ކޮވިޑް 19އާ ގުޅިގެން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އާންމުކޮށްފައިވާ ގައިޑްލައިންތަކަށް ސަރުކާރުގެ އޮފީސްތަކާއި ޕަބްލިކް ޓްރާންސްޕޯޓުގެ ހިދުމަތް ފޯރުކޮށްދޭ ތަންތަނުން އަމަލުކުރޭތޯ ބެލުމަށް މާސް އިންސްޕެކްޝަނެއް ކުރިއަށްގެންދިއުމަށް ނިންމައިފިއެވެ.
އެޗްޕީއޭއިން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ، ކޮވިޑް 19އާ ގުޅިގެން އެ އެޖެންސީން އާންމުކޮށްފައިވާ ގައިޑްލައިންތަކާ އެއްގޮތަށް އަމަލުކުރަމުން ގެންދޭތޯ ބެލުމަށްޓަކައި، އެ އެޖެންސީއާއި ސަރުކާރުގެ އެހެނިހެން އިދާރާތައް ގުޅިގެން މިމަހުގެ 20 ވަނަ ދުވަހުން ފެށިގެން ގްރޭޓާ މާލޭ ސަރަހައްދުގައި މާސް އިންސްޕެކްޝަނެއް ހިންގުމަށް ހަމަޖައްސާފައިވާ ކަމަށެވެ.
"މިގޮތުން ސަރުކާރުގެ އޮފީސްތަކާއި، ޕަބްލިކް ޓްރާންސްޕޯޓުގެ ހިދުމަތް ފޯރުކޮށްދޭ ތަންތަން ރެންޑަމްކޮށް އިންސްޕެކްޓް ކުރުމަށް ވަނީ ހަމަޖައްސައިފައެވެ..،" އެ ބަޔާނުގައިވެއެވެ.
މީގެ އިތުރުން އެޗްޕީއޭއިން ބުނީ، އާންމު ހިދުމަތްދޭ ތަންތަނުން ގައިޑްލައިންތަކާ އެއްގޮތަށް އަމަލުކުރޭތޯ ބެލުމުގެ ގޮތުންވެސް މިމަހުގެ 20 ގައި އިސްޕެކްޝަނެއް ކުރިއަށްގެންދަން ހަމަޖައްސާފައިވާ ކަމަށެވެ. އަދި އެ އިންސްޕެކްޝަންގައި ގައިޑްލައިނަށް އަމަލު ނުކުރާ ކަމަށް ފާހަގަކުރެވޭ ތަންތަނާ މެދު ފިޔަވަޅު އަޅާނެ ކަމަށްވެސް ބުންޏެވެ.
އެގޮތުން ގައިޑްލައިނާ ހިލާފުވާ ފުރަތަމަ ފަހަރު 48 ގަޑިއިރަށް ތަން ބަންދުކުރާނެ ކަމަށާއި ދެވަނަ ފަހަރު 72 ގަޑިއިރަށް ތަން ބަންދުކުރުމާއެކު 1000 ރުފިޔާއިން ޖޫރިމަނާކުރެވޭނެ ކަމަށެވެ. އަދި ތިންވަނަ ފަހަރު ފަސް ދުވަސް ވަންދެން ތަން ބަންދުކުރުމާއެކު 1000 ރުފިޔާއިން ޖޫރިމަނާކުރެވޭނެ ކަމަށް ވެސް އެޗްޕީއޭއިން ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު