އައްޑޫ ސިޓީގެ މަރަދޫ އަދި މަރަދޫ-ފޭދޫގެ ނަރުދަމާ ނިޒާމު ގާއިމުކުރަން ބޭނުންވާ ހުރިހާ މަސައްކަތެއް ނިންމައި ފެނަކަ ކޯޕަރޭޝަނާ ހަވާލުކޮށްފިއެވެ.
އެ މަސައްކަތް ކުރިއަށްގެންދިޔަ އެމްޓީސީސީން ބުނީ، މަރަދޫފޭދޫ އަދި މަރަދޫގައި ނަރުދަމާ ނިޒާމު ގާއިމުކުރުމުގެ މަސައްކަތް ނިންމައި ފެނަކަ ކޯޕަރޭޝަން ލިމިޓެޑާ ހަވާލުކުރުމުގެ ކުރިން، އެ ދެ ރަށުގެ ޕަމްޕިން ސްޓޭޝަނާއި ޕެނަލް ބޯޑުތައް އަދި ޓްރާންސްފާ ސްޓޭޝަންތައް އެމްޓީސީސީ އާއި ފެނަކަ ކޯޕަރޭޝަން އަދި ކޮންސަލްޓެންޓުންގެ ޓީމުން ބަލައި ފާސްކޮށްފައިވާ ކަމަށެވެ.
އޭގެ އިތުރުން އެ މަޝްރޫއުގެ ދަށުން އެ ދެ ރަށުގައި 10،289 މީޓަރުގެ ހޮޅި ވަޅުލައި، މަރަދޫގެ ޓްރާންސްފާ ސްޓޭޝަންގައި 720 މީޓަރުގެ ސީއައުޓްފޯލްއެއް ވަނީ ގާއިމުކޮށްފައެވެ. އޭގެ އިތުރުން އެމްޓީސީސީގެ ޕްރޮޖެކްޓްސް ޓީމުގެ ފަރާތުން ފެނަކަ ކޯޕަރޭޝަނުގެ މުވައްޒަފުންނަށް ނަރުދަމާ ނިޒާމު ބެލެހެއްޓުމަށް ބޭނުންވާ މައުލޫމާތު ފޯރުކޮށްދިނުމުގެ ގޮތުން ތަމްރީނުކުރުމުގެ ސެޝަންތަކެއް ވެސް ވަނީ ބާއްވައިފައެވެ.
އެމްޓީސީސީން ބުނީ އެ މަޝްރޫއުގެ ދަށުން މިހާރު ކުރިއަށްދަނީ ފޭދޫގެ ސީއައުޓްފްލޯގެ ރެޓިފިކޭޝަން މަސައްކަތް ކަމަށެވެ.
އެންވަޔަރަމަންޓް މިނިސްޓްރީން އެމްޓީސީސީއާ މި މަޝްރޫއު ހަވާލުކުރީ 124 މިލިއަން ރުފިޔާއަށެވެ. މި މަޝްރޫއު އެއްކޮށް ނިންމައިލުމަށް ތާވަލުކޮށްފައިވަނީ އަންނަ ޑިސެމްބަރު މަހުގެ ނިޔަލަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު