ލުއި ރިޕޯޓް

ކުޅި މަޑުކޮށްތަ؟ ނޫނީ ކުޅި ގަދަކޮށްތަ؟

އީމާ މުހައްމަދު ވަހީދު

މިރުހަކީ ދިވެހިންގެ ދިރިއުޅުމާ އެންމެ އިހު ޒަމާނުއްސުރެވެސް ވަރަށް ބޮޑަށް ގުޅިފައިވާ އެއްޗެކެވެ. ދިވެހިންގެ ކެއުމާއި ގުޅިފައިވަނީ ހަމައެކަނި ވަކި ވައްތަރެއްގެ މިރުހެއް ނޫނެވެ. ގިތެޔޮ މިރުހާއި ތޮޅި މިރުހާއި މިހެން ގޮސް މިރުހުގެ ހުރިހާ ބާވަތަކީ ވެސް ދިވެހި ބަދިގެތަކުން އަބަދުވެސް އަހަރެމެންނަށް ފެންނަ ބާވަތްތަކެވެ. ދިވެހީންގެ ކެއުންބުއިމުގެ އެންމެ އިހު ޒަމާނުއްސުރެވެސް މިރުހުގެ ބައި ހިމެނިފައި ވެއެވެ.

ދިވެހިވަންތަ ކެއުންތަކުގައި ހާއްސަކޮށް ލޮނު އެއްޗެހި ތައްޔާރުކުރާނަމަ މިރުސްކޮޅެއް ނާޅައިނަމަ އެ ކައްކާ އެއްޗެއް ފުރިހަމައެއް ވެސް ނުވެއެވެ. ދިވެހިންގެ ތެރޭގައި މިރުހަކީ ވަރަށް ހިނގާ އެއްޗަކަށް ވިޔަސް ދެބަސް ނުވެވޭނެ ހަގީގަތަކީ އެހާ ގިނައިން މިރުސް އަޅައިގެން ކުޅި ގަދަކޮށް ނުކެވޭ މީހުންވެސް އުޅޭ ކަމެވެ. ހަމައެގޮތަށް ކުޅިއަރައިގެން ގޮސް ލޮލުން ފެންނަ ނާންނަ ނަމަ ކުޅި ރަހަ ނުލާ މީހުންވެސް މަދެއް ނޫނެވެ. އެއްބަަޔަކަށް ކުޅި މަޑުކޮށް މީރުއިރު އެނެއްބައި މީހުންނަށް ރަނގަޅީ ކުޅި ގަދަވި ވަރެކެވެ. ބުނަން މިއުޅޭ ވާހަކައަކީ ދިވެއްސެއް ވިއްޔާ ކެއުމުގައި އެއްވެސް ވަރަކަށް ކުޅި ރަހައެއް ނުލާނަމަ ހިތްހަމަ ނުޖެހޭނެ ވާހަކައެވެ. ބައެއް ދިވެހިންނަށް ކުޅި ރަހަ ނުލާ ނަމަ ކާއެއްޗެހި މީރު ކަމަކަށް ނުވެ އެވެ.

ދިވެހިންގެ ތެރެއިން ކުޅިގަދަކޮށް ކެއުމަށް ލޯބިކުރާ މީހުންނަށް ބަލައިލަމާ ހިނގާށެވެ. ބައެއް މީހުންނަކީ ގަރުދިޔައާއި ބަތާއި ނުވަތަ ރިހާކުރާއި ބަތާ ކާއިރު ދެތިން ތޮޅިމިރުސް ބަތްތަށްޓަށް ފިއްތައިގެން ނުވަތަ ކާ މީހުންނެވެ. ރިހާކުރާއި ބަތާ މޮޑެގެން ކާއިރު ލޮނުމިރުސް ހަވާދުކޮޅެއްވެސް ބައެއް މީހުން އަޅައެވެ. އަދި އޭގެ އިތުރުން ކޮންމެ ބަތް ސުވަޔަކަށް ފަހު ހަފައިލަން ކުޅި ގަދަ ތޮޅި މިރުހެއް ވެސް ބޭނުންވާނެއެވެ. މީގެ އިތުރުން ހެދިކާގެ ބާވަތްތަކުގެ ތެރެއިން ހާއްސަކޮށް ކުޅި ބޯކިބާ އާއި ގުޅައާއި މަސްރޮށި ފަދަ ތަކެތި ތައްޔާރުކުރާއިރު ކުޅި ވަސް ގަދަކަމުން ނޭފަތްވެސް ކައިރި ކޮށްލަން ނުކެރޭ ވަރުގެ ގިތޮޔޮ މިރުސް އެ މަސްގަނޑުގެ ރަހަ ހެޔޮވަރުކޮށްލަން އޭގެ ތެރެއަށް ފިއްތައި ނުލެވޭނަމަ ހިތްހަމައެއް ނުޖެހޭނެ އެވެ. ގިނައިން މިރުސް އަޅައިގެން ކުޅިކޮށް ކާން ބޭނުންވާ މީހުން އެވަރުންވެސް ފުއްދައިލަނީ ހިތްހަމަޖެހިގެނެއް ނޫނެވެ. ގޭގައި ދެން ތިބޭ ކުޅިމަޑު މީހުނަށްޓަކައެވެ. ހަގީގަތުގައި އެމީހުންނަށް އެންމެ ހެޔޮވަރީ ކަމުންދާއިރު ވެސް ހޫސް ހޫސް ލައްވަލައްވައި ތިބޭން ޖެހޭ ވަރެވެ. ކަމުންދާ އިރު ނޯށްވެސް ދަމަން ޖެހޭ ވަރެވެ. ނޭފަތާއި ލޮލުން ހެޔޮވަރަކަށް ފެން ނާންނަ ނަމަވެސް މި ފަދަ މީހުންނަށް ކުޅިރަހަ ލާކަމަކަށް ނުވާނެ އެވެ.

ލޮލުން ފެން އަންނަ ވަރަށް ކުޅިކޮށް ކައި ހަދާ މީހުން އުޅޭއިރު ތޮޅި މިރުހުން އެތިކޮޅެއް ހަފައި ލެވުނަސް ކުޅިކަމުން ރޮވޭ މީހުން މަދެއް ނޫނެވެ. ބަތްތައްޓަށް ގިތޮޔޮ މިރުހުގެ ކޮޅުން އެތިކޮޅެއް ނުވަތަ ކަރުގަނޑުން ދެތިން އޮށެއް ލައިގެންވެސް ނުކެވޭ މީހުން މަދެން ނޫނެވެ. އެފަދަ މީހުން ގަރުދިޔާއި ބަތާ އަދި ރިހާކުރާ ބަތާ ކާއިރު ބޭނުންވާނީ ކުޅި ރަހަ "ނަމަކަށް" ހުންނަ މިރުހެވެ. މިރުސް ހުންނަން ވާނެ އެވެ. ނަމަކަށެވެ. މިފަދަ މީހުން ކުޅި ބޯކިބާ އާއި ގުޅަ ބަޖިޔާ ފަދަ ތަކެތި ތައްޔާރުކުރާއިރު އެހާ ގިނައިން މިރުސް ބޭނުމެއް ނުކުރާނެއެވެ. ފާހަގަކޮށްލަން ޖެހޭ ކަމަކީ ބައެއް މީހުން އެހާ ކުޅިކޮށް ނުކަނީ ހަމައެކަނި އެމީހުންނަށް ކުޅިކޮށް ނުކެވޭތީ ނޫންކަމެވެ. ސިއްހީ މައްސަލަތަކާ ހެދި ވެސް ކުޅި މަޑުކޮށް ކާ މީހުން އުޅެއެވެ. ކުޅިގަދަކޮށް ކެއުމުން ނިކަން އަވަހަށް ބަނޑުކައްކާ މީހުންވެސް މަދެއް ނޫނެވެ.

ކުޅިކޮށް ކެއުމަކީ މައްސަލައެއް ނޫނެވެ. އެހެންނަމަވެސް ކުޅިކޮށް ކާ އިރުވެސް އެ އޮންނަ މިންގަނޑެއް ފަހަނަ އަޅައިގެން ދާނަމަ އެއީ މައްސަލައެކެވެ. ހުރިހާ ކަމެއްގައިވެސް މެދުމިންގަނޑެއް ގެންގުޅޭން ޖެހޭ އުސޫލުން ކެއިން ބުއިމުގައިވެސް ބޭނުންވާ ބައިތައް އެ އޮންނަ މިންގަނޑުގައި ހިފެހެއްޓުމުން ރަނގަޅު ވާނެ އެވެ. ކުޅި ގަދަ ކުރާން ވާނީވެސް މަޑުކުރަން ވާނީވެސް އެމިންގަނޑަށް ބަލައިގެންނެވެ.