުތަކެކެވެ. މި ލޯނުތަކުގެ އިންޓަރެސްޓް ރޭޓަކީ 1.75 ޕަސެންޓެވެ.