ދުނިޔެ

އިންޑިއާއިން ކޮވިޑް ޖެހުނު މީހުންގެ އަދަދު ފަސް މިލިއަނަށްވުރެ މައްޗަށް އަރައިފި

މުހައްމަދު އައުޒަމް

އިންޑިއާއިން ކޮވިޑް ޖެހުނު މީހުންގެ އަދަދު ފަސް މިލިއަނަށްވުރެ މައްޗަށް އަރައިފިއެވެ.

ދުނިޔޭގެ ދެވަނައަށް އެންމެ ގިނަ ކޭސް ފެނިފައިވާ އިންޑިއާއިން ވޭތުވެދިޔަ 24 ގަޑިއިރު އެކަނިވެސް 90،000 އަށްވުރެ ގިނަ ކޮވިޑް ކޭސް ފެނިފައި ވެއެވެ.

އިންޑިއާއިން ކޮވިޑް ޖެހިގެން މަރުވި މީހުންގެ އަދަދު 82،066 އަށް އަރާފައިވާއިރު ވޭތުވެދިޔަ 24 ގަޑިއިރު އެގައުމުން 1290 މީހުން މިބަލީގައި މަރުވެފައިވާކަމަށް ރެކޯޑްތަކުން ދައްކައެވެ.

އިންޑިއާގެ ސިއްހީ ދާއިރާއަށް ނުތަކާވަރަށް ކޭސްތައް އިތުރުވެފައިވާކަމަށް އެގައުމުގެ އޮފިޝަލުން ބުނެއެވެ. އެ ގައުމުގައި ބަލިމީހުން އެޑްމިޓްކުރާނެ ވަސީލަތްތަކުގެ އިތުރުން އައިސީޔޫތަކުން އޮކްސިޖަންވެސް ލިބުމަށް ދަތިވެފައިވެފައި ކަމަށް ސިއްހީ އެހީތެރީން ދަނީ ބުނަމުންނެވެ.

އިންޑިއާގައި ކޮވިޑް ކޭސްތައް އިތުރުވި ނަމަވެސް އެގައުމުން އަޅާފައިވާ ގިނަ ފިޔަވަޅުތައް ލުއިކުރުމަށް ވަނީ ނިންމައިފައެވެ. އެގޮތުން އެގައުމުގެ އިގްތިސާދު ކޮޅަށް ޖެހުމަށް ބޮޑެތި ލުއިތަކެއް މިހާރުވެސް ވަނީ ދީފައެވެ.