މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް

އާ ސީޕްލޭން ޓާމިނަލްގެ އެކްޒެކެޓިވް ލައުންޖުތައް ކުއްޔަށް ދޭން ހުޅުވާލައިފި

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)ގެ އާ ސީޕްލޭން ޓާމިނަލްގެ ބައިތަކެއް ކުއްޔަށް ހިފާނެ ބަޔަކު ހޯދަން އިއުލާނު ކޮށްފިއެވެ.

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން ބުނީ އާ ސީޕްލޭން ޓާމިނަލް އިމާރާތުގެ "އެކްޒެކެޓިވް ލައުންޖު"ގެ ގޮތުގައި ކަނޑައަޅާފައިވާ ސަރަހައްދުތައް ކުއްޔަށް ހިފާނެ ފަރާތްތަކެއް ހޯދަން ބޭނުންވާ ކަމަށެވެ.

އެމްއޭސީއެލުން ބުނީ މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން މިމަހުގެ 23 ވަނަ ދުވަހުގެ ހެނދުނު 11:00 ގެ ކުރިން، ސިޓީ, ފެކްސް ނުވަތަ އީމެއިލް މެދުވެރިކޮށް ޝައުގުވެރިކަން ފާޅުކުރުމަށް އެދޭ ކަމަށެވެ. ޝައުގުވެރިކަން ފާޅުކުރާ ފަރާތްތަކުން އެފަރާތެއްގެ ފުރިހަމަ ނަމާއި އެޑްރެސް، އީމެއިލް އަދި ގުޅޭނެ ނަންބަރުތައް ފޯރުކޮށްދެއްވަން ވާނެ ކަމަށެވެ. މިގޮތަށް ޝައުގުވެރިކަން ފާޅުކުރާ ފަރާތްތައް ރަޖިސްޓްރީ ކުރެވި، ތައްޔާރު ކުރެވިފައިވާ ބީލަން ފޮތް އީމެއިލް ކުރެވޭނެ ކަމަށް އެކުންފުނިން ބުންޏެވެ.

މި ކަމަށް ކުރިމަތިލާ ފަރާތްތަކަކީ ސީޕްލޭން ނުވަތަ ޓުއޯ ނުވަތަ ރިސޯޓު އޮޕަރޭޓަރަކަށް ވާންވާނެއެވެ. އަދި 10,000 ޑޮލަރު (ނޫނީ އެޔާ އެކަށީގެންވާ ދިވެހި ރުފިޔާ) ބިޑު ސެކިއުރިޓީއެއްގެ ގޮތުގައި ކުއްޔަށް ހިފަން ބޭނުންވާ ކޮންމެ ސަރަހައްދަކަށް ހުށަހަޅަން ވާނެ ކަމަށް އެމްއޭސީއެލުން ބުންޏެވެ

ރަޖިސްޓްރީވާ ފަރާތްތަކުގެ ތެރެއިން ކުރިއަށް ވަޑައިގަންނަވާ ފަރާތްތަކަށް ބާއްވާ އޮޕްޝަނަލް "ސައިޓް ވިޒިޓް" މިމަހުގެ 28 ވަނަ ދުވަހުގެ ހެނދުނު 11:00 ގައި ވީއައިއޭގައި އޮންނާނެއެވެ. ބީލަންތައް ހުންނަން ވާނީ ސިޓީއުރައެއްގައި ބަންދުކޮށްފައި ކަމަށާއި ބީލަންތައް ހުޅުވުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 11 ވަނަ ދުވަހުގެ ހެނދުނު 11:00 ގައި އެމްއޭސީއެލްގަ ކަމަށްވެސް އެކުންފުނިން ބުންޏެވެ.

ދުނިޔޭގެ އެންމެ ބޮޑު ސީޕްލޭން ބޭސް އޮންނަ ރާއްޖޭގެ އާ ސީޕްލޭން ޓާމިނަލްގެ ބިންގާ އަޅާފައިވަނީ 29 ޖެނުއަރީ 2018 ގައެވެ. އެއާޕޯޓުގެ އިރުމަތީ ފަރާތުގައި، އެއާޓްރެފިކް ކޮންޓްރޯލް ޓަވަރުގެ ފުރަގަހަށް ވާ ގޮތަށް އޮންނަ ފަޅުން 3.2 ހެކްޓަރު (32،000 އަކަމީޓަރު)ގެ ބިން ހިއްކައިގެން ހަދާފައިވާ އާ ޓާމިނަލުން އެއް ފަހަރާ 55 ސީޕްލޭނަށް ހިދުމަތް ދެވޭނެއެވެ. އެ އަދަދު 100 އަށް އިތުރުކުރެވޭނެ ކަމަށް ވެސް އެމްއޭސީއެލުން ބުނެއެވެ.

އާ ސީޕްލޭން ޓާމިނަލަކީ ވީއައިއޭ ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން އެމްއޭސީއެލް އިން 55 މިލިއަން ޑޮލަރު (848 މިލިއަން ރުފިޔާ) ހަރަދުކޮށްގެން ހަދާފައިވާ ތަނެކެވެ.

އާ ސީޕްލޭން ޓާމިނަލް ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ) އަށް އެއްކޮށް ދޭން އުޅޭ ކަމަށް ބުނެ މައްސަލަ ހޫނުވިއެވެ. ނަމަވެސް ސަރުކާރުން މިދިޔަ ފެބްރުއަރީ މަހުގެ ތެރޭގައި ވަނީ، ކުރިން މަޝްވަރާކުރި 15 އަހަރުގެ ބަދަލުގައި، ދެ އަހަރުގެ މުއްދަތަކަށް 10.35 ޑޮލަރުގެ ރޭޓުން ސީޕްލޭން ޓާމިނަލުން 6،300 އަކަމީޓަރުގެ ޖާގައެއް ޓީއެމްއޭއަށް ދޭ ގޮތަށް ނިންމައިފައެވެ. ޓީއެމްއޭގެ އިތުރުން މަންޓާއަށް ވެސް މިހާރު އެ ކުންފުނީން ބޭނުންކުރާ ސައިޒުގެ ޖާގައެއް ޓީއެމްއޭއަށް ދިން ރޭޓުގައި ދޭން ވެސް ސަރުކާރުން ވަނީ ނިންމައިފައެވެ. އެއަށްފަހު ބާކީ އޮންނަ 21،000 އަކަމީޓަރު އަލުން ޓެންޑާކޮށް ހުރިހާ ފަރާތްތަކަށް ފުރުސަތު ހުޅުވާލުމަށް ވެސް ސަރުކާރުން ވަނީ ނިންމައިފައެވެ.