ޕޮލިސް

މާލޭން ގެއެއް ފާސްކޮށް، ގިނަ އަދަދެއްގެ ފައިސާއާއި މަސްތުވާތަކެއްޗާއެކު ހަތް މީހަކު ހައްޔަރުކޮށްފި

މަރިޔަމް ޝަހުދާ

ފުލުހުންގެ ޑްރަގް އެންފޯސް ޑިޕާޓްމަންޓުން ކުރިއަށް ގެންދިޔަ އޮޕަރޭޝަނެއްގައި މާލޭން ގެއެއް ބަލައިފާސްކޮށް، ގިނަ އަދަދެއްގެ ފައިސާ އާއި މަސްތުވާތަކެއްޗާއެކު ހަތް މީހަކު ހައްޔަރު ކޮށްފި އެވެ.

ފުލުހުން މައުލޫމާތު ދިން ގޮތުގައި ޑްރަގް އެންފޯސް ޑިޕާޓްމަންޓުން ހޯމަ ދުވަހު މި އޮޕަރޭޝަން ކުރިއަށް ގެންގޮސްފައިވަނީ ފުލުހުންގެ ޑްރަގް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެންނެވެ.

މި އޮޕަރޭޝަނުގައި ހަައްޔަރު ކޮށްފައިވަނީ 28 އަހަރުގެ ފިރިހެނަކާއި، 22 އަހަރުގެ ފިރިހެނަކާއި، 25 އަހަރުގެ ފިރިހެނަކާއި، 27 އަހަރުގެ ފިރިހެނަކާއި، 21 އަހަރުގެ ފިރިހެނަކާއި، 26 އަހަރުގެ ފިރިހެނެއްގެ އިތުރުން 19 އަހަރުގެ ފިރިހެނެއް ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

ފުލުހުން މައުލޫމާތު ދިން ގޮތުގައި މި އޮޕަރޭޝަންގައި ހެންވޭރު ގެއެއް ބަލައިފާސްކޮށްފައި ވަނީ ކޯޓު އަމުރެއްގެ ދަށުންނެވެ. އެގޮތުން އެގެއިން މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ އެއްޗެއް ހުރި ފިލްމު ހުސްކުރި 42 ދަޅު، 28 ރަބަރު ޕެކެޓު، 216 ސެލޯފިންކޮޅު އަދި ޖޫސް ޕެޓީ ކޮތަޅެއް ފެނިފައިވާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

މީގެ އިތުރުން މަސްތުވާތަކެތިކަމަށް ޝައްކު ކުރެވޭ އެއްޗަކާއި، ދުންފަތް އަޅާފައިވާ ބިޑިއަކާއި މަނާ ބޭހުގެ 255 ގުޅައިގެ އިތުރުން ބަނގުރާ ފުޅިއެއް ފެނިފައިވާ ކަމަށް ވެސް ފުލުހުން ބުނެއެވެ. އަދި މި ތަކެތީގެ އިތުރުން އެގެއިން 17،150 ރުފިޔާ ފެނިފައިވާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.