ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް)ގެ ހުސްވެފައިވާ މެންބަރުކަމުގެ މަގާމަށް އައްޔަންކުރައްވާ ބޭފުޅުންގެ ނަންތައް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު، ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައިފި އެވެ.

އެޗްއާރުސީއެމްގެ ހުސްވެފައިވާ މެންބަރުންގެ މަގާމުތަކަށް ބޭފުޅުން އައްޔަންކުރެއްވުމަށްޓަކައި ރައްޔިތުންގެ މަޖިލީހަށް ނަންތައް ހުށަހަޅުއްވާފައިވަނީ މިދިޔަ ޖުލައި މަހު އެ ކޮމިޝަންގެ މެންބަރަކު ވަކިކޮށްފައިވާތީ އެ މަގާމަށް މެންބަރުން އައްޔަން ކުރެއްވުމަށްޓަކައެވެ.

އެޗްއާރުސީއެމުން ހަތަރު މަގާމެއް ހުސްވީ އެ ކޮމިޝަންގެ ރައީސާކަމުގައި ހުންނެވި އައިމިނަތު އީނާސް އާއި މެންބަރު އައިޝަތު އަފްރީން އާއި މޫސާ އަލީ ކަލޭފާނު އިސްތިއުފާ ދެއްވުމުންނާއި ނައިބު ރައީސް ކަމުގައި ހުންނެވި މުހައްމަދު ޒާހިދު ވަކިކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކުރުމުންނެވެ.

ހުސްވެފައިވާ ހަތަރު މަގާމުގެ ތެރެއިން ތިން މަގާމަކަށް މިދިޔަ އަންގާރަ ދުވަހު ވަނީ ތިން ބޭފުޅަކު އައްޔަން ކުރައްވައިފަ އެވެ. އެއީ އާމިނަތު ޝިފާއަތު އަބްދުއްރައްޒާގު، މުއުމިނާ ވަހީދު، އަދި ޑރ. އަހުމަދު އަދުހަމް އަބްދުالله އެވެ.

އެ ކޮމިޝަނުގައި ދެން އިންނަވާ ނައިވީން އަބްދުﷲގެ މަގާމުގެ ދައުރު ވެސް އަންނަ މަހުގެ ތެރޭގައި ހަމަވާނެ އެވެ. އެހެންކަމުން އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ރައީސް އޮފީހުން ވަނީ ހުޅުވާލައިފަ އެވެ.