ޚަބަރު

ހުޅުމީދޫ ބަހާއުއްދީން މަގު ހެދުމުގެ މަޝްރޫއުގެ 85 ޕަސެންޓް މަސައްކަތް ނިމިއްޖެ

މަރިޔަމް ޝަހުދާ

ސ. ހުޅުމީދޫ ބަހާއުއްދީން މަގު ހެދުމުގެ މަޝްރޫއުގެ 85 ޕަސެންޓް މަސައްކަތް ނިމިއްޖެ ކަމަށް އެ މަސައްކަތް ކުރަމުން އަންނަ ކުންފުނި، އެމްޓީސީސީން ބުނެފި އެވެ.

މިދިޔަ އަހަރުގެ މާޗް މަހުގެ 27 ވަނަ ދުވަހު އެމްޓީސީސީއާ މި މަސައްކަތް ހަވާލުކުރީ 42.5 މިލިއަން ރުފިޔާ އަށެވެ. މި މަޝްރޫއުގެ އަމަލީ މަސައްކަތް އެ ކުންފުނިން ފަށާފައިވަނީ މިދިޔަ އަހަރުގެ އޭޕްރިލް އެކެއްގަ އެވެ.

މި މަޝްރޫއުގެ ދަށުން މިއަހަރުގެ ޖޫން މަހުގެ ތެރޭގައި ބަހާއުއްދީން މަގުގައި ތާރު އަޅައި ނިންމާލާފައިވާއިރު އެމްޓީސީސީން މިއަދު ބުނީ، މަގުބައްތި ސަޕްލައިކޮށް ހަރުކުރުމުގެ މަސައްކަތުގެ 48 ޕަސެންޓް މަސައްކަތް މިހާރު ނިމިފައިވާ ކަމަށެވެ.

މި ޕްރޮޖެކްޓުގެ ދަށުން އެ މަގުގައި ސްޓޯމް ވޯޓާ މެނޭޖުމެންޓު ސިސްޓަމެއް ގާއިމްކޮށް، ޕޭވްމެންޓު ހެދުމާއި ޒިބްރާ ކްރޮސިން ގާއިމުކޮށް ސްޕީޑް ބްރޭކަރު ހަރުކުރުމަށް ވެސް ހަމަޖެހިފައިވެ އެވެ.