ޕްރޮސެކިއުޓާ ޖެނެރަލްގެ ގާނޫނު (ގާނޫނު ނަންބަރު: 2008/9) އަށް ތިންވަނަ އިސްލާހު ގެނައުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ތަސްދީގުކުރައްވައިފިއެވެ.
މި ބިލަކީ މިދިޔަ މަހުގެ 31 ވަނަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ 2020 ވަނަ އަހަރުގެ ދެވަނަ ދައުރުގެ 33 ވަނަ ޖަލްސާގައި ފާސްކުރި ބިލެކެވެ.
ޕްރޮސެކިއުޓާ ޖެނެރަލްގެ ގާނޫނަށް ތިންވަނަ އިސްލާހު ގެނައުމުގެ ބިލާ ގުޅިގެން ޕްރޮސެކިއުޓާ ޖެނެރަލްގެ މަގާމަށް އައްޔަންކުރެވޭ ފަރާތްތަކަށް، ގާނޫނުއަސާސީންނާއި ގާނޫނުން މަތިކޮށްފައިވާ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އަދާކުރުމުގައި ތައައްސުބުން އެއްކިބާވެ ހުރެ މިނިވަންކަމާއެކު މަސައްކަތްކުރުމަށް މިހާރަށްވުރެ ބޮޑަށް މަގުފަހިވެގެންދާނެއެވެ.
މިގޮތުން މި ބިލުގައި، ޕްރޮސެކިއުޓާ ޖެނެރަލްގެ ޒިންމާ އަދާކުރުމުގައި ހިފަހައްޓަންޖެހޭ ހަމަތަކާއި، އިތުރު ވަޒީފާ އަދާނުކުރުމާއި، މަސްލަހަތު ފުށުއަރާ ވިޔަފާރި ނުކުރުމާއި، މަސްލަހަތު ފުށުއަރާ މައްސަލަތަކުން ދުރުހެލިވުމާއި، ސިޔާސަތުތައް އެކަށައެޅުމާއި، ސުލޫކީ ހަމަތަކާ ހިލާފުވުން ފަދަ ކަންކަމުގައި އަމަލުކުރާނެ ގޮތް ބަޔާންކޮށްފައިވެއެވެ.
މީގެ އިތުރުން މާލީ ހިސާބު ހުށަހެޅުމާއި ސުލޫކީ ހަމަތަކާއި މުވައްޒަފުން ހިލާފުވުމުން އަމަލުކުރާނެ ގޮތުގެ ތަފްސީލު ވެސް މި އިސްލާހުގައި ބަޔާންކޮށްފައިވެއެވެ. ރައީސުލްޖުމްހޫރިއްޔާ މި ބިލު ތަސްދީގު ކުރެއްވުމާ ގުޅިގެން، މި ބިލު ވަނީ ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިއުކޮށްފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު