ގާޒީންނާއި ފަނޑިޔާރުންގެ މަގާމު ގެއްލުނީމައި، ނުވަތަ އިސްތިއުފާ ދީފައި ސިޔާސީވުމުން އިންސާފާ ދޭތެރޭ ސުވާލު އުފެދޭ ކަމަށް ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ނާއިބު ރައީސް އަހުމަދު ސައުދު ވިދާޅުވެއްޖެއެވެ.

ސައުދު މިހެން ވިދާޅުވީ، ހައި ކޯޓުގެ ކުރީގެ އިސް ފަނޑިޔާރު ޝުޖާއު އުސްމާނު، އިދިކޮޅު ކޯލިޝަންގެ ލޯޔަރުންގެ ޓީމާ ގުޅިވަޑައިގެންފައިވާ މައްސަލައަށް އިޝާރާތްކުރައްވައި މިއަދު ކުރެއްވި ޓުވީޓެއްގައެވެ.

ސައުދު ވިދާޅުވީ ގާޒީން، ގާޒީންގެ ގޮތުގައި، ފަނޑިޔާރުން ފަނޑިޔާރުންގެ ގޮތުގައި، އިއްޒަތްތެރިކޮށް ތިބި ދުވަހަކުން ނޫނީ އިންސާފެއް ނުލިބޭނެ ކަމަށެވެ.

ހައިކޯޓުގެ އިސް ފަނޑިޔާރުގެ ގޮތުގައި ހުންނަވަނިކޮށް، ޝުޖާއު އެ މަގާމުން ވަކިކުރަން ނިންމައި އެ މައްސަލަ، ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ރައްޔިތުންގެ މަޖިލީހަށް ފޮނުވުމުން ފަނޑިޔާރުންގެ ފުރިހަމަ މިނިވަންކަމާއި މުސްތަގިއްލުކަން ގެއްލި، މިނިވަންކަމާއި އަދުލުވެރިކަމާއި ހަމަހަމަކަމާއެކު ވަކި ފަރާތަކަށް ނުޖެހި އިންސާފު ގާއިމުކުރުމުގެ މާހައުލެއް ޝަރުއީ ދާއިރާގައި މި ވަގުތަށް ނެތްކަމަށް ވިދާޅުވެ ޝުޖާއު އުސްމާނު އިސްތިއުފާ ދެއްވީ، މިދިޔަ މަހުގެ 17 ގައެވެ.

އޭނާ މަގާމުން ވަކިކުރަން ޖޭއެސްސީން ނިންމީ، އެންމެ ފަހުން ބޭއްވި ރިޔާސީ އިންތިހާބުގެ ކެމްޕެއިންގެ ތެރޭގައި ގއ. ގެމަނަފުއްޓަށް ނުރަސްމީ ދަތުރެއް ކުރައްވައި، ރިޔާސީ ކެންޑިޑޭޓަކަށް ވޯޓު ހޯދުމަށް މަސައްކަތް ކުރެއްވުމާއި ކްރިމިނަލް ކޯޓުގެ އަމުރެއްގެ ދަށުން ބަންދުކޮށްފައި ހުރި މީހެއްގެ އާއިލާ މީހުންނާ ބައްދަލުކޮށް، އެ މީހުންގެ ވޯޓު ލިބިއްޖެ ނަމަ ބަންދުގައި ހުރި މީހާ މިނިވަން ކުރާނެކަމުގެ މަޝްވަރާކޮށްފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލަ ބެލުމަށްފަހުގައެވެ.

އިސްތިއުފާ ދެއްވުމަށްފަހު ސުޖާއު، އިދިކޮޅު ޕީޕީއެމް ޕީއެންސީގެ ވަކީލުންގެ ޓީމާ ގުޅިވަޑައިގެންފައިވާ އިރު، އިދިކޮޅު ކޯލިޝަނުން ބޭއްވި އެއްވުމަކާ ގުޅިގެން ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ފުލުހަށް ހާޒިރު ކުރުމުން އޭނާގެ ވަކީލެއްގެ ގޮތުގައި ޝުޖާއު ވަނީ ވަޑައިގެންފައެވެ. އޭނާއާއެކު، މަގާމުން ވަކިކުރަން ހުށަހަޅާފައިވަނިކޮށް އިސްތިއުފާ ދެއްވި ކްރިމިނަލް ކޯޓުގެ ކުރީގެ ގާޒީ ހަސަން ނަޖީބު ވެސް އެދުވަހު ވަކީލެއްގެ ގޮތުގައި ވަޑައިގެންނެވިއެވެ.