ވޯލްޑް ޓްރެވަލް އެންޑް ޓޫރިޒަމް ކައުންސިލުން (ޑަބްލިއުޓީޓީސީ) އިން ދޭ "ސޭފް ޓްރެވަލް" ސްޓޭމްޕް ރާއްޖެއަށް ލިބިއްޖެއެވެ.

ޓޫރިޒަމް މިނިސްޓްރީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ވަނީ މި ސްޓޭމްޕް ރާއްޖެއަށް ލިބުނުކަން ކަށަވަރުކޮށްދީފައެވެ. މި ސްޓޭމްޕަކީ ކޮވިޑް 19އާ ގުޅިގެން ޗުއްޓީ ހޭދަކުރުމަށް އެންމެ ރައްކާތެރި މަންޒިލުތަކަށް ޑަބްލިއުޓީޓީސީން ދެމުން އަންނަ ސްޓޭމްޕެކެވެ.

ދެކުނު އޭޝިއާ ސަރަހައްދުން ސްރީލަންކާ އިން ވެސް ވަނީ މީގެ ކުރިން މި ސްޓޭމްޕް ހޯދައިފައެވެ.

ޓޫރިޒަމް މިނިސްޓްރީން ބުނީ، ކޮވިޑާ ދެކޮޅަށް ރާއްޖެއިން އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތައް ޑްބަލިޔުޓީޓީސީން ބަލައިގަންނަ ކަމަށާއި އެކަމަށްޓަކައި އެ ކައުންސިލަށް ޝުކުރު އަދާކުރާ ކަމަށެވެ.

މީގެ އިތުރުން ރާއްޖެއަށް ލިބިފައިވާ ސޭފް ޓްރެވެލް ސްޓޭމްޕަކީ ދުނިޔޭގެ ފަތުރުވެރިކަމުގެ ޖަމިއްޔާއާއި 200 އަށްވުރެ ގިނަ ޓްރެވެލް ކުންފުނިތަކުގެ އެންޑޯޒްމަންޓް ލިބިފައިވާ ސްޓިކާއެއް ކަމަށްވެސް ޓޫރިޒަމް މިނިސްޓްރީން ބުންޏެވެ.

މި ސްޓޭމްޕުގެ ސަބަބުން ކޮވިޑުގެ ދަތުރުފަތުރު ކުރަން ރައްކާތެރި ގައުމުތައް ފަތުރުވެރިންނަށް ފަސޭހަކަމާއެކު ދެނެގަނެވޭނެއެވެ.

ކޮވިޑާ ގުޅިގެން ރާއްޖޭގެ ބޯޑަރު ބަންދުކޮށްފައި އޮތުމަށްފަހު އަލުން ހުޅުވާފައިވަނީ މިދިޔަ ޖުލައި މަހުގެ 15 ވަނަ ދުވަހުއެވެ. އަދި މިއަހަރުގެ މިހާތަނަށް 402،089 ފަތުރުވެރިން ރާއްޖެ އައިސްފައިވެއެވެ.

ކޮވިޑުން ރައްކާތެރިވުމުގެ ފިޔަވަޅެއްގެ ގޮތުން ރާއްޖެއަށް ފަތުރުވެރިންނަށް އެތެރެވެވޭނީ 72 ގަޑިއިރު ހަމަނުވާ ނެގެޓިވް ޕީސީއާރު ޓެސްޓު ނަތީޖާއަކާއެކުގައެވެ.