(އަށާވީސްވަނަ ބައި)

ކޭޓް ބުނެލީ ޔުނާ އަންނަ ހަފްތާގައި އެމްސްޓާޑަމްއަށް އަންނަން ޖެހޭ ވާހަކައެވެ. ޔުނާ އާއި ކޭޓް އެމީހުންގެ އެހެން ދެ އެކުވެރިންނާއެކީ ހަދަން ނިންމާފައިވާ ދިރާސާގެ މަސައްކަތް އަވަސްވީ ވާހަކަ ބުނަމުންނެވެ. ޔުނާއަށް އެ ވާހަކައިން ލިބުނީ ޙައިރާންކަމެކެވެ. މީގެ ދެ މަސްފަހުން އަންނަ އިމްތިޙާނަށްފަހު އެންމެން ވެގެން ހަދަން ރާވާފައިވި އެ ދިރާސާގެ މަސައްކަތް އަވަސްކުރަންވީ ސަބަބެއް ނުވިސްނުމުންނެވެ.

"އެކަމަކު އެއީ ކީއްވެ ކޭޓް؟ އިމްތިޙާންތައް ކައިރިވެފަ އޮތްވާ ދަސްކުރަން ވެސް ވަގުތު މަދުވާނެއެއްނު؟ އަދި އެހެން ނޫނަސް މިއީ އަހަރުމެން އިސްނަގައިގެން ހަދާ ދިރާސާއެއް. އަހަރުމެން ބޭނުން ދުވަސްވަރެއްގަ ހެދިދާނެއެއްނު؟" ޔުނާ އިނގިރޭސި ބަހުން ސުވާލުކުރިއެވެ.

"އާނ އެކަމަކު ޗާރލޮޓްއާ އެމާ ބުނަނީ އަވަސްކޮށްލަންވީއޭ. ޗާރލޮޓް ބުނީ އިމްތިޙާންތަކަށްފަހު ތިމަންނަގެ ދައްތަގެ ކައިވެނި އޮންނާތީ ބިޒީއޯ. އެމާވެސް ބުނީ އިމްތިޙާންތަކަށްފަހު އަމިއްލަ ދިރާސާތަކަށް ސަމާލުކަން ދޭންޖެހޭނެ ނޫންހެއްޔޯ؟ އެހެންވީމަ މީތި އަވަހަށް ނިންމާލަންވީއޯ އެދެމީހުން ބުނަނީ. އަހަރެންވެސް އަސްލު ބޭނުންވަނީ ނިންމާލަން. ކެންސަލްއެއް ވެސް ނުކުރެވޭނެދޯ އަހަރުމެންގެ ޕްރޮފެސަރު ކައިރީގަ ވެސް މި ވާހަކަ ބުނެވިފަ އޮތީމަ. އަދި ދިރާސާގެ ބައިވެރިންނަށް ވެސް އަހަރުމެން އަންނާނެ ވާހަކަ އެންގިފަ ހުރީ. ވަރަށް ކަޑަވާނެ ކެންސަލްކޮށްފިއްޔާ..... ޔުނާއަށް މިކޮޅަށް އަންނަން އުދަގުލީތަ؟" ކޭޓް ވެސް އިނގިރޭސިން އެހިއެވެ.

"ނޫނޭ އާ... ދެވިދާނެ. ބަލައިލާނަން އިނގޭ؟" ޔުނާ ވަކި ވިސްނުމެއްނެތި އެއްބަސްވާން އުޅެފައި ޖެހިލުންވީ ހުރެވުނީ އޭނަގެ ގޭގައި ނޫންކަން ހަނދާންވި ވަގުތެވެ. މި ވާހަކަ ޒިހާނާއި ޙިއްސާކޮށްލަންޖެހޭނެކަން އެނގުންވީ އެ ވަގުތެވެ.

"ބަރާބަރު! ޔުނާ ދެކޭ ހިތުން އަހަރުމެން ވެސް މިތިބީ. އަވަހަށް އަންނައްޗޭ!" ކޭޓް ބުންޏެވެ.

"ބަލާނަން އިނގޭ... ބާއި!" ޔުނާ ވެސް ހިނިތުންވުމަކާއި އެކީ ބުނެލިއެވެ. އެއަށްފަހު ކޭޓް އެކޮޅުން ފޯނު ކަނޑާލުމުން ފޯނު ކަންފަތުން ނަގާލިއެވެ. އަދި ޒިހާން އައުމުން ދެންމެ އިވުނު ވާހަކަ ބުނަން ނިންމަމުން އޭނަގެ މަސައްކަތަށް އަނބުރާ ދިޔައެވެ.

**

އެމްސްޓާޑަމްގެ ޕާކެއްގައި ހުރި ބެންޗެއްގައި އިން ކޭޓް ކަންފަތުން ފޯނު ނަގައިލުމާއެކު އޭނަ ކުރިމަތީގައި ހުއްޓި ހުރި މީހާއަށް ބަލައިލިއެވެ.

"ބުނީ ބަލައިލާނަމޯ އާދެވޭތޯ." ކޭޓް އިސްއުފުލައި އެމީހަކަށް ބަލަން އިނދެ ބުންޏެވެ.

"ބަލައިލާނަމޭ؟ ހަހް! އެ ފިރިހެނަކާއި އިން ފަހުން ޔުނާއަށް ދަތުރެއްވެސް ނުކުރެވޭދޯ އޭނަގެ އިޒުނައާނުލާ...." ރަތްކުލައިގެ ޓީޝާޓަކާއި ނޫކުލައިގެ ޖިންސްގައި ހުރި ޒުވާނާ އެ ފަހު ބަސްތައް ބުނެލީ މަލާމާތުގެ ރާގަކަށް އަމިއްލަ އަމިއްލައަށެވެ. އެހެނަސް އެ ބަސްތައް ކޭޓްއަށް އިވުނެވެ.

"ޔުނާ މީހަކާއި އިނީތަ؟ ދެން އެހެންވެއްޖެއްޔާ ކީއްކުރަންތަ ތިއުޅެނީ؟ އަހަރެން ހީކުރީ ޔުނާއާ އަނެއްކާ ގުޅެންވެގެން ކަމަށް އަހަރެން ކައިރި ތިކަން ކުރަން ބުނީ. ޔުނާ އެހެން މީހަކާއި އިނދެގެން އުޅެންޏާ ޔުނާގެ ދިރިއުޅުން ބަރުބާދުކުރަންތަ މިކޮޅަށް ގެންނަން ތިއުޅެނީ؟ އެހެންކަމަށްވަންޏާ އަހަރެން މި ރޭވުމަށް އެހީއެއް ނުވާނަން، ޖިނާހު!" ކޭޓް ހިތްހަމަނުޖެހުމާއެކީ ބުނެލިއެވެ. އެއާއިއެކު އޭނަގެ ކުރިމަތީގައި ހުރި ޖިނާހުގެ ބުމަގޮށްޖެހުނެވެ.

"ޔުނާގެ ދިރިއުޅުން ބަރުބާދު ކުރާކަށް ނުއުޅެން. ޔުނާ އުޅެނީ ވަރަށް ބޮޑު ހިތާމައެއްގަ އެމީހަކާއި ގުޅިގެން. އުފާވާ ކަމަށް މަތިމަތިން ދައްކައިގެން ޔުނާ ހުންނަނީ. މަޖުބޫރުވެގެން ޔުނާ އެމީހަކާ އިނީ. ކޭޓްވެސް ބޭނުންވަނީ ކޭޓްގެ އެކުވެރިޔާ އުފަލުގަ އުޅެން ނޫންތަ؟ އެހެންވީމަ ޔުނާއާއި އޭނަގެ އެ ފިރިމީހާ ވަކިކުރަން އަހަންނަށް އެހީވެދީފާނަންތަ؟" ޖިނާހު ނުހަނު ޖަޒުބާތީ ނަޒަރަކާއެކީ ސުވާލުކުރިއެވެ. ހިމޭންކަމުގެ ވަގުތުކޮޅެއް ވަންދެން ކޭޓް ޖިނާހަށް ބަލަން އިނުމަށްފަހު ވާހަކަ ދެއްކިއެވެ.

"އެންމެ ރަނގަޅު..... އެކަމަކު އަހަރެން ޖިނާހަށް އެހީވާނީ ތި ބުނި ވާހަކައަކީ ކިހާ ވަރެއްގެ ޙަޤީޤަތެއްތޯ ހޯދުމަށްފަހު.... ޔުނާއަކީ އަހަރެންގެ ވަރަށް ގާތް އެކުވެރިއެއް. ދުވަހަކުވެސް ޔުނާއަށް ދެރައެއް ނުދޭނަން." ކޭޓް ސީރިއަސްކަމާއެކީ ބުނެލިއެވެ. އެއަށްފަހު އިތުރު އެއްޗެކޭ ނުބުނެ ބެންޗުން ތެދުވެލަމުން ޖިނާހަށް ފަސްދީފައި ދާން ހިނގައިގަތެވެ. ކޭޓް ދިޔަ ދިމާލަށް ބަލަން ޖިނާހު ހުރީ ރުޅިވެރި ނަޒަރަކާއި އެކީގައެވެ. ކޭޓާއި ދިމާލަށް ބަލަން ހުރެ ޖިނާހު އޭނައަށް އަމާޒުވާނެހެން ނުބައި ބަހެއް ކިޔައިލީ ދަތްކުނޑި ވިކަމުންނެވެ.

**

ޒިހާން އެދުވަހު ގެއަށް އައީ މެންދުރު ނަމާދަށް ފަހުގައެވެ. ޒިހާން އައުމާއި އެކުހެން ޔުނާ އެދުވަހު އޭނައަށް އައި ފޯނު ކޯލުގެ ވާހަކަ ޒިހާނަށް ކިޔައިދިނެވެ.

"އަހަރެން ނުގޮސް އެމީހުންނަށް ފަސޭހައެއްވެސް ނުވާނެ. އެމްސްޓަޑާމްގެ އެކި ދިމަދިމާލުން ހޮވާފަ ތިބި 20 މީހުންގެ ތެރެއިން ކޮންމެ މީހަކު އިންޓަވިއު ކުރަން ޖެހެނީ. އަހަރުމެންގެ 4 މީހުންނަށް އެ މީހުން ބަހާލައިގެން އިންޓަވިއު ކުރަން ނިންމާފަ އޮތީ...." ޔުނާ ތަފްޞީލުކޮށް ކިޔައިދިނެވެ. އެ ވާހަކަ ފެށުނީއްސުރެ ހިތުގައި ނުތަނަވަސްކަމެއް ވެސްވިއެވެ. ޒިހާން އޭނައަށް އެކަން މަނާކޮށްފާނެކަމުގެ ނުތަނަވަސްކަމެވެ. ޢާއްމު ގޮތެއްގައި ދީންވެރި ފިރިން އެމީހުންގެ އަނބިން ގެއިން ނިކުންނަން ފުރުޞަތު ނުދޭ ވާހަކަވެސް އިވިފައި އޮތުމުންނެވެ. އެހެނަސް.....

"ކޫލް! ކޮން ދުވަހަކު ދަނީ؟ އަހަރެން ވެސް ދާނަން!" އެނދުގެ އެއްފަރާތުގައި އިށީނދެ އިނދެ ޔުނާއަށް ފުރިހަމަ ހިނިތުންވުމެއް ދައްކަމުން ޒިހާން ސުވާލުކުރިއެވެ. އެއާއިއެކު ޔުނާ ހުއްޓުން އެރިއެވެ.

"އާރ ޔޫ އޯކޭ ވިތް ދިސް؟" ޔުނާއަށް އަހައިލެވުނެވެ.

"އޮފްކޯސް! އަހަންނަށް ވެސް ޗުއްޓީ ހޭދަކޮށްލެވިދާނެއެއްނު؟ ހެހެ..... އެމްސްޓާޑަމްއަކީ އަހަރެން އެހާ ދާހިތްވާ ތަނެއްނޫން.... އެންމެ ފަހުން އެތަނަށް ދިޔަ ދުވަހު..... އެނީވޭސް ޔުނާ ދާހިތްވޭދޯ؟ ޔުނާ ލައިކްވާ ތަނެއްވީމަ ޔުނާއާއެކީ ދާން ބޭނުންވޭ ވަރަށް ކުރީއްސުރެވެސް...." ޒިހާން ބުންޏެވެ. އޭނަ އެހެން ބުނިއިރު އެތައް ކުލަވަރެއް އެމޫނުމަތިން އަރައި ފޭބިއެވެ. އެމްސްޓާޑަމްއަށް އެންމެ ފަހުން ދިޔަ ދުވަހުގެ ވާހަކަ ދުލުން ބުނެލި ވަގުތު ސިކުންތުކޮޅަކަށް އެމޫނުމަތިން ނުތަނަވަސްކަމާއި ބިރުވެރިކަން ފާޅުވިއެވެ. އެހެނަސް ފަޅި ސިކުންތެއްގެ ތެރޭގައި ޒިހާން ގަދަކަމުން ކަހަލަ ގޮތަކަށް ހިނިތުންވެލަމުން ވާހަކަ ކުރިއަށް ގެންދިޔަ ގޮތް ޔުނާއަށް ފާހަގަވިއެވެ.

"އާރ ޔޫ ރިއަލީ އޯކޭ ވިތް ދިސް ޒިހާން؟" ޔުނާ މިފަހަރު އެ ސުވާލު ކޮށްލީ އެހެން މާނައެއްގައެވެ. އެމްސްޓާޑަމްއަށް ޒިހާން ގޮސްފައި ހުރި ވާހަކަ އެންމެ ފުރަތަމަ އިވުނު ރޭ ކަންތައް ވީ ގޮތް ހަނދާންކުރަމުންނެވެ. ޒިހާންގެ ކިބައިން ފެންނަމުން އެދާ ނަފްސާނީ ޢަލާމާތްތަކަކީ އެމްސްޓާޑަމްއާ ގުޅިފައިވާ ކަންތައްތަކެއްހެން އެވަގުތު ހީވާން ފެށިއެވެ.

"އާނއެކޭ ޔުނާ އިޓްސް ރިއަލީ އޯކޭ. ޔުނާ ކަންބޮޑުނުވޭ. އަހަންނަށް..... އެއްވެސް ގޮތެއްނުވާނެ އިން ޝާ ﷲ!" ޒިހާން އެ ފަހު ޖުމްލަ ބުނެލި ވަގުތު އެމޫނުމަތީގެ ކުލަވަރު އޮއްސި މޭމަތީގައި އެއްއަތް އެޅި މަންޒަރު ޔުނާއަށް ފެނުނެވެ. އެއާއިއެކު ވީ ކަންބޮޑުވުމާއިއެކީ ޔުނާއަށް މުޅިންހެން ޒިހާނާއި ދިމާލަށް އެނބުރިލެވުނެވެ. ޒިހާންގެ ގާތަށް ދާން ޚިޔާލުކުރި ވަގުތު ޒިހާން އަނެއްކާވެސް ގަދަކަމުން ހިނިތުންވެ މަޑުމަޑުން މޭގައި ފިރުމާލިއެވެ. އެއަށްފަހު ތިމަންނަ އެބަ އަންނަމޭ ބުނެލަމުން ކޮޓަރިން ނިކުންނަން ދިޔައެވެ.

ޒިހާން ދިޔަ ދިމާލަށް ބަލަން އިނދެ ޔުނާއަށް ފިކުރެއްގެ ތެރެއަށް ގެއްލެމުން ފުން ނޭވައެއް ދޫކޮށްލެވުނެވެ. ހިނދުކޮޅަކަށް ނަމަވެސް އެމްސްޓާޑަމްއަށް ދިޔުމުގެ ޚިޔާލު ދޫކޮށްލަން ޔުނާގެ ހިތަށްއެރިއެވެ. އެހެނަސް ޒިހާން އެ ބިރުގަންނަ ކަމަކާއި ކުރިމަތިލައިގެން ނޫނީ ޒިހާންގެ އެ ޙާލަތަށް ބަދަލެއް ނާންނާނެހެން ހީވުމުން ޔުނާ އެހެން ގޮތެއް ޚިޔާރުކުރިއެވެ.

***

އެދުވަހު ހަވީރު ސައިގަޑިއަށް އެންމެން ކާ މޭޒު ދޮށަށް އައީ އެކީގައެވެ. ސައި ގަޑީގައި ޒިހާން އެންމެން ގާތު ބުނެލީ އޭނަ ޔުނާއާއިއެކީ ބޭރު ޤައުމަކަށް ދާން އުޅޭ ވާހަކައެވެ. އެންމެން ސުވާލުކުރުމުން ވެސް ޒިހާން އެމްސްޓާޑަމްގެ ނަންނުގަތް ގޮތް ޔުނާއަށް ފާހަގަވިއެވެ. އެ ނަން ކިޔަން އުޅުމުން ވެސް ޒިހާނަށް އުދަގޫތަކެއް ވިކަން ޔުނާއަށް ފާހަގަވިއެވެ.

ސައިގަޑިއަށް އެންމެން އިށީނީ އެކީގައި ކަމަށްވިޔަސް ސައިބޮއި ނިމެމުން ދިޔަދިޔަހެން މޭޒުދޮށުން މީހުން ފައިބަމުން ދިޔައެވެ. އެންމެ ފުރަތަމަ މޭޒުދޮށުން ފޭބީ ޒިހާނާއި މަންހަލްއެވެ. މަންހަލް ޒިހާނާއިއެކީ ފުޓުބޯޅަ ކުޅެން އެދުނު ވަރުން އެދެމީހުން ދިޔައީ ގޭގެ ހާމަ ފެންޑާއަށެވެ. އެ ދެމީހުން ދިޔަތާ މާ ގިނައިރެއްނުވެ ލޫލޫވެސް ދިޔައީ އެ ކުޅިވަރުގެ ފޯރި ނެގުމަށެވެ. އެމީހުން ދިޔަތާ މާގިނައިރެއްނުވެ ޝަކީލާވެސް ސައިބޮއި ނިމުމުން މޭޒުމަތިން ހުސްވި ބައެއް ތަށިތައް ނަގަމުން ބަދިގެ ފަރާތަށް ދިޔައެވެ.

ކާމޭޒުދޮށުގައި ބާކީވީ އެކަކު އަނެކަކުގެ ކުރިމައްޗަށްވާ ގޮތަށް އިށީނދެގެން ތިބި ޒައިނާއާއި ޔުނާއެވެ. އެކަން ފާހަގަވުމާއިއެކު ޒައިނާ ޔުނާއަށް ދެބުމަ އަރުވައިލިއެވެ.

"ކޮބާ ވާހަކަ ދައްކާ ޔުނާ! މިއޮތީ ދެމީހުން އެކަނިވެފަ. ކޮން ވާހަކައެއް ދައްކަން ބޭނުންވީ އެހާ އާރޖެންޓްކޮށް؟" ޒައިނާ ސުވާލުކުރިއެވެ. މަންހަލް ފެންވަރުވަން އޭނަ ދާން އުޅެނިކޮށް ޔުނާ އޭނައާ ވަކިން ވާހަކަ ދައްކަން ބޭނުންވާ ވާހަކަ ބުންޏެވެ. އެ ގަޑީގައި ދެމީހުން ލަސްލަހުން ސައިބޮމުން ދިޔައީ އެ ވާހަކަ ދެއްކުމަށެވެ.

"އަމް..... ތަންކޮޅެއް ސެންސިޓިވް ވާހަކައެއް. ޒިހާނާ ގުޅޭ ގޮތުން. ފަހަރެއްގަ ޒައިނާ ބުނަން ބޭނުންނުވެދާނެ. އެހެންވެއްޖެއްޔާ ވެސް އައި ވިލް އަންޑަސްޓޭންޑް. އެކަމަކު ޒިހާންއަށް ހެލްޕްވާން ބޭނުންވާތީ މިކަން އެނގެން އަހަރެން ވަރަށް ބޭނުން....." ޔުނާ ޖެހިލުންވުމަކާއިއެކީ ވިޔަސް ސާބިތުކަން އެކުލެވިފައިވި އަޑަކުން ބުނެލިއެވެ.

"ހުމް.... ކޮން ވާހަކައެއްތަ އަނެއްކާ؟" ޒައިނާ ދެބުމަ ކައިރި ކޮށްލަމުން ސުވާލުކުރިއެވެ.

"ޒިހާން ކުރީގަ ދިޔަދޯ އެމްސްޓާޑަމްއަށް؟ އެތާނގަ..... ޒިހާނަށް އެއްވެސް ގޯސްކަމެއް ދިމާވެފަތަ ހުރީ؟" ޔުނާ ސުވާލުކުރިއެވެ.

ޔުނާގެ އެ ބަސްތައް އިވުމާއިއެކުހެން ޒައިނާގެ މޫނުމަތީގެ ކުލަވަރުވެސް އޮއްސިގެން ދިޔައެވެ.

"ޒިހާން ބުނީތަ އެއްވެސް އެއްޗެކޭ؟" ޒައިނާ އެހިއެވެ.

"ނޫނޭ..... މުޅިން ކިޔައެއްނުދޭ. މިހާތަނަށް ހަމައެކަނި ކިޔައިދިނީ އެތާނގަ ދުވަސްކޮޅެއް ވަންދެން ޒިހާން ކިޔެވި ވާހަކަ. ކިޔެވުމުގެ އެއްބައި ނިމުނީމަ ސިފައިންގެއަށް ވަންނަން ޚިޔާލުކުރި ވާހަކަ. އެ ވާހަކަ ކިޔައިދިން އިރު ޒާތެއްގެ އެންޒައިޓީ އެޓޭކެއް ޒިހާނަށް އައީ. ވަރަށް އެބަ ވިސްނަން އެދުވަހުއްސުރެ މިކަމާމެދު..... ކިހިނެއްތަވީ ޒިހާނަށް؟" ޔުނާ ހިތުގެ ފުންމިނުން ޒިހާނާއި މެދު ކަންބޮޑުވާ ޙާލުގައި ވާހަކަ ދައްކަމުން ސުވާލުކުރިއެވެ.

ޔުނާ އެ ވާހަކަ ކިޔައިދިންދިންހެން ޒައިނާގެ ލޮލަށް ވެސް ކަރުނަތައް ޖަމާވެ އެ މޫނުމައްޗަށް ހިތާމަވެރިކަން ވެރިވިތަން ޔުނާއަށް ފެނުނެވެ. ހަމަ އެއާއިއެކު އެ ވާހަކަ ދެކެވުނީތީ ހިސާބަކަށް ހިތާމަކުރެވުނެއްކަމަކު ޒިހާނަށް ވެގެން އުޅޭ ގޮތްވެސް އެއްވަރަކަށް ދެނެގަންނަން ބޭނުންވިއެވެ.

"ޒިހާން..... ޒިހާންގެ ބައްޕައާ ދިމާވީ އެތަނުން." ޒައިނާ އެއްދިމާލަކަށް ނަޒަރު ހުއްޓައިގެން އިނދެ އެހެން ބުނެލީ ފެންކަޅިވެފައިވާ ދެލޮލާއި އެކީގައެވެ. އެހިނދު ލިބުނު ޝޮކާއިއެކީ ޔުނާއަށް ޒައިނާއާ ދިމާލަށް ބަލަހައްޓައިގެން އިނދެވުނެވެ.

"ދިގު 5 އަހަރު ވަންދެން ހުއްޓުމެއްނެތި ޒިހާނަށް އަނިޔާކުރި ބައްޕަ އެއީ. އެ ބައްޕަ ނުފެންނަތާ އެތައް ދުވަހެއް ފަހުން އެ ޤައުމުން އޭނައާ ދިމާވީ.... އެރޭ ހީކުރެވުނު ޒިހާން ދެން އަހަރުމެންނަށް ނުފެންނާނެއޭ ވެސް. ވަރަށް ބޮޑަށް ސަކަރާތްވި އެރޭ. އަދި އަހަރުމެންނާ އެހާ ދުރުގަ ހުއްޓާ ޒިހާނަށް އެހެންވީ...." ޒައިނާ އެ ވާހަކަ ކިޔައިދިން އިރު އޭނަގެ ލޮލުން ކަރުނަތައް ފައިބައިގެން އައެވެ. ޔުނާގެ ހިތުގައި އެވަގުތުވެސް ސުވާލުތައް ފުނިޖެހިގެން ދިޔައެއްކަމަކު ޙާލަތަށް ވިސްނައި ހިމޭންކަން ޔުނާ ޚިޔާރުކުރިއެވެ. އެ ހިމޭންކަން ނަގާލީ ވެސް ޒައިނާއެވެ.

"އޭނައަށް ޙައްޤެއް ނޫން ބައްޕަގެ ލަޤަބެއް ވެސް! އެއީ އަހަރެންގެ ނަޒަރުގަ އަހަރެންގެ ޢާއިލާ މީހެއްނޫން! ރުޅިއާދޭ އެ ސޫރަ މަތިން ހަނދާންވިޔަސް. ހިތަށްއަރާ އަހަރުމެންގެ ޒިހާނަށް ހެދިހާ ގޮތެއް އޭނައަށް ހަދާފާނަމޭ!!!" ލޮލުން ކަރުނަތައް އޮހެމުން ދާ ޙާލު ޒައިނާގެ ތުރުތުރު އަޅާ އަޑު ގަދަވެގެން ދިޔަ ވަގުތު ޔުނާ ޒައިނާގެ އަތްމަތީގައި އެއްއަތް އަޅާލީ ޒައިނާ ހަމައަކަށް އެޅުވުމަށެވެ. އެއާއިއެކު ޒައިނާގެ ރުޅިވެރިކަން ހިނދިގެން ދިޔައެވެ. އަދި އޭގެ ބަދަލުގައި ތާޒާ ކަރުނަތައް އެ ލޮލަށް ޖަމާވެ ރަނގަޅަށް ގިސްލެވެން ފެށިއެވެ.

(ނުނިމޭ)