ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމެޓީ

ޔާމީނާއި ވަހީދުގެ ވެރިކަމުގައި ހިންގި ކަންކަން ބަލަން ހުށަހެޅި ބިލަށް ހިޔާލު ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފި

އިބްރާހިމް ޒަކީ

ކުރީގެ ރައީސް އަދި އިދިކޮޅު މައި ލީޑަރު އަބްދުﷲ ޔާމީން އަބުދުލްގައްޔޫމާއި ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ވެރިކަމުގައި، 1 ޖެނުއަރީ 2012 އިން ފެށިގެން 17 ނޮވެމްބަރު 2018އާ ދެމެދުގައި ހިނގާފައިވާ ކަންތައްތައް ބަލަން އަމާޒު ކޮށްގެން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި "އިންތިގާލީ އިންސާފުގެ ބިލު" އަށް އާއްމުންގެ ހިޔާލު ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފިއެވެ.

ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު ރަޝީދު ހުށަހެޅުއްވި އެ ބިލު ދިރާސާކުރަމުން ގެންދަނީ ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީ އާއި ޖުޑީޝަރީ ކޮމިޓީ އެކުވެގެން އުފެއްދި ޖޮއިންޓް ކޮމީއެއްގެ ސަބް ކޮމިޓީންނެވެ.

މިބިލަށް އާއްމުންގެ ހިިޔާލު ހުށަހެޅުމަށް ފުރަތަމަ ހުޅުވާލި މުއްދަތު ހަމަވީ މިދިޔަ ހޯމަ ދުވަހަށެވެ. އެހެންކަމުން އެ ދުވަހު ބޭއްވި ކޮމިޓީ ބައްދަލުވުމުގައި، ބިލަށް ހިޔާލު ހުށަހެޅުމަށް އިތުރު ފުރުސަތު ދިނުމާބެހޭގޮތުން ވަނީ މަޝްވަރާ ކޮށްފައެވެ.

އެ ބައްދަލުވުމުގައި ކޮމިޓީގެ މެންބަރުން ވިދާޅުވީ މި ބިލަކީ މުހިއްމު އަދި ރައްޔިތުންނާ ގުޅުން އޮތް ބިލަކަށްވާތީ ވީހާވެސް ފުޅާ ދާއިރާއެއްގައި ބިލަށް ރައްޔިތުންގެ ހިޔާލު ހުށަހެޅުމަށް ދެވޭނެ އެންމެ ބޮޑު ފުރުސަތެއް ދޭން ޖެހޭނެ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން މިއަދު ނެރުނު އިއުލާނެއްގައި ބުނެފައިވަނީ މި ބިލާ ގުޅޭގޮތުން ބާއްވާ ޕަބްލިކް ފޯރަމް ބާއްވަން ނިންމާ ތާރީހުގެ ނިޔަލަށް ބިލަށް އާއްމުން ހިޔާލު ހުށަހެޅުމުގެ މުއްދަތު އިތުރު ކުރުމަށް އެ ބިލު ދިރާސާކުރާ ކޮމިޓީން ނިންމާފައިވާ ކަމަށެވެ.

އެހެންކަމުން މިބިލަށް އެއްވެސް ހިޔާލެއް، ނުވަތަ ކޮމެންޓެއް ވާނަމަ ކޮމިޓީގެ އީމެއިލް އެޑްރެސް [email protected] އަށް މެއިލުން ނުވަތަ މަޖިލީހުގެ އިދާރާއަށް ލިޔުމުން ފޮނުވައިދިނުމަށް އެދޭ ކަމަށްވެސް ބުނެފައި ވެއެވެ.

އިންތިގާލީ އިންސާފުގެ ގާނޫނުން ހާސިލުކުރަން ކަނޑައަޅާފައިވާ ކަންތައްތައް:

  • - ފަރުދުންގެ މެދުގައި ސުލްޙަ މަސަލަސްކަން ގާއިމުކޮށް، މުޖުތަމައު އެއްބައިވަންތަކުރުމަށް މަސައްކަތްކުރުން.
  • - ގައުމުގެ އަމަންއަމާންކަން ދަމަހައްޓައި މަދަނީ މަސަލަސްކަމަށް ޖާގަދިނުމާއި ގާނޫނުގެ ވެރިކަމުގެ މައްޗަށް ބިނާވެފައިވާ ތަހުޒީބީ ދައުލަތެއް އާރާސްތުކޮށް، ރައްޔިތުންނަށް އަދުލު އިންސާފަށް ވާސިލުވެވޭނެ މަގު ތަނަވަސްކޮށްދިނުން.
  • - ދައުލަތުގެ މުއައްސަސާއަކުން ނުވަތަ އެއިން ތަނެއްގެ އިސް ހިންގުންތެރިއެއްގެ ގޮތުގައި މަސައްކަތްކޮށްފައިވާ ނުވަތަ
  • ކުރަމުންދާ ފަރާތަކުން، ނިޒާމީ ސިފައެއްގައި ރާވައިގެން ހިންގި އަމަލެއްގެ - ސަބަބުން މީހެއްގެ އިންސާނީ ހައްގެއް ނިގުޅައިގެންފައިވާނަމަ، އެފަދަ މައްސަލަތައް ދެނެގަނެ، އެކަމުގައި ޒިންމާވާ ދައުލަތުގެ މުއައްސަސާތަކާއި އެކަން ކުރި ފަރާތްތަކުގެ މައްސަލަތައް ބަލައި، ހަގީގަތާ ހަމައަށް ވާސިލުވުން.
  • - ނިޒާމީ ސިފައެއްގައި ރޭވިގެން އިންސާނީ ހައްގުތަކާ ހިލާފު އަމަލުތައް ހިންގުމަށް މެދުވެރިވެފައިވާ ސަބަބުތައް ދެނެގަނެ އެ އަމަލުތަކުގެ ޒާތާއި އެކަން ހިނގާފައިވާ ފުޅާމިން ދެނެގަތުން.
  • - ދައުލަތުގެ މުއައްސަސާއަކުން ނުވަތަ އެއިން ތަނެއްގެ އިސް ހިންގުންތެރިއެއްގެ ގޮތުގައި މަސައްކަތްކުރި ފަރާތަކުން، ނިޒާމީ ސިފައެއްގައި ރާވައިގެން ހިންގި އަމަލެއްގެ ސަބަބުން މީހެއްގެ އިންސާނީ ހައްގެއް ނިގުޅައިގަނެފައިވާނަމަ، އެ އަމަލުތަކަށް ޒިންމާވާ ދައުލަތުގެ މުއައްސަސާތަކާއި ފަރާތްތައް މި ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ދެނެގަނެ، ޖަވާބުދާރީކުރުވުން.
  • - އޮމްބަޑްސްމަންގެ އޮފީހުން ހިންގާ ތަހުގީގަށްފަހު ޖިނާއީ ކުށެއް ކަމުގައިވާ އަމަލުތައް ހިންގި ފަރާތްތަކުގެ މައްޗަށް ޖިނާއީ ދައުވާ އުފުލުމަށްޓަކައި ޕްރޮސިކިއުޓާ ޖެނެރަލަށް އަދި މަދަނީ ދައުވާ އުފުލުމަށްޓަކައި ބަންޑާރަ ނައިބަށް ފޮނުވުން.
  • - އޮމްބަޑްސްމަންގެ އޮފީހުން ހިންގާ ތަހުގީގުގެ އަލީގައި ނިޒާމީ ގޮތެއްގައި ހިންގާފައިވާ އިންސާނީ ހައްގުތަކާ ހިލާފު އަމަލުތަކާއި ޒިންމާ އުފުލަންޖެހޭ ފަރާތްތައް ދެނެގަނެ، އަނިޔާ ލިބިފައިވާ ފަރާތްތަކަށް މި ގާނޫނުގެ ދަށުން ބަދަލު ހޯދައިދީ، އެހީތެރިކަން ފޯރުކޮށްދިނުން.
  • - ނިޒާމީ ސިފައެއްގައި ރާވައިގެން މީހެއްގެ ނުވަތަ ބައެއްގެ އިންސާނީ ހައްގުތައް ނިގުޅައިގަތުމުގައި ބައިވެރިވެފައިވާ ދައުލަތުގެ މުއައްސަސާތައް އިސްލާޙުކުރުމަށްޓަކައި ގެންނަންޖެހޭ ބަދަލުތައް ދެނެގަތުން.
  • - ކުރިއަށްއޮތް ތާނގައި، އެފަދަ އަމަލެއް ނުހިނގާނެކަން ކަށަވަރުކުރުމަށްޓަކައި އެޅޭނެ ފިޔަވަޅުތައް ދެނެގަތުމާއި ކަމާގުޅޭގޮތުން ގެންނަންޖެހޭ އިސްލާޙުތައް ފާހަގަކުރުން.