ރައްޔިތުންގެ މަޖިލީހުގެ ދައުރު ނިންމައި މަޖިލިސް ޗުއްޓީގައި ވަނިކޮށް، ކުރީގެ ރައީސް އަދި އިދިކޮޅު މައި ލީޑަރު އަބްދުﷲ ޔާމީން އަބުދުލްޤައްޔޫމާއި ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ވެރިކަމުގައި، 1 ޖެނުއަރީ 2012 އިން ފެށިގެން 17 ނޮވެމްބަރު 2018އާ ދެމެދުގައި ހިނގާފައިވާ ކަންތައްތައް ބަލަން އަމާޒު ކޮށްގެން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި އިންތިގާލީ އިންސާފުގެ ބިލު ދިރާސާ ކުރުމުގެ މަސައްކަތް ރައްޔިތުންގެ މަޖިލީހުގެ ކަމާބެހޭ ކޮމިޓީން މިއަދު ފަށައިފި އެވެ.

ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު ރަޝީދު ހުށަހެޅުއްވި އެ ބިލު ދިރާސާކުރަމުން ގެންދަނީ ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީ އާއި ޖުޑީޝަރީ ކޮމިޓީ އެކުވެގެން އުފެއްދި ޖޮއިންޓް ކޮމީއެއްގެ ސަބް ކޮމިޓީންނެވެ. އެ ސަބް ކޮމިޓީގެ މުގައްރިރަކީ، ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފެވެ.

ކޮމިޓީގެ މިއަދުގެ ބައްދަލުވުން ފައްޓަވަމުން މުގައްރިރު ހަސަން ލަތީފު ވިދާޅުވީ، އެ ބިލު އާންމުންނާއި މުއައްސަސާތަކުގެ ހިޔާލަށް ހުޅުވާލާފައިވާ މުއްދަތު އިއްޔެ ހަމަވި އިރު، ބިލަށް ބައެއް ބަދަލުތައް ގެނައުމަށް އެދި ހިޔާލު ފޮނުވާފައިވާ ކަމަށެވެ. ނަމަވެސް އެ ބިލަކީ މުހިންމު އަދި ރައްޔިތުންނާ ގުޅުން ހުރި ބިލެއް ކަމުން، ބިލުގެ މަސައްކަތް ކޮމިޓީން ކުރިއަށްގެންދާއިރު ވެސް ބިލަށް ހިޔާލު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައި ބޭއްވުމަށް ވަނީ ނިންމައިފަ އެވެ.

މިއަދުގެ ކޮމިޓީ ބައްދަލުވުމުގައި ބިލުގެ މަގުސަދުތަަކަަށް ބަދަލުގެނައުމާ ގުޅޭގޮތުންނާއި މައްސަލަތައް ބެލުމަށް ބިލުގައި ކަނޑައަލާފައިވާ ތާރިހުތަކާބެހޭގޮތުން މެންބަރުން މަޝްވަރާކުރި އެވެ. ނަމަވެސް ބައްދަލުވުމުގެ ވަކި ހިސާބަކުން ކޮމިޓީގެ ކޯރަމް ގެއްލުމުން ބިލަށް މާބޮޑު ބަދަލެއް ގެނެވިފައެއް ނުވެއެވެ.

  • - ފަރުދުންގެ މެދުގައި ސުލްޙަ މަސަލަސްކަން ގާއިމުކޮށް، މުޖުތަމައު އެއްބައިވަންތަކުރުމަށް މަސައްކަތްކުރުން.
  • - ގައުމުގެ އަމަންއަމާންކަން ދަމަހައްޓައި މަދަނީ މަސަލަސްކަމަށް ޖާގަދިނުމާއި ގާނޫނުގެ ވެރިކަމުގެ މައްޗަށް ބިނާވެފައިވާ ތަހުޒީބީ ދައުލަތެއް އާރާސްތުކޮށް، ރައްޔިތުންނަށް އަދުލު އިންސާފަށް ވާސިލުވެވޭނެ މަގު ތަނަވަސްކޮށްދިނުން.
  • - ދައުލަތުގެ މުއައްސަސާއަކުން ނުވަތަ އެއިން ތަނެއްގެ އިސް ހިންގުންތެރިއެއްގެ ގޮތުގައި މަސައްކަތްކޮށްފައިވާ ނުވަތަ ކުރަމުންދާ ފަރާތަކުން، ނިޒާމީ ސިފައެއްގައި ރާވައިގެން ހިންގި އަމަލެއްގެ - ސަބަބުން މީހެއްގެ އިންސާނީ ހައްގެއް ނިގުޅައިގެންފައިވާނަމަ، އެފަދަ މައްސަލަތައް ދެނެގަނެ، އެކަމުގައި ޒިންމާވާ ދައުލަތުގެ މުއައްސަސާތަކާއި އެކަން ކުރި ފަރާތްތަކުގެ މައްސަލަތައް ބަލައި، ހަގީގަތާ ހަމައަށް ވާސިލުވުން.
  • - ނިޒާމީ ސިފައެއްގައި ރޭވިގެން އިންސާނީ ހައްގުތަކާ ހިލާފު އަމަލުތައް ހިންގުމަށް މެދުވެރިވެފައިވާ ސަބަބުތައް ދެނެގަނެ އެ އަމަލުތަކުގެ ޒާތާއި އެކަން ހިނގާފައިވާ ފުޅާމިން ދެނެގަތުން.
  • - ދައުލަތުގެ މުއައްސަސާއަކުން ނުވަތަ އެއިން ތަނެއްގެ އިސް ހިންގުންތެރިއެއްގެ ގޮތުގައި މަސައްކަތްކުރި ފަރާތަކުން، ނިޒާމީ ސިފައެއްގައި ރާވައިގެން ހިންގި އަމަލެއްގެ ސަބަބުން މީހެއްގެ އިންސާނީ ހައްގެއް ނިގުޅައިގަނެފައިވާނަމަ، އެ އަމަލުތަކަށް ޒިންމާވާ ދައުލަތުގެ މުއައްސަސާތަކާއި ފަރާތްތައް މި ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ދެނެގަނެ، ޖަވާބުދާރީކުރުވުން.
  • - އޮމްބަޑްސްމަންގެ އޮފީހުން ހިންގާ ތަހުގީގަށްފަހު ޖިނާއީ ކުށެއް ކަމުގައިވާ އަމަލުތައް ހިންގި ފަރާތްތަކުގެ މައްޗަށް ޖިނާއީ ދައުވާ އުފުލުމަށްޓަކައި ޕްރޮސިކިއުޓާ ޖެނެރަލަށް އަދި މަދަނީ ދައުވާ އުފުލުމަށްޓަކައި ބަންޑާރަ ނައިބަށް ފޮނުވުން.
  • - އޮމްބަޑްސްމަންގެ އޮފީހުން ހިންގާ ތަހުގީގުގެ އަލީގައި ނިޒާމީ ގޮތެއްގައި ހިންގާފައިވާ އިންސާނީ ހައްގުތަކާ ހިލާފު އަމަލުތަކާއި ޒިންމާ އުފުލަންޖެހޭ ފަރާތްތައް ދެނެގަނެ، އަނިޔާ ލިބިފައިވާ ފަރާތްތަކަށް މި ގާނޫނުގެ ދަށުން ބަދަލު ހޯދައިދީ، އެހީތެރިކަން ފޯރުކޮށްދިނުން.
  • - ނިޒާމީ ސިފައެއްގައި ރާވައިގެން މީހެއްގެ ނުވަތަ ބައެއްގެ އިންސާނީ ހައްގުތައް ނިގުޅައިގަތުމުގައި ބައިވެރިވެފައިވާ ދައުލަތުގެ މުއައްސަސާތައް އިސްލާޙުކުރުމަށްޓަކައި ގެންނަންޖެހޭ ބަދަލުތައް ދެނެގަތުން.
  • - ކުރިއަށްއޮތް ތާނގައި، އެފަދަ އަމަލެއް ނުހިނގާނެކަން ކަށަވަރުކުރުމަށްޓަކައި އެޅޭނެ ފިޔަވަޅުތައް ދެނެގަތުމާއި ކަމާގުޅޭގޮތުން ގެންނަންޖެހޭ އިސްލާޙުތައް ފާހަގަކުރުން.