ކޮވިޑް 19އަށް ޕޮޒިޓިވް ވެ ފަރުވާދެމުން އަންނަނިކޮށް ރައްޔިތުންގެ މަޖިލީހުގެ ރ. އަތޮޅުގެ ކުރީގެ މެންބަރު އިސްމާއިލް ޒަކަރިއްޔާ އަވަހާރަވުމާއި ގުޅިގެން އެ އާއިލާއަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ތައުޒިޔާ ވިދާޅުވެއްޖެ އެވެ.
ރައީސް އޮފީހުން މައުލޫމާތު ދެއްވި ގޮތުގައި ރ. އަތޮޅުުގެ ކުރީގެ މެންބަރު ޒަކަރިއްޔާ އަވަހާރަވުމާއި ގުޅިގެން ރައީސް ސޯލިހު ވަނީ ޒަކަރިއްޔާގެ އަނބިކަނބަލުން ފާތިމަތު އިބްރާހީމަށް ތައުޒިޔާގެ ސިޓީއެއް ފޮނުއްވައިފައެވެ.
އެގޮތުން މި ސިޓީފުޅުގައި މި ހިތާމައިގައި ބައިވެރިވެވަޑައިގަންނަވައި ފާތިމަތު އިބްރާހީމަށާއި ޒަކަރިއްޔާގެ ބޭފުޅުންގެ އިތުރުން އާއިލާގެ މެންބަރުންނަށް ވަރަށް އިހުލާސްތެރިކަމާއެކު ތައުޒިޔާ ވިދާޅުވެފައިވާ ކަމަށް ރައީސް އޮފީހުން މައުލޫމާތު ދިނެވެ.
މީގެ އިތުރުން ރައީސް ފޮނުއްވި މި ސިޓީފުޅުގައި ޒަކަރިއްޔާއަކީ ރައްޔިތުންގެ މަޖިލީހުގެ ރ. އަތޮޅު މެންބަރުކަން ގިނަ ދުވަހު ކުރައްވާފައިވާ ބޭފުޅެއް ކަން ފާހަގަ ކުރައްވާފައިވާ ކަމަށް ރައީސް އޮފީހުން މައުލޫމާތު ދެއެވެ. އަދި ޒަކަރިއްޔާއަކީ ދިގު މުއްދަތަކަށް ސަރުކާރަށް ހިދުމަތް ކޮށްދެއްވާފައިވާ ބޭފުޅެއް ކަމަށާއި ހާއްސަކޮށް ޔޫތު މިނިސްޓްރީއާއި އެ މިނިސްޓްރީގެ ދަށުން ހިނގަމުންދިޔަ މޯލްޑިވްސް ސެންޓާ ފޯ ސޯޝަލް އެޑިޔުކޭޝަންގެ އެކި މަގާމުތު ތަކުގައި ހުންނަވައިގެން ކޮށްދެއްވި ހިދުމަތްތައް ފާހަގަ ކުރައްވާފައިވާކަމަށް ރައީސް އޮފީހުން މައުލޫމާތު ދެއެވެ.
ރައީސް އޮފީހުން މައުލޫމާތުދިން ގޮތުގައި ޒަކަރިއްޔާ ފުރުއްވާފައިވާ ބައެއް މަގާމުތަކުގެ ތެރޭގައި މޯލްޑިވްސް ސެންޓާ ފޯ ސޯޝަލް އެޑިޔުކޭޝަންގެ މެއިންޓެނަންސް ކޯޑިނޭޓަރު ކަމުގެ މަގާމު، މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސްގެ އެސިސްޓެންޓް ޑިރެކްޓާ ކަމުގެ މަގާމު އަދި ޑިރެކްޓާ ކަމުގެ މަގާމު ހިމެނެއެވެ.
ދިގު މުއްދަތަކަށް ދައުލަތަށް ހިދުމަތް ކުރައްވާފައިވާ އިސްމާއިލް ޒަކަރިއްޔާއަކީ ރާއްޖޭގެ ކުރީގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ ޝާހު އިސްމާއިލްގެ ވެސް ބައްޕައެވެ. އިސްމާއިލް ޒަކައްރިއްޔާ އެންމެ ފަހުން މަސައްކަތްކުރެއްވީ ކުޅިވަރާއި ޒުވާނުންނާ ބެހޭ ވުޒާރާގައެވެ.
ޒަކަރިއްޔާ އަވަހާރަވީ ކޮވިޑް 19އަށް ޕޮޒިޓިވް ވެ ދަރުމަވަންތަ ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަނިކޮށް މިދިޔަ ހޯމަ ދުވަހުއެވެ. އަވަހާރަވިއިރު ޒަކަރިއްޔާގެ އުމުރަކީ 79 އަހަރެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު